އެޗްއާރްސީއެމް

އެޗްއާާރުސީއެމްއިން ކަމެއް ކުރާތަނެއް ނުފެނޭ: އާދަމް ޝަރީފް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅު ވެއްޖެ އެވެ.

އާދަމް ޝަރީފް އެފަދައިން ވިދާޅުވީ ރޭ މަރުވި ހުޅުމާލެ ޖަލުގެ ގައިދީގެ މަރުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި ވާހަކަ ދައްކަވަމުން ނެވެ.

އާދަމް ޝަރީފް މިއަދު ވިދާޅުވީ ގައިދީ މަރުވިކަން ކަރެކްޝަނުން ހިއުމަން ރައިޓްސް ކޮމިޝަނަށް އެންގިކަން އެނގެން އެބައޮތް ކަަމަށާއި ނަމަވެސް މިހާތަނަށް އައިއިރު ވެސް އެ ކޮމިޝަން އޮތީ "ނިދާފައި" ކަަމަށެވެ.

އާދަމް ޝަރީފް ސިފަ ކުރެއްވި ގޮތުގައިު އެޗްއާރުސީއެމަކީ "ދޮންކެޔޮވަކެއް ނޮޅާލުމަށް ފަހު އެއްލާލައިފައި އޮންނަ ތޮށިގަނޑެ"ކެވެ.

"ހަމަ އެއްވެސް ހަރުދަނާ ރަނގަޅުކަމެއް ނެތި އެއިން ނުކުންނާނެ އަރަގެއް ފަރަގެއް ނެތި ހަމަ އެއްވެސް ކަމެއް ނުކުރެވޭ ތަނެއްގެ ގޮތުގައި ފެންނަނީ. އެޗްއާރުސީއެމްއަކުން އެއްވެސް ކަމެއް ނުހިނގާ. އެޗްއާރުސީއެމްގައި ތިބި މުވައްޒަފުން ތަޖުރިބާކާރު މުވައްޒަރުން އެތަނުގެ އިންސްޓްޓިއުޝަނަލް މެމޮރީ އެއްކޮށް ގެއްލިގެން ހިނގައްޖެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މަޖިލީހުގެ އެމްޑީޕީގެ 65 މެމްބަރުންގެ މެޖޯރިޓީއެއް އޮތުމާއެކު އެއްވެސް މަސައްކަތެއް ނުކޮށް ތިބެ ކޮންމެ ގޮތަކަށް އުޅުނަސް މަގާމުގައި ތިބެވޭނެކަން އެޗްއާރުސީއެމްގެ މެމްބަރުންނަށް އެނގޭ ކަަމަށެވެ. ނަމަވެސް އެއީ ކަން އޮންނަންވާނެ ގޮތް ނޫން ކަމަށާއި އެކަން ބަދަލުކުރަން ޖެހޭ ކަމަށެވެ.

"ރައްޔިތުން 65 މެމްބަރުންގެ [މެޖޯރިޓީ] އެމްޑީޕީއަށް ދިނީ، ސަރުކާރަށް އެ ބާރުވެރިކަން ދިނީ ރައްޔިތުންނަށް ސުުލްހަވެރި ކަމާއެކީގައި ރައްޔިތުންނަށް ހަމަޖެހިގެން ލިބިގެން އިންސާފުވެރި ކަމާއެކީގައި ރައްޔިތުންނަށް މަސައްކަތް ކުރެވޭނެ ދިރިއުޅެވާނެކަމުގެ ޔަގީންކަން ހޯދަން." އާދަމް ޝަރީފް ވިދާޅުވި އެވެ.