އެޗްއާރްސީއެމް

ސަމާއުއަށް މަޖިލީހުން ރުހުން ދީފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ހުސް ވެފައިވާ މެމްބަރުގެ މަގާމަށް ގދ. ތިނަދޫ / އަސާގެ، ސަމާއު އަބްދުލް ނަޖީބު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ސަމާއު އެ މަގާމަށް އައްޔަން ކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މީގެ ކުރިން އޮތީ ނިންމަައިފަ އެވެ. އަދި ކޮމިޓީގެ ނިންމުން ފާސްކުރަން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ސަމާއުއަށް ރުހުން ދޭން 42 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އަައްޔަން ކުރަން 14 ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މިދިޔަ ޖުލައި މަހު މަޖިލީހަށް ފޮނުއްވި އެވެ. ނަަމަވެސް ހިއުމަން ރައިޓްސް ކޮމިޓީން ނިންމީ އެ މަގާމަށް އެކަށީގެންވަނީ ސަމާއު ކަމަށެވެ.

ސަމާއު ވަނީ ހިއުމަން ރައިޓްސްއާ ގުޅޭ ދާއިރާަގައި އަށް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ. އަދި ގާނޫނީ ދާއިރާއިން ބެޗެލާޒް އަދި ހިއުމަން ރައިޓްސް ލޯއިން މާސްޓާސް ޑިގްރީ ފުރިހަމަ ކުރައްވައިފަ އެވެ.

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ހުޅުވާލީ އެ ކޮމިޝަންގެ ކުރީގެ މެމްބަރު ނައިވީން އަބްދުﷲ ގެ ދައުރު ހަމަވެ އެ މަގާމު ހުސްވުމުން ނެވެ.

އެޗްއާރުސީއެމް އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. ނަމަވެސް މި ވަގުތު ތިއްބެވީ ހަތަރު މެމްބަރުން ނެވެ. އަދި ކޮމިޝަންގެ ރައީސާއި ނާއިބު ރައީސަކު ނެތެވެ.