ވީއޭއެމް

ވީއޭއެމް އިން ކޯޗުން ހޯދަނީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކޯޗުން ހޯދަން އިއުލާނު ކޮށްފި އެވެ.

ވީއޭއެމް އިން އިއުލާނު ކޮށްފައި ވަނީ އެއް ހެޑް ކޯޗާއި ދެ އެސިސްޓެންޓް ހޯދުމަށެވެ. އެއީ މިއަންނަ އަހަރު އޮންނަ ބައިނަލްއަގްވާމީ މުބާރާތް ތަކުގައި ބައިވެރިވާ ޖޫނިއާ ގައުމީ ޓީމަށެވެ.

ހެޑް ކޯޗަކާއި އެކު ދެ އެސިސްޓެންޓް ކޯޗުން ހޯދަން ވީއޭއެމްއިން އިއުލާނު ކޮށްފައި ވާއިރު، އެ ކޯޗުންނަކީ ވީއޭއެމްގައި ރަޖިސްޓަރީ ވެފައިވާ ކޯޗުންނަށް ވާންޖެހޭނެ އެވެ. އަދި އެފްއައިވީބީ ލެވެލް އެކެއްގެ ކޯޗިން ސެޓްފިކެޓެއް އޮތުމުގެ އިތުރުން، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ވޮލީބޯޅަ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ފަރާތެއް ކަމުގައި ވެސް ވާން ޖެހޭނެ އެވެ.

މަގާމަށް ހޮވޭ ކޯޗުންގެ މުސާރަ ކަޑައަޅާނީ ވީއޭއެމް އާއި މަގާމަށް ހޮވޭ ފަރާތްތައް މަޝްވަރާ ކުރުމަށްފަހު ދެފަރާތުން އެއްބަސްވާ އަގަކަށެވެ.

މި މަގާމު ތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި ކަމަށް އެދި ސިޓީއަކުން ކުރިމަތިލާ މަގާމު އެގޭނެހެން، އަދި ސީވީ އާއި ވޮލީބޯޅަ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ފަރާތެއްކަން އަންގައިދޭ ލިޔެކިއުންތަކާއެކު 2021 ސެޕްޓެމްބަރ 23 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް މަގާމަށް އެދެން ޖެހޭނެ އެވެ.