މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ އަދި ގުޅިވަޑައިނުގަންނަވާ ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެ އެވެ.
މި ދެ ބޭފުޅުން މިރޭ ވަނީ ދިވެހި ޗެނަލްގެ ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން އެމްއެންޕީއާ ގުޅުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. މި މެންބަރުންނަކީ އެމްއެންޕީގެ އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
މެންބަރު މުހުސިން ވިދާޅުވީ ނޫސްވެރިންގެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންނެވީ ފަސް މެންބަރުންގެ ތެރޭގައި ވެވުނު އެއްބަސްވުމެއްގެ ތެރެއިން ކަމަށެވެ. އަދި އެމްއެންޕީއަށް މިހާތަނަށް ސޮއިކޮށްފައިނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވަނީ ބައެއް ކަންބޮޑުވުންތައްވެސް ފާޅު ކުރައްވާފައެވެ. ވިދާޅުވީ މަޖިލީހުގެ އިތުރު މެންބަރުންތަކެއް އެ ޕާޓީއާ ގުޅޭނެ ކަމަށް ބެލެވުނު ނަމަވެސް އައު ދައުރު ފެށި މިހާ ހިސާބަށް އައިއިރުވެސް އިތުރު މެންބަރަކު ގުޅިފައިނުވާ ކަމަށެވެ. އަދި ފުރަތަމަ ބައްދަލްވުމުގައި ރިޔާސީ ރޭހަށް ނިކުންނަވާނެ ކަމަށް ނާޒިމް އިއުލާނު ކުރެއްވި ކުރެއްވުމާމެދުވެސް ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.
މެންބަރު ނަޝީދުވެސް ވިދާޅުވީ އެމްއެންޕީއަށް އަދި ސޮއިކޮށްފައި ނުވާނެ ކަމަށެވެ. އެމްއެންޕީއާއަށް މަސައްކަތް ކޮށް ދިން ނަމަވެސް މިވަގުތު އަދި ކުރިއަށްދާން ބޭނުންވަނީ މިނިވަން މެންބަރެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.
"އަދި މިހާރު ސިޔާސީ ގޮތުން ކުރިއަށްދާން އެންމެ ރަނގަޅު ޕްލެޓްފޯމްތޯ ބަލަން މިތިބީ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އާއި މުހުސިންވެސް ވިދާޅުވީ އެމްއެންޕީއިން ފެނުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. ނަމަވެސް މި ވަގުތަށް އެ ޕާޓީއާއެކު ކުރިއަށް ދިއުމަށް ނިންމި ނިންމުން މަޑުޖައްސާލާފައިވާ ކަމަށެވެ.