ޗެމްޕިއަންސް ލީގް

އަލަށް ކޮލިފައިވި ޔަންގް ބޯއީސް ޔުނައިޓެޑް ލަދުގަންނުވާލައިފި

ޔުއެފާ ޗެމްޕިއަންސް ލީގަށް އަލަށް ކޮލިފައިވި ޔަންގް ބޯއީސް ވަރުގަދަ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް އެޓީމު ލަދުގަންނަވާލައިފި އެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް އަތުން ޔަންގް ބޯއީސް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޔަންގް ބޯއީސް ކުރި ހޯދީ ޔުނައިޓެޑުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ 12 އަހަރަށްފަހު އަލުން ޓީމާއި ގުޅުނު އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ރޮނާލްޑޯ މި ލަނޑު ކާމިޔާބު ކޮށްދިނީ އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އޭގެ ފަހުންވެސް އިދިކޮޅު ގޯލަށް ނުރައްކަތެރި ހަމަލާއެއް ރޮނާލްޑޯ ފޮނުވާލި އެވެ. ނަމަވެސް ޔަންގް ބޯއީސްގެ ކީޕަރު ވަނީ ހުށިޔާރު ކަމާއި އެކު އެބޯޅަ ދިފާއު ކޮށްފަ އެވެ.

މެޗުގެ އޮއިވަރު ބަދަލުވީ ފުރަތަމަ ހާފުގެ 35 ވަަނަ މިނެޓުގައި ޔުނައިޓެޑްގެ ވެންބިސާކާއަށް ރަތް ކާޑު ދެއްކުމުންނެވެ. އޭގެ ފައިދާ ނަގައި ޔަންގް ބޮއީސް ވަނީ ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ.

ޔަންގް ބޯއީސް އިން ނަތީޖާ ހަަމަކުރީ މެޗުގެ 66 ވަނަ މިނެޓުގަ އެވެ. މި ގޯލަކީ އެޓީމުގެ ފޯވަޑް ނަމަލެއޫ ކާމިޔާބު ކޮށްދިން ގޯލެކެވެ. ޔަންގް ބޯއީސްއަށް ލީޑު ލިބުނީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގަ އެވެ. މި ގޯލާއި އެކު ޔަންގް ބޯއީސްގެ ދަނޑު އެއްކޮށް ގުގުމާލި އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު، ބާސެލޯނާ އާއި ބަޔާން މިއުނިކް ކުޅުނު މެޗުން 3-0 ގެ ނަތީޖާ އަކުން ބަޔާން މޮޅުވި އެވެ. ސެވިޔާ އާއި އާރުބީ ސަލްޒްބާގް ކުޅުނު މެޗު 1-1 އިން އެއްވަރު ވިއިރު، ވިޔަރެއާލް އާއި އެޓްލާންޓާ ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާ އަކުންނެވެ. އަދި ލިލްއާއި ވޮލްސްބާގްގެ އިތުރުން ޑައިނަމޯ ކިޔީވް އާއި ބެނެފީޝިއާ ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ. ޒެނިޓް އަތުން ޗެލްސީ 1-0 އިން މޮޅުވިއިރު، ޔުވެންޓަސް މަލްމޯ ބަލިކުރީ 3-0 ގެ ނަތީޖާ އަކުންނެވެ.