ޗެމްޕިއަންސް ލީގް

ރޮނާލްޑޯގެ ގޯލުން ޔުނައިޓެޑް މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ވިޔަރެއާލް ބައްދަލުކުރި މެޗުގެ ފަހު ވަގުތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލުން ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑުގައި ރޭ ވިޔަރެއާލް އާއި ބައްދަލުކުރި މެޗުން އެޓީމު މޮޅުވީ 2-1 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވިޔަރެއާލުން ވަނީ ނުރައްކާތެރި ގިނަ ހަމަލާ ތަކެއް ޔުނައިޓެޑް ކޮޅަށް ފޮނުވާލާފަ އެވެ. މި ހަމަލާތައް ދިފާއު ކުރުމުގައި ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ ވަރަށް ރަނގަޅު ދައުރެއް އަދާކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވަނީސް ވިޔަރެއާލުން ގޯލެއް ޖަހައި ލީޑު ނެގި އެވެ. މި ގޯލަކީ އާރްނާ ޑެންޖޫމާ ދިނަ ޕާހަކުން ޕަކޯ އައިކާސިރް ޖަހައިދިން ގޯލެކެވެ. މި ގޯލާއި އެކު ޔުނައިޓެޑުން ވަނީ ވިޔަރެއާލް ކޮޅަށް ގިނަ ހަމަލާ ތަކެއް އުފައްދަން ފަށާފަ އެވެ. ނަތީޖާ އަކަށްވީ މެޗުގެ 60 ވަނަ މިނެޓުގައި ޔުނައިޓެޑުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރުމެވެ. މި ގޯލަކީ އަލެކްސް ޓެލޭސް ޖެހި ވަރަށް ރީތި ވޮލީ އަކުން ކާމިޔާބު ކުރި ގޯލެކެވެ. މެޗުގެ ފަހު ވަގުތުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މި ނަތީޖާ އާއެކު އެއް މެޗުން ބަލިވެ އަނެއް މެޗުން މޮޅު ވެގެން ޔުނައިޓެޑް އޮތީ ގްރޫޕް އެފްގެ ތިން ވަނައިގަ އެވެ. އެއް މެޗުން މޮޅުވެ އަނެއް މެޗުން އެއްވަރު ކޮށްގެން އެޓްލާންޓާ ގްރޫޕްގެ އެއް ވަނައިގައި އޮތް އިރު، މުބާރާތަށް އަލަށް ކޮލިފައި ވި ޔަންގް ބޯއީސް އޮތީ ދެވަނައިގަ އެވެ. އެއް މެޗުން އެއްވަރުވެ އަނެއް މެޗުން ބަލިވުމުން ވިޔަރެއާލް އޮތީ ގްރޫޕްގެ ފުލުގަ އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، މަލްމާއޯ އަތުން ޒެނިޓް މޮޅުވީ 4-0 ގެ ނަތީޖާ އަކުންނެވެ. ޔުވެންޓަސް އަތުން 1-0 ގެ ނަތީޖާ އަކުން ވަރުގަދަ ޗެލްސީ ބަލިވިއިރު، ޑައިނަމޯ އަތުން ބަޔާން މިއުނިކް މޮޅުވީ 5-0 އިންނެވެ. ލިލް އަތުން ސަލްޒްބާގް 2-1 އިން މޮޅުވިއިރު، ބެންފިކާއިން ބާސެލޯނާ ބަލިކުރީ 3-0 ގެ ނަތީޖާ އަކުންނެވެ.