ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އާއި މެދު އެއްވެސް ރުޅިވެރިކަމެއް ނެތް ކަމަށް އެމްއެންޕީގެ އެއް ބާނީ އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ހުށަހެޅުމަށްފަހު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ މުހުސިނާއި ނަޝީދު ޕާޓީއަށް ސޮއި ނުކުރައްވާ މަޑު ޖައްސާލަން ނިންމެވި ނިންމެވުމަށް އިހްތިރާމް ކުރައްވާ ކަމަށެވެ. އަދިި އެއްވެސް ރުޅިވެރިކަމެއް އެ ދެ މެމްބަރުންނާއި މެދު ނެތް ކަމަށެވެ.
އެބޭފުޅުން އިއްޔެވެސް އެކުގައި ތިއްބެވި ކަމަށާއި އެކަމަކު އެބޭފުޅުން ރޭގެ ވަގުތެއްގައި ނިންމެވީ ޕާޓީއާއި މިވަގުތަށް ދުރަށް ޖެހިލަން ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
"އުންމީދު ކުރަނީ އެބޭފުޅުން އަދި މިކަމުގެ ތެރެއަށް [އެމްއެންޕީއަށް] ވަދެވަޑައިގަންނަވާނެ ކަމަށް" ނާޒިމް ވިދާޅުވި އެވެ.
މީގެ ކުރިން ނަޝީދު އާއި މުހުސިންވެސް ވިދާޅުވީ އެމްއެންޕީން ފެނުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. ނަމަވެސް މި ވަގުތަށް އެ ޕާޓީއާއެކު ކުރިއަށް ދިއުމަށް ނިންމި ނިންމުން މަޑުޖައްސާލާފައިވާ ކަމަށެވެ.
އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ނާޒިމްގެ ދެބެންގެދެދަރި ކޮއްކޮ އަހްމަދު އުޝާމަށް ދީފައިވަނީ މިދިޔަ ޖުލައި 15 ވަނަ ދުވަހު އެވެ.
އެމްއެންޕީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރޭނެ ކަމަށްވެސް އިއުލާން ކޮށްފަ އެވެ.