ފާރިސް މައުމޫން

އެމްއާރްއެމްގެ ރައީސް ކަމަށް ފާރިސް

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ފުރަތަމަ ނެޝަނަލް ކޮންވެންޝަން -- ކޮންގްރެސް --ގެ އެ ޕާޓީގެ ރައީސް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮށީ ދަރިކަލުން ފާރިސް މައުމޫން ކުރިމަތިލައްވައިފި އެވެ.

އެމްއާރްއެމްގެ ސެކްރެޓަރީ ޖެނަރަލް އަބްދުލް އަލީމް ވިދާޅުވީ ޕާޓީގެ ރައީސް ކަމަށް ފާރިސް ކުރިމަތިލައްވާފައިވާ ކަމަށެވެ. އެ މަގާމަށް އެހެން ބޭފުޅަކު ކުރިމަތި ނުލައްވައެވެ.

ޖުމްލަ 12 މަގާމަކަށް އެމްއާރްއެމް އިން ވަނީ ހުޅުވާލާފަ އެވެ. އެންމެ ފާހަގަކޮށްލެވެނީ "އެމްއާރްއެމްގެ ޒައީމް"ގެ ނަމުގައި ބޭފުޅަކު އިންތިހާބު ކުރުމަށް މަގާމެއް އުފައްދަވާ ކުރިމަތިލައްވަން ހުޅުވާލާފައި އޮތުމެވެ. އެ މަގާމަށް ކުރިމަތިލެއްވީ ރަައީސް މައުމޫން އެކަންޏެވެ.

އޭގެ އިތުރުން ޕާޓީގެ ނާއިބު ރައީސް ކަމަށް ވެސް ވަނީ ހުޅުވާލާފަ އެވެ. ނައިބު ރައީސް ކަމަށް ދެ ބޭފުޅަކު އިންތިހާބު ކުރާނެ އެވެ. އެއީ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅެކެވެ.

އެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ. އަންހެން ނާއިބު ރައީސް ކަމަށް ކުރިމަތިލެއްވީ އައިމިނަތު ނާދިރާ އެވެ. އަނެއް މަގާމަށް ޓްރާސްޕޯޓްގެ ޑެޕިއުޓީ ޝިމާޒު އަލީ އާއި މޯލްޑިވްސް ގޭސްގެ ޝަޒައިލް އެވެ.

މީގެ އިތުރުން އެގްޒެކްޓިވް ކޮމެޓީގެ މެންބަރު ކަމަށް 20 ބޭފުޅުން އިންތިހާބު ކުރާނެ އެވެ. އެއީ 10 ފިރިހެނުންނާއި 10 އަންހެނުންނެވެ.

ދެން ހުޅުވާލާފައި އޮތީ ޒުވާނުންގެ ކައުންސިލްގެ ރައީސް ކަމަށާއި ޒުވާނުންގެ ކައުންސިލްގެ ނާއިބު ރައީސް ކަމަށާއި އެ ކައުންސިލަށް އިތުރު 30 މެންބަރުންނެވެ. އެއީ 15 ފިރިހެނުންނާއި 15 އަންހެނުންނެވެ.

އަދި އަންހެނުންގެ ކައުންސިލްގެ ރައީސް ކަމަށާއި ނާއިބު ރައީސް ކަމަށާއި އަންހެނުންގެ ކައުންސިލަށް 20 މެންބަރުން ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އިންތިހާބު ކޮމެޓީ އާއި ސުލޫކު ކޮމެޓީ އާއި އިސްތިއުނާފު ކޮމެޓީއަށް ކޮންމެ ކޮމެޓީއަކަށް ފަސް މެންބަރުން އިންތިހާބު ކުރާނެ އެވެ.

އަންނަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްއާރްއެމްގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަންގައި އިންތިހާބު ކުރާ މި މަގާމުތަކަށް މިއަދުގެ ނިޔަލަށް ހުށައެޅޭނެ އެވެ. ޝަރުތަކީ އެމްއާރްއެމްގެ ދަފްތަރުގައި ހިމެނޭ މެންބަރަކަށް ވުމާއި ޒުވާނުންގެ ކައުންސިލަށް ކުރިމަތިލާ މެންބަރެއް ނަމަ 30 އަހަރު ފުރިފައި ނުވުމެވެ.