ނިއުޒިލޭންޑްގެ ކަނޑުތަކަށް ނިއުކްލިއާ އުޅަނދުތައް ވަނުން މަނާ ކޮށްފައި އޮތް އޮތުން އޮސްޓްރޭލިއާއިން ނިއުކްލިއާ ސަބްމެރީން ލިބިގަތް ނަމަވެސް އެ ގޮތުގައި ދެމި އޮންނާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޖެސިންޑާ އާޑަން ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުން އޮސްޓްރޭލިއާއަށް ޓަކައި ނިއުކްލިއާ އުޅަނދުތަކަށް ނިއުޒިލޭންޑް ކަނޑުގެ ސަރަހައްދު ހުޅުވައި ނުލައްވާނެ އެވެ.
އޮސްޓްރޭލިއާ އާއި އެމެރިކާ އަދި އިނގިރޭސިން ގުޅިގެން ވަނީ މިލިޓަރީ އިއްތިހާދެއް އުފައްދާފަ އެވެ. މައިގަނޑު ބޭނުމަކީ ވާދަވެރިންނާ ކުރިމަތިލުމުގައި އެ ތިން ގައުމު އެކައްޗެއް ކިޔައި އެއްބާރުލުމެވެ.
މި އިއްތިހާދުގެ ތެރެއިން އޮސްޓްރޭލިއާއިން ނިއުކްލިއާ ސަބްމެރީން ހޯދާނެ ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އޮތީ ވިދާޅުވެފަ އެވެ. އޭނާ އަދި ވިދާޅުވީ ސަބްމެރީންތައް އުފައްދާނީ އޮސްޓްރޭލިއާގައި ކަމަށާއި އެމެރިކާއާ އިނގިރޭސިންގެ ފަންނުވެރިންކަން ހޯއްދަވާނެ ކަމަށެވެ.
ސްކޮޓް މޮރިސަން ވިދާޅުވީ ނިއުކްލިއާ ސަބްމެރީން އުފައްދަނީ ހަނގުރާމައަކަށް ތައްޔާރުވުމަށް ނޫން ކަމަށާއި ފަނާ ކުރަނިވި ޚިޔާލެއް ނެތް ނަމަވެސް ގިނަ ވަގުތު ކަނޑުއަޑީގައި ދަތުރު ކުރެވޭ ނިޒާމަކާށް ބޭނުންޖެހިފައި އޮތް ކަމަށެވެ.
އޮސްޓްރޭލިއާއިން ނިއުކްލިއާ ސަބްމެރީން އުފައްދަން މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. އެ ގައުމުން އެންމެ ފުރަމަތަ މަސައްކަތްކުރީ ފްރާންސުން އެހީތެރިކަން ލިބޭތޯ އެވެ. ނަމަވެސް ޕްރޮޖެކްޓް ދިގުލައި ގޮސް މިހާރު އޮތީ އެކަން ނުވާހިސާބުގައި ކަމަށް ބުނެވެ އެވެ. އަނެއްކޮޅުން ފްރާންސްއާއެކު ސޮއި ކުރި އެއްބަސްވުން މާ އަގު ބޮޑު ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.