އެމެރިކާގެ ރައީސް ޖޯ ބައިޑަން ފަރަންސޭސި ރައީސާ ބައްދަލު ކުރައްވައި އެމެރިކާއަށް ހެދުނީ ގޯހެއް ކަމަށް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ފްރާންސާއެކު އޮތް ގުޅުމުގައި ރޫޖެހުނީ އިހުތިޔާރު ކުރެވުނު ކޮސް ސިޔާސަތެއްގެ ސަބަބުން ކަމަށެވެ.
ބައިޑަން ވިދާޅުވި ގޮތުގައި އެމެރިކާއާ ފްރާންސަކީ ދުވަސްވީ އެކުވެރިންނެވެ. އަދި ވިދާޅުވީ ކުނި ޖެހުމުން ހިތާމަ ކުރައްވާ ކަމަށާއި ދެން އެކަހަލަ ގޮތެއް ނުވާނެ ކަމަށެވެ.
"އެއީ މާ ބޮޑަށް ވިސްނާފައި ކުރެވެނުނ ކަމެއް ނޫން،" ޖީ20 ގެ ގައުމުތަކުގެ ވެރިންގެ ސަމިޓްގެ ކުރިން އިޓަލީގައި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއާ ބައްދަލު ކުރައްވައި ބައިޑަން ވިދާޅުވި އެވެ. އޭނާ އެ އިޝާރާތްކުރެއްވީ އެމެރިކާއިން ނިއުކްލިއާ ސަބްމެރީން އޮސްޓްރޭލިއާއަށް ވިއްކަން ކުރެވުނު މުއާމަލާތްތަކަށެވެ.
ބައިޑަން ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާއިން ފްރާންސަށް ދީފައި އޮތް ސަބްމެރިން އޯޑަރު އޮސްޓްރޭލިއާއިން ކެންސަލް ކުރިކަން ފްރާންސަށް ނާންގާ އޮތްކަން އޭނާއަށް އެއިރު އެނގިވަޑައި ނުގަންނަވަ އެވެ. އަދި ވިދާޅުވީ ފްރާންސަށް އެނގިފައި ނެތް ކަމާ މެދު ޝައްކެއް އުފެދުނު ނަމަވެސް ފްރާންސްއާ މަޝްވަރާ ނުކޮށް ކުރިއަށް ވަޑައި ނުގަންނަވާނެ ކަމަށެވެ.
އޮސްޓްރޭލިއާއިން ސަބްމެރީން އުފެއްދުމަށް ފްރާންސަށް ދީފައި އޮތް 90 ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް އުވާލައި އެ މަސައްކަތް ވަނީ އެމެރިކާއަށް ދީފަ އެވެ. އެއީ އެމެރިކާއާ އޮސްޓްރޭލިއާ އަަދި އިނގިރޭސިން ގުޅިގެން އުފެއްދި އަސްކަރީ އެއްބާރުލުން، އޯކަސްއަށް ތަބާވުމަށެވެ.
ބައިޑަންގެ އަރިހުގައި ނޫސްވެރިންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މެކްރޮން ވިދާޅުވީ މެސެޖް ސާފުވެ ވަޑައިގެންފި ކަމަށާއި އެއްމޭޒު ދޮށަށް ވަޑައިގެން އޮޅުން ފިލުވައި ދެއްވުމަކީ ބައިޑަންގެ އިޚްލާސްތެރިކަން ކަމަށެވެ.
"މިހިސާބުން ދެން އޮތް މުހިންމު ކަމަކީ މިފަދަ ހާލަތެއް އަޅުގަނޑުމެންގެ މުސްތަގުބަލަށް ނާންނާނެ ކަމުގެ ޔަގީންކަން ދިނުން،" މެކްރޮން ވިދާޅުވި އެވެ.