އޮސްޓްރޭލިއާ ކަނޑުގެ ސިފައިން ބޭނުން ކުރަން ނިއުކްލިއާ ސަބްމެރީން އުފެއްދުމަށްޓަކައި ފްރާންސްގެ ނޭވަލް ގުރޫޕާއެކު ހަދާފައި އޮތް 90 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ކެންބަރާއިން އުވާލި މައްސަލާގައި ފްރާންސް އޮތީ ވަރަށް ރުޅިގަދަވެފަ އެވެ.
ފްރާންސްގެ ޔޫރަޕިއަން އެފެއާޒް މިނިސްޓަރު ކްލޭމޮން ބޫންނަ ވިދާޅުވީ ފްރާންސް އަތުން ސަބްމެރީން ގަތުމަށް އޮސްޓްރޭލިއާއިން ވެފަައި އޮތް އެއްބަސްވުން ކެންބަރާއިން ކުއްލިއަކަށް އުވާލުން ދޭހަ ކޮށްދެނީ އޮސްޓްރޭލިއާއަކީ ވިޔަފާރީގައި އިތުބާރު ކުރުން ބުއްދިވެރި ގައުމެއް ނޫން ކަމެވެ. އޮސްޓްރޭލިއާއާއެކު ވިޔަފާރި މަޝްވަރާތަކެއް ކުރެވެމުން ދަނިކޮށް އޮސްޓްރޭލިއާއިން ކޮޅުބަދަލު ކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
އޮސްޓްރޭލިއާއިން މިހާރު ވިސްނަނީ ފްރާންސާއެކު ވެފައި އޮތް އެއްބަސްވުން އުވާލާފައި އެމެރިކާ އާއި އިނގިރޭސިވިލާތުން އެހިތެރިކަން ހޯދާށެވެ. މި ތިން ގައުމުން އަސްކަރީ ގޮތުން އެއްބާރުލުމަށްޓާކައި "އޯކަސް" ގެ ނަމުގައި އިއްތިހާދެއް މިދާކަށް ދުވަހު ވަނީ އެކުލަވާލާފަ އެވެ.
އޮސްޓްރޭލިއާ އާއި ޔޫކޭ އަދި ޔޫއެސް ގުޅިގެން "އޯކަސް" އުފެއްދުމުގެ ބޭނުމަކީ އަސްކަރީ ގޮތުން ވާދަވެރިންނާ ކުރިމަތިލުމުގައި މި ތިން ގައުމުން ވަސީލަތްތައް ހިއްސާ ކުރުމެވެ. މިއީ ސީދާ ޗައިނާއަށް ގޮންޖަހަން އުފެއްދި ގުޅުމެކެވެ.
އެމެރިކާއިން އޮސްޓްރޭލިއާއަށް ވިސްނައި ދީފައި އޮތީ އޯކަސްގައި ބައިވެރިވުމުން ކެންބަރާއަށް ބޭނުންވާ ނިއުކްލިއާ ސަބްމެރީން ކުޑަ އަގެއްގައި އުފައްދައިދޭނެ ކަމަށެވެ. އަދި އިނގިރޭސިން ވެސް އޮސްޓްރޭލިއާއަށް ފަންނީ ލަފާ ދޭން އޮތީ ތައްޔާރަށެވެ.
ފްރާންސަށް ލިބެން އޮތް ޑީލެއް އެމެރިކާއާ އިނގިރޭސިންގެ ސަބަބުން ގެއްލިގެން ދިއުމުން ޕެރިހުން ބުނީ އެއީ ތިން ގައުމު ގުޅިގެން ފްރާންސަށް ހިލަމެއް ވެސް ނުވެ ބުރަކަށްޓަށް ޖަހާލި ވަޅިއެއް ކަމަށެވެ.
މަޝްރަހު ލަފާކުރާ މީހުން ބުނާ ގޮތުން މި މައްސަލަ ސަހަލު ގޮތަކަށް ނުނިމޭނެ އެވެ. ފްރާންސާއި އެމެރިކާ އަދި އޮސްޓްރޭލިއާ އަރާރުންވާ ހިސާބަށް ދާނެ އެވެ. މިކަމުގެ ކޮޅުމަތި މިހާރު ވެސް ވަނީ ފެންނަން ފަށާފަ އެވެ. ބަހުގެ ހަމަލާތައް އޮތީ ފެށިފަ އެވެ.