ދުނިޔެ

އޯކަސް ޑީލަކީ ފްރާންސަށް ދިން ލަނޑެއް: އީޔޫ

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ފޮން ޑޭ ލޭޔަން ސީއެންއެންގެ ކްރިސްޓީނާ އަމަންޕޫރަށް އިންޓަވިއު ދެއްވަނީ
0%
0%
100%

އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތް އަދި އެމެރިކާ ގުޅިގެން އުފެއްދި އަސްކަރީ އިއްތިހާދު، އޯކަސް އަކީ ފްރާންސަށް އޮޅުވާލައި ދިން ވަރަށް ބޮޑު ދެރަައެއް ކަމަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ފޮން ޑޭ ލޭޔަން ވިދާޅުވެއްޖެ އެވެ.

ސީއެންއެންގެ ކްރިސްޓީނާ އަމަންޕޫރަށް ދެއްވި އިންޓަވިއުއެއްގައި އީޔޫ ޗީފް ވިދާޅުވީ ފްރާންސާ މެދު އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތް އަދި އެމެރިކާއިން އަމަލު ކުރި ގޮތް ބަލައި ނުގަންނާނެ ކަމަށާއި އެއީ ފްރާންސަށް ދިން ވަރަށް ބޮޑު ލަނޑެއް ކަމަށެވެ.

އުރުސުލާ ފޮން ޑޭ ލޭޔަން ވިދާޅުވި ގޮތުގައި އެ ތިން ގައުމުން ފްރާންސްގެ ކިބައިން މާފަށް އެދެން ޖެހޭނެ އެވެ. އެނޫން ގޮތެއްގައި އޮސްޓްރޭލިއާ އާއެކު މަޝްވަރާ ކުރެވެމުން ގެންދާ ވިޔަފާރި މުއާމަލާތްތަކަށް ޔޫރަޕުން ދޭ އެއްބާރުލުން ނުދޭނެ އެވެ.

އީޔޫ ޗީފް ވިދާޅުވި އޯކަސް އަކީ އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އަދި އެމެރިކާގެ ރައީސް ޖޯ ބައިޑަނަށް އެނގިވަޑައިގެން ތިއްބަވައި ހިންގެވި ވަރަށް ބޮޑު ޖަރީމާއެއް ކަމަށާއި 90 ބިލިއަން ޑޮލަރަކީ މަދު އަދަދެއް ނޫން ކަމަށެވެ.

އޮސްޓްރޭލިއާއިން ކުރިން ވިސްނާފައި އޮތީ ފްރާންސަށް އޯޑަރު ދީގެން އަސްކަރީ ފެންވަރުގެ ސަބްމެރީން އުފެއްދުމަށެވެ. ނަމަވެސް ފްރާންސަށް އިޝާރާތެއް ވެސް ކޮށްނުލައި އޮސްޓްރޭލިއާއިން ޑީލް ކެންސަލް ކޮށްލީ އެވެ.

އޮސްޓްރޭލިއާއިން މިހާރު މަސައްކަތް ކުރަނީ އޯކަސް އިއްތިހާދުން އެއްބާރުލުން ހޯދައި ނިއުކްލިއާ ދަރަޖައިގެ ސަބްމެރީން އެމެރިކާ އާއި އިނގިރޭސިވިލާތުގެ އެހީތެރިކަމާއެކު އުފެއްދުމެވެ.

އޮސްޓްރޭލިއާއިން ބުނި ގޮތުގައި މިލިޓަރީ ފެންވަރަށް ސަބްމެރީން އުފައްދަން ފްރާންސަކަށް ނޭނގެ އެވެ. އަދި ފްރާންސްގެ ޑިޒައިންތައް އޮސްޓްރޭލިއާއަށް ކަމަކު ވެސް ނުދެ އެވެ.

ޖަރުމަނުން ވެސް ވަނީ އޯކަސްއާ މެދު ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. ޖަރުމަނުން ބުނި ގޮތުގައި ފްރާންސަކީ ގާތް އެކުވެރިއެކެވެ. ފްރާންސް އަށް ލަނޑެއް ދީފި ބަޔަކާ މެދު ސީރިއަސްކޮށް ވިސްނާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910