ދުނިޔެ

އެމެރިކާއާ މެދު ނުތަނަވަސްކަން އެބައޮތް: ފްރާންސް

ފްރާންސާ އެމެރިކާއާ ދެމެދު އޮތް ގުޅުން ނުތަނަވަސް ކަމަށް އެ ގައުމުގެ ފޮރިން މިނސްޓަރު، ޖޯ އީވް ލެދުރިއަން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ޕެރިހާ ވޮޝިންޓަނާ ދެމެދު އޮތް ހާސް ކަމަށް ނިމުމެއް އަންނާނެ ދުވަހެއް ވެސް ވިދާޅުވާން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ޕެރިހާ ވޮޝިންޓަނާ ދެމެދު މަޝްވަރާތައް ފެށިގެން ކުރިއަށް ދިޔަ ނަމަވެސް ނުތަނަވަސްކަން އަދި ވެެސް އޮތީ އޮތް ގޮތަށް ކަމަށް ލެދުރިއަން ވިދާޅުވި އެވެ. ދެންނެވެން އޮތްހައި ވާހަކައަކީ ވެސް ގުޅުން ވަރަށް ސީރިއަސް ވެފައިވާ އޮތުން ކަމަށް ވެސް ވިދާޅުވި އެވެ.

ލެދުރިއަން ވިދާޅުވި ގޮތުން ގުޅުން ރަނގަޅު ކުރަން ވޮޝިންޓަނުން ސިރިއަސް މަަސައްކަތްތަކެއް ކުރާ ނަމަ މިފަހަރު އެކަން ދައްކަން ޖެހޭނީ އަމަލުންނެވެ. ބުނެ އިއްވާ ދެތިން ލަފުޒަކުން ނޫނެވެ.

ފްރެންޗް ސެނޭޓް ކޮމިޝަން ގަައި ވާހަކަފުޅު ދައްކަވަމުން ލެދުރިއަން ވިދާޅުވީ ލަންޑަނާ މެދު ވެސް ޕެރިހުން ވިސްނާނެ ކަމަށާއި އިނގިރޭސިން އެތިބީ ވެސް ވައުދާ ހިލާފުވެފައި ކަމަށެވެ. އަދި އެމީހުންގެ ބުނުންތައް ވެސް ވަނީ ބާތިލުވެފައި ކަމަށެވެ.

"އަޅުގަނޑުމެން ލަންޑަނާ މެދު ވަރަށް ސީރިއަސްކޮށް ވިސްނާނަށް،" ލެދުރިއަން ވިދާޅުވި އެވެ. "އެމީހުންނަށް ވެސް އެނގެން ޖެހޭ އެމީހުން އެތިބީ ނުބައި މަގަކުން ހިނގައި ނުބައި ހަދާފައިކަން."

ލެދުރިއަން ވިދާޅުވީ ނޭޓޯއަކި ވަކި ބާރެއް ކަމަށާއި ނޭޓޯއާއެކު އެމެރިކާ އާއި އިނިގިރޭސިވިލާތް ބާއްވާ ގުޅުމަކީ ފްރާންސަށް އޮތް ކަންބޮޑުވުމެއް ނޫން ކަމަށެވެ. އޭނާ އަދި ވިދާޅުވީ ނޭޓޯގެ މަސައްކަތެއްގައި ފްރާންސް ވެސް ބައިވެރިވާނެ ކަމަށާއި އެއްބާރުލާނެ ކަމަށެވެ.

އޮސްޓްރޭލިއާ އަކީ ވެސް ވިޔަފާރީގައި އިތުބާރު ކުރެވޭ ބައިވެރިއެއް ނޫން ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ. އޮސްޓްރޭލިއާއާއެކު ސީރިއަސް ގުޅުމަކަށް ދާނީ އޮސްޓްރޭލިއާއަށް ގޯހެއް ހެދިއްޖެކަން އެމީހުން ގަބޫލު ކުރުމުން ކަމަށް ވަޒީރު ވިދާޅުވި އެވެ.

ފްރާންސުން މިތިން ގައުމަށް ރުޅިގަނޑު ބާލާ ސަބަބަކީ ސެޕްޓެމްބަރު 15 ގައި އެމެރިކާއާ އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތް ގުޅިގެން އޯކަސްގެ ނަމުގައި އަސްކަރީ އިއްތިހާދެއް އުފެއްދުމުންނެވެ. އަދި އޮސްޓްރޭލިއާއިން ސަބްމެރީން އުފައްދަން ފްރާންސަށް ދީފައި އޮތް ކޮންޓްރެޓެއް އަތުލައި އެމެރިކާއަށް ދިނުމުންނެވެ. އޯކަސް އެއްބަސްވުމުގެ ސަބަބުން ފްރާންސްއަށް 66 ބިލިއަން ޑޮލަރު ވަނީ ގެއްލިފަ އެވެ.