ލައިފްސްޓައިލް

ސަލްމާނާއި ޝާހް ރުކްގެ ކެއުމުގެ އާދަތައް ފަރާ ކިޔައިދީފި

މަޝްހޫރު ކޯރިއޮގްރާފަރު އަދި ޑައިރެކްޓަރު ފަރާ ޚާން ދަދިފަހުން ކެއްކުމާ ބެހޭ ޝޯ "ސްޓާ ވާސަސް ފުޑް ސީޒަން 2" ގައި މެހެމާނެއްގެ ގޮތުން ބައިވެރިވި އެވެ. މި ޝޯގައި އަނިލް ކަޕޫރުގެ ކެއްކުމުގެ ހުނަރުތައް އޭނާ ބެލުންތެރިންނަށް ދައްކަ އެވެ. އަދި ޝޯގެ މެހެމާނުންގެ ގޮތުގައި އެކި ފަންނާނުން ކޮންމެ އެޕިސޯޑެއްގައި ވެސް ބައިވެރިވެ އެވެ.

އެންމެ ފަހުން ދެއްކި އެޕިސޯޑުގައި އަނިލްގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވީ ފަރާ އެވެ. ފަރާގެ ވަރަށް ގާތް ދެ އެކުވެރިން އަދި ބޮލީވުޑްގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ސަލްމާން ޚާނާއި ޝާހް ރުކް ޚާނުގެ ކެއުމުގެ އާދަތައް ގެންގުޅޭ ގޮތާ ބެހޭ ގޮތުން އަނިލް ވަނީ ފަރާ އާ ސުވާލު ކޮށްފަ އެވެ.

ފަރާ ބުނި ގޮތުގައި އޭނާއަށް އަބަދުވެސް ފެންނަނީ ޝާހް ރުކް ތަންދޫރީ ޗިކަން ކާ ތަނެވެ. އެއާއެކު ބަތް، ރޮށި އަދި ޕާން ފަދަ އެއްޗެތި ވެސް ނުކައި ހުސް ތަންދޫރީ ޗިކަން އަބަދު ވެސް ޝާހް ރުކް ކާ ކަމަށް ފަރާ ބުންޏެވެ.

ސަލްމާންގެ ހަށިގަނޑު ވަރަށް ފިޓްކޮށް ރީއްޗަށް ހުއްޓަސް އޭނާއަކީ ކެއުމަށް އެއްގޮތަކަށް ވެސް ބަލާ މީހެއް ނޫން ކަމަށް ފަރާ ބުންޏެވެ.

"ބަތް، ބިރިޔާނި، ރޮށި ފަދަ ހުރިހާ އެއްޗިއްސެއް ސަލްމާން ކާނެ. އެކަމަކު ވެސް އެހާ ފިޓްކޮށް ހުންނަނީ،" ފަރާ ބުންޏެވެ.

މި ޝޯގައި އަނިލް ވަނީ އޭނާގެ ކެއުމުގެ އާދަ ހުންނަ ގޮތް ވެސް ކިޔައިދީފަ އެވެ. އަނިލް ބުނި ގޮތުގައި އޭނާ ހެނދުނު ސައިގެ ގޮތުގައި ބޭނުން ކުރަނީ ބިހާއި ޓޯސްޓެވެ. އަދި މަސައްކަތުގައި އުޅޭނަމަ މެންދުރު ނުކާ ކަމަށާއި ގޭގައި ހުންނަ ދުވަސްތަކުގައި މެންދުރު ކެއުން ކާ ކަމަށް އަނިލް ބުންޏެވެ.

އަނިލް ބުނި ގޮތުގައި މެންދުރު އާންމުކޮށް އޭނާ ކަނީ ބަތާއި ކުކުޅު، ކަންބަޅިމަސް ނޫނީ ކަނޑުމަހެވެ.