ގައުމީ ފުޓްބޯޅް ޓީމް

ގައުމީ އަންހެން ޓީމު ތަޖިކިސްތާނަށް

އޭއެފްސީ ވުމަންސް އޭޝިއަން ކަޕްގެ ކޮލިފިކޭޝަން މެޗުތައް ކުޅުމަށް ގައުމީ އަންހެން ޓީމު ތަޖިކިސްތާނަށް ފުރައިފި އެވެ.

ޓީމުގައި ކޯޗުންނާއި އޮފިޝަލުންގެ އިތުރުން 22 ކުޅުންތެރިން ވަނީ ތަޖިކިސްތާނަށް ދަތުރު ކޮށްފައި ވެއެވެ.

އޭޝިއަން ކަޕް ކޮލިފައިން އެއްގައި އަންހެން ޓީމު ބައިވެރިވަން ނިންމާފައި މިވަނީ 11 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން އޭޝިއަން ކަޕް ކޮލިފައިންގައި އަންހެން ޓީމު ބައިވެރި ވެފައި ވަނީ 2010 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އޭޝިއަން ކަޕްގެ ކޮލިފައިންގައި އަންހެން ޓީމު ވާދަ ކުރީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން 2008 ވަނަ އަހަރުގެ ކޮލިފިކޭޝަންގައި ޓީމުން ބައިވެރިވެފައެއް ނުވެ އެވެ. އަނެއްކާ ވެސް 2010 ވަނަ އަހަރު ބައިވެރި ވުމަށްފަހު 2014 އަދި 2016 ގައި ބައިވެރި ނުވެ އެވެ.

ކޮލިފައިންގައި ބައްދަލު ކުރަންޖެހޭ ޓީމުތައް ރޭންކިންގެ ގޮތުން މަތިވުމަކީ ރާއްޖެއަށް މިވަގުތު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މުބަރާތުގެ ކޮލިފައިންގައި ރާއްޖެ ވާދަ ކުރަން ޖެހޭނީ ވިއެޓްނާމް އަދި ތަޖިކިސްތާނާ އެވެ. ރާއްޖެ އާއި އެއް ގްރޫޕެއްގައި މީގެ ކުރިން އަފްގާނިސްތާން އޮތް ނަމަވެސް އެތެރޭގެ ހަމަނުޖެހުންތައް ގިނަވުމުގެ ސަބަބުން އަފްގާނިސްތާން މިފަހަރުގެ މުބާރާތުގައި ނުކުޅޭނެ އެވެ.

ފީފާ ރޭންކިންގައި މިހާރު ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު އޮތީ 144 ވަނައިގަ އެވެ. ފީފާ ރޭންކިންގައި ވިއެޓްނާމް 33 ވަނައިގަ އޮތް އިރު، ތަޖިކިސްތާން އޮތީ 135 ވަނައިގަ އެވެ.

ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާއި ހަވާލުވެހުރި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ)، މުބާރާތަށް ފުރުމުގެ ކުރިން މިއަދު ބުނީ މުބާރާތުގައި ނަތީޖާ ނެރުމެކޭ އެއްވަރަށް މުސްތަގުބަލަށް ކަނޑައަޅާފައިވާ ޓާގެޓުތައް ހާސިލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ޑުންގާ އާއެކު ޓީމުގެ އެސިސްޓަންޓް ކޯޗުންނަށް ތިބީ ގައުމީ އަންހެން ޓީމުގެ ކެޕްޓަނެއްގެ ޒިންމާ މީގެ ކުރިން އަދާކުރި ދެ ކުޅުންތެރިން ކަމަށްވާ ފަދުވާ ޒާހިރު އާއި މަރިޔަމް މިރުފަތު އެވެ. މިރުފަތާއި ފަދުވާ އަކީ ގައުމީ އަންހެން ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ދެ ކުޅުންތެރިންނެވެ.

މިހާރު ކޮލިފައިން މެޗުތައް ތިން ޓީމުގެ މެދުގައި ކުރިއަށްދާއިރު، ރާއްޖެ ކުޅޭ މެޗުތައް އޮންނާނީ 23 ވަނަ ދުވަހު ވިއެޓްނާމާ ދެކޮޅަށާއި 26 ވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށެވެ.

ގައުމީ އަންހެން ސްކޮޑު

އައިޝަތު ސިއުނާ، އައިމިނަތު ލީޒާ، އައިމިނަތު ޝަފްނާ، އަރީފާ އަބްދުﷲ، ފާތިމަތު އަފްޒާ، ފާތިމަތު ސައިނާ، ފާތިމަތު ސާލިޔާ، ފާތިމަތު ތާނީ ލަތީފް، ފާތިމަތު ތީބާ، ހައްވާ ހަނީފާ، މަރިޔަމް ރިފާ، މަރިޔަމް ވިޝާޔާ ވިލްދާން، ރާނިޔާ އިބްރާހިމް، މަރިޔަމް ނޫރާ، ފަރާ އަހުމަދު، ސައިގާ ހުސެއިން، ޝިޔާނާ އަހުމަދު ޒުހެއިރު، ޝަހުލާ ތައުފީގު، އައިޝަތު އީމާން އަހުމަދު ޒައީމް، އައިމިނަތު ސަފާ، ސުމާ މުހައްމަދު، ޒުލައިހާ ހަބީބް.