އިދިކޮޅު ފަރާތްތައް

ފިޔަވަތީގެ ތަރުތީބު ގެއްލުމުން އިދިކޮޅުގެ އިހުތިޖާޖެއް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ "ފިޔަވަތި" ގެ ތަރުތީބު ގެއްލި ކުދީންގެ ފަރާތުން އަހުލާގީ އެތައް މައްސަލަތަކެއް ފާހަގަވެ އެތަން ބޮއްސުންލައިގެން ގޮސްފައިވާތީ ކަމާބެހޭ އިދާރާތަކާއި ދެކޮޅަށް އިހުތިޖާޖަށް ނިކުންނަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފި އެވެ.

އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެކްޓިވިޓީ ކޮމެޓީގެ އިސް މެންބަރެއް ކަމަށްވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ "ފިޔަވަތި" ގެ ހާލަތު ގޯހުން ގޯހަށް ގޮސް ކަމާގުޅޭ އިދާރާތައް ފެއިލްވެފައިވާތީ އިހުތިޖާޖު ކުރަން ނިންމާފައިވާ ކަމަށެވެ.

މިއީ ސިޔާސީ މަގުސަދެއްގައި ކުރިއަށް ގެންދާ އިހުތިޖާޖެއް ނޫން ކަަމަށްވެސް ވިދާޅުވިއެވެ. ބޭނުމަކީ ކުދިންގެ ހައްގުތައް ކަށަވަރުކޮށްދީ ދައުލަތުގެ އިހުމާލަށް ޖަވާބުދާރީ ކުރުވުން ކަމަށްވެސް ވިދާޅުވިއެވެ.

އިހުތިޖާޖު އޮންނާނީ މާދަމާ ރޭ 8:30 ގައެވެ. އިހުތިޖާޖު ފެށުމަށް ނިންމާފައިވަނީ އިދިކޮޅުގެ ހެޑް އޮފީސް ކުރިމަތިންނެވެ. މުހައްމަދު ވަނީ އިހުތިޖާޖަށް އާންމު ދައުވަތެއްވެސް ދީފައެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުގައި ހުންނަ ކުޑަކުދިން ބަލަހައްޓާ "ފިޔަވަތި" ގެ ހިންގުން ބޮއްސުންލާ ކުދިންގެ ތެރޭގައި ހަމަނުޖެހުން އުފެދިފައިވާތާ މިއަދަށް ވަނީ ފަސް ދުވަސް ވެފައެވެ.

ފިޔަވަތީގެ ހާދިސާއާ ގުޅޭގޮތުން މީޑިއާއިން ސުވާލުތައް ކުރިމަތި ކުރުމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވި ގޮތުގައި "ފިޔަވަތި" ގެ ތަރުތީބު ކޮންމެވެސް ވަރަކަށް ގެއްލުނީ އެވެ. އަދި އެކަން ހައްލު ކުރާނެ ކަމަށް ވިދާޅުވެ ފެއިލްވެފައިވާވުން ފޮރުވަން މަސައްކަތް ކުރެއްވި އެވެ. ކަންކަން ކުރައްވަނީ ތަރުތީބުން، ކުދިންގެ ހައްގުތަކަށް ބަލައި އެކަން ކަށަވަރު ކުރަމުން ކަމަށް ވިދާޅުވެ ދިފާއުގައި ދެއްކެވީ މުޅީން އަސާސެއް ނެތް ވާހަކަތެކެވެ. ހާލަތު ގޯސްވީ ހައެއްކަ ކުދީންގެ ސަބަބުން ކަމަށް ވިދާޅުވެ މުޅި މައްސަލަ ފޮރުވަން ވެސް މަސައްކަތް ކުރެއްވި އެވެ.