ކުރިއަށް އޮތް ސީޒަނަށް ނިއު ރޭޑިއަންޓުން އެކުލަވާލައިފައި އޮތް ސްކޮޑާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މިދިޔަ އަހަރަށްވުރެ ރަނގަޅު ކާމިޔާބެއް ކުރިއަށް އޮތް ސީޒަންގައި ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ނިއުގެ ކޯޗު ފިންލެންޑްގެ މިކާ ލޮންސްޓްރޮމް ބުނެފި އެވެ.
މިދިޔަ ސީޒަންގައި މިކާގެ އިރުޝާދުގެ ދަށުން ދިވެހި ލީގާއި ގައުމީ މުބާރާތް ކާމިޔާބުކުރި ނިއު އިން ވަނީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އައްސަދު އަލީ (އަޑުބަރޭ) އާއި ރިލްވާން ވަހީދު (ރިލޭ) އާއި ގޯލްކީޕަރު މުހައްމަދު ޔަމާން ގެނެސްފަ އެވެ. މީގެ އިތުރުން ބްރެޒިލްގެ ދެ ކުޅުންތެރިންނާއި ސްޕެއިންގެ ގޯލްކީޕަރެއް ވެސް ވަނީ ނިއުއާ ގުޅިފަ އެވެ. އަދި ނިއުގެ މުހިންމު ގިނަ ކުޅުންތެރިން ވަނީ އެ ޓީމުގެ ކޮންޓުރެކްޓް އާކޮށްފަ އެވެ.
މިކާގެ އިރުޝާދުގެ ދަށުން ބުރާސްފަތި ދުވަހުގެ ރޭ ނިއު އިން ރަސްމީކޮށް ކުރިއަށް އޮތް ސީޒަނަށް ފަރިތަކުރުންތައް ފެށިއިރު، ސްޕެއިންގެ ގޯލްކީޕަރު ޕެޑްރޯ މަރެންކޯ ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ.
މިކާ ބުނީ މިދިޔަ އަހަރު ސީޒަންގެ މެދުތެރެއިން ޓީމާ ހަވާލުވާން ޖެހުމުން އުނދަގޫތަކާ ކުރިމަތިިވި ނަމަވެސް، މި އަހަރު ޕްރީ ސީޒަންގައި ޓީމު ތައްޔާރުކުރަން ލިބުމަކީ އިތުރު ކުރިއެރުންތައް ޓީމަށް ލިބޭނެ ކަމެއް ކަމަށެވެ.
"މިހާރު އޮތް ސްކޮޑާމެދު އަހަރެން ވަރަށް ހިތްހަމަޖެހޭ،" މިކާ "އަވަސް" އަށް ބުންޏެވެ. "ޒުވާން ކުޅުންތެރިންތަކަކާއެކު ރަނގަޅު ސީނިއާ ކުޅުންތެރިންތަކެއް މި ފަހަރު ވެސް ޓީމުގައި އެބަތިބި. މިދިޔަ އަހަރު އަހަންނަށް ޖެހުނީ ސީޒަންގެ މެދުތެރެއިން ޓީމާ ހަވާލުވާން. އެކަމަކު މި އަހަރު ޕްރި ސީޒަންގައި ޓީމު ބައްޓަންކޮށް، ސީޒަނަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭ. އެހެންކަމުން ޓީމު އިތުރަށް ރަނގަޅުވާނެ ކަމަށް އަހަރެން ގަބޫލްކުރަން."
އެކަމަކު ފާއިތުވި ތިން ސީޒަންގައި ނިއުގެ ގޯލު ބެލެހެއްޓި ރާއްޖޭގެ އެއްވަނަ ގޯލްކީޕަރު އިމްރާން މުހައްމަދު ވަނީ ނިއު ދޫކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ބަދަލުވެފަ އެވެ. އިމްރާނަކީ ފާއިތުވި ތިން ސީޒަންގައި ނިއު އިން ހޯދި ކާމިޔާބީތަކުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.
މިކާ ބުނީ އިމްރާން ނިއު ދޫކޮށްލިޔަސް، އޭނާ އަށް ކާމިޔާބަށް އެދޭ ކަމަށެވެ. އަދި ޓީމެއްގެ މުހިންމު ކުޅުންތެރިއެއް ގެއްލުމަކީ ބައެއް ފަހަރު އެހެން ކުޅުންތެރިންނަށް ޓމުން ތަނަވަސްވާ ފުރުސަތެއް ކަމަށެވެ.
"އިމްރާނަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ދަނޑުމަތގައި އަދި ދަނޑުން ބޭރުގައި ވެސް އަހަރެން ވަރަށް އިހުތިރާމްކުރާ ކުޅުންތެރިއެއް. އަހަރެން އޭނާ އަށް ކާމިޔާބަށް އެދެން. މި އަހަރު އިމްރާނެއް ނުހުންނާނެ. އަހަރެމެން ޖެހޭނީ އެކަން ގަބޫލްކުރަން. އެކަަމަކު މި ގޮތަށް މުހިންމު ކުޅުންތެރިއެއް ޓީމަކާ ވަކިވުމަކީ އެހެން ކުޅުންތެރިންނަށް ބައެއް ފަހަރު ޓީމުން ފުރުސަތު ލިބި، އެ ކުޅުންތެރިންގެ މުހިންމުކަން ސާބިތުކޮށްދޭން ލިބޭނެ ފުރުސަތެއް،" މިކާ ބުންޏެވެ.
މިކާ ބުނީ ނިއުގެ ބްރެޒިލްގެ ދެ ފޯވަޑުންނާއި ސްޕެއިންގެ ގޯލްކީޕަރު ފެންވަރު އެނގޭނީ އެ ކުޅުންތެރިން ޓމާ ގުޅުމުން ކަމަށެވެ. އަދި އެ ކުޅުންތެރިންނާމެދު މި ވަގުތު ވަކި އެއްޗެއް ބުނެވެން ނެތް ކަމަށެވެ.
ނިއު މި ސީޒަންގައި ކުރިމަތިލާ ފުރަތަމަ މުބާރާތަކަށް ވާނީ މި މަހުގެ 22 ވަނަ ދުވަހު ފަށާ ޕޮމިސް ކަޕެވެ. މި މުބާރާތުގައި ދެން ވާދަކުރާނީ އެފްއޭ ކަޕްގެ ޗެމްޕިއަން މާޒިޔާ އާއި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުންދާ މެލޭޝިއާގެ ޕީޑީއާރްއެމް އަދި ސިންގަޕޫރުގެ ސިންގަޕޯ ލަޔަންސް އެވެ.
މިކާ ބުނީ ޕޮމިސް ކަޕަކީ އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ނިއު އަށް ލިބޭ ރަނގަޅު މުބާރާތެއް ކަމަށެވެ.
"އަހަރެން ނުކުންނާނީ ޕޮމިސް ކަޕް ކާމިޔާބުކުރަން. މިއީ އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. ރަނގަޅު މެޗުތަކެއް އަހަރެމެންނަށް ލިބޭނެ. އަނެއްކާ މިއީ ކުޅުންތެރިން ޓެސްޓްކޮށްލަން ލިބޭ ފުރުސަތެއް،" މިކާ ބުންޏެެވެ.