ދުނިޔެ

ރަޝިޔާއިން ކުޅެނީ އަލިފާނާ: ތުރުކީގެ ރައީސް

Nov 28, 2015

ރަޝިޔާއިން "އަލިފާނާ ނުކުޅުމަށް" ތުރުކީގެ ރައީސް ތޮއްޔިބު އުރުދޮގާން ރަޝިޔާގެ ރައީސް ލާޑީމިއާ ޕުޓިންއަށް އިންޒާރު ކުރައްވައިފިއެވެ. އުރުދޮގާން މިހެން ވިދާޅުވީ ރަޝިޔާގެ ހަނގުރާމަމަތީ ބޯޓެއް ތުރުކީން ވައްޓާލި މައްސަލައިގާ ވާހަކަ ފުޅު ދައްކަވަމުންނެވެ.

އުރުދޮގާން ވިދާޅުވީ މި މައްސަލައިގާ ވާހަކަ ދައްކައިގެން ހައްލެއް ހޯދުމަށް ޕުޓިންއާ ބައްދަލު ކުރައްވަން ހުށަހެޅުއްވި ކަމަށެވެ. އެކަމަކު އުރުދޮގާން މި މައްސަލައިގާ މާފަށް އެދިވަޑައި ނުގަންނަވަނީސް އެމަނިކުފާނާ ބައްދަލު ނުކުރައްވާނެ ކަމަށް ޕުޓިން ވަނީ ވިދާޅުވެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އުރުދޮގާން ވިދާޅުވީ އެ ބޯޓަކީ ރަޝިޔާގެ ބޯޓެއްކަން އެނގުނު ނަމަ ފަހަރެއްގައި އިންޒާރުކުރާނެ ގޮތް ތަފާތުވީސް ކަމަށެވެ. އެކަމަކު އިއްޔެ އުރުދޮގާންގެ ބަސްފުޅު ވަނީ ހަރުކަށި ވެފައެވެ. އޭނާ ވިދާޅުވީ ރަޝިޔާއިން ހަދަނީ ދޮގު ކަމަށާއި އެ ކުޅެނީ އަލިފާނާ ކަމަށެވެ. އަދި ރަޝިޔާއިން މަސައްކަތް ކުރަނީ ބޯޓުގެ މައްސަލަ އުޒުރަކަށް ހަދައިގެން ތުރުކީއާ މެދު ދޮގު ތުހުމަތުތައް ކުރަން ކަމަށާ އައިއެސްއާ ހަނގުރާމަ ކުރުމުގެ ހިޔަލުގައި އޮވެ ރަޝިޔާއިން މަސައްކަތް ކުރަނީ ސީރިޔާ ސަރުކާރާ ދެކޮޅު ފަރާތްތައް ބަލިކުރަން ކަމަށްވެސް އުރުދޮގާން ތުހުމަތު ކުރެއްވިއެވެ.

ރަޝިޔާގެ ބޯޓަށް ހަމަލަދީ ވައްޓާލީ ތުރުކީގެ ވައިގެ ސަރަހައްދަށް ވަނުމުން އިންޒާރު ކުރުމަށްފަހު ކަމަށް ތުރުކީން ބުނާއިރު، ރަޝިޔާއިން ބުނަނީ ބޯޓު ދުއްވަމުން ދިޔައީ ސީރިޔާގެ ވައިގެ ސަރަހައްދުގައި ކަމަށާ ބޯޓަށް ހަމަލަދިނީ ޕައިލެޓަށް އެއްވެސް އިންޒާރެއް ދިނުމަކާ ނުލާ ކަމަށެވެ.

ސީރިޔާގައި ހިނގަމުންދާ ހަނގުރާމައިގާ ތުރުކީއާ ރަޝިޔާގެ މެދުގައި ކުރިން ވެސް ހިޔާލު ތަފާތުވުންތައް ހުއްޓެވެ. ރަޝިޔާއިން ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ހިމާޔަތުގައި ވައިގެ ހަމަލާތައް ދެމުންދާއިރު، ތުރުކީއަކީ އެމެރިކާ ކޯލިޝަންގެ މެންބަރެކެވެ. މި ކޯލިޝަން އަސަދާ ދެކޮޅެވެ. ސީރިޔާގެ ސަރަހައްދުގައި އެމެރިކާ ކޯލިޝަންގައި ހިމެނޭ ގައުމުތަކާ ރަޝިޔާއާ ހިޔާލު އެއްގޮތް ވަނީ އައިއެސްގެ ބާރު ކަނޑުވާލުމުގައެވެ. - ބީބީސީ