އެޓާނީ ޖެނެރަލް

ނުރައްކާތެރި މީހުން ބަންދުގައި ގެންގުޅެން ހުރަހެއް ނެތް: ބަންޑާރަ ނައިބު

Sep 20, 2021
3

މުޖުތަމައަށް ނުރައްކާތެރި މީހުން ބަންދުގައި ބައިތިއްބަން ގާނޫނީ ހުރަސްތަކެއް ނެތް ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.

ބަންޑާރަ ނައިބާ ސުވާލު ކުރެއްވުމަށް ވަހީދު ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

އެ ދުވަހުގެ ޖަލްސާގައި މިނިސްޓަރު އިމްރާން ވިދާޅުވީ މުޖުތަމައަށް ނުރައްކާތެރި މީހުން ބަންދުގައި ބައިތިއްބޭނެ ގޮތެއް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ތެރެއިން އަދިވެސް ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި އެފަދަ މީހުން ބަންދުގައި ބައިތިއްބައިގެން ރިހިބިލިޓޭޝަން ޕްރޮގްރާމުތައް ހިންގަން ގާނޫނުތައް ޖާގަ ނުދޭ ކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވެފައިވެ އެވެ.

އެހެންވެ ވަހީދު، ބަންޑާރަ ނައިބާ ސުވާލު ކުރެއްވީ މުޖުތަމައަށް ނުރައްކާތެރި މީހުން ބަންދުގައި ބޭތިއްބުމަށް ގާނޫނީ ގޮތުން ހުރި ހުރަސްތައް އޮޅުންފިލުއްވުމަށެވެ. އަދި އެކަން ފުރިހަމަ ކުރާނެ ގޮތަކާއި އެއީ ނާޒުކު މައްސަލައަކަށް ވާތީ ގާނޫނީ ފަރުވާއެއް ނުލިބި ދިގުލައިގެންދާ ސަބަބު ސާފު ކުރެއްވުމަށް ވެސް ސުވާލުގައި އެދިވަޑައިގެންފައިވެ އެވެ.

ވަހީދުގެ ސުވާލަށް ޖަވާބު ދެއްވަމުން ބަންޑާރަ ނައިބު، ރިފްއަތު ވިދާޅުވީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މުޖުތަމައަށް ނުރައްކާތެރި މީހުން ބަންދުގައި ބައިތިއްބުމާއި އަދި އެ މީހުން ބަންދުގައި ބައިތިއްބައިގެން ރިހިބިލިޓޭޓް ކުރުމަށް ގާނޫނީ ހުރަސްތަކެއް ނެތް ކަމަށެވެ.

މުޖުތަމައަށް ނުރައްކާތެރި މީހުންގެ މައްސަލަ ހައްލުކުރުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ދެ އިޖުރައާތެއް އޮތް ކަން ވެސް ބަންޑާރަ ނައިބު ފާހަގަ ކުރެއްވި އެވެ. އެގޮތުން ވިދާޅުވީ މޮނިކޮން އަމުރު ނެރެގެން މީހުން ހައްޔަރު ކުރަން ހޯމް މިނިސްޓަރަށް ބާރު ލިބިގެންވާ ކަމަށާއި އަދި އާންމު ހާލަތުގައި މީހުން ހައްޔަރުކުރާ އުސޫލުން ހައްޔަރު ކޮށްގެން ބަންދުގައި ބައިތިއްބައިގެން މީހުން ރިހިބިލިޓޭޓް ކުރުމުގެ ފުރުސަތު ވެސް ގާނޫނުގައި އެބައޮތް ކަމަށެވެ.

ސުވާލު ކުރެއްވުމުގެ އިތުރު ވަގުތުގައި މެންބަރު މުހައްމަދު ވަހީދު ވަނީ ހޯމް މިނިސްޓަރު އިތުރުފުޅު ހެއްދެވި ކަމަށް ދެކެވަޑައިގަންނަވަންތޯ ވެސް ބަންޑާރަ ނައިބާ ސުވާލު ކުރައްވާފަ އެވެ. އެކަމަކު ސީދާ އެ ސުވާލަކަށް ބަންޑާރަ ނައިބު ޖަވާބެއް ނުދެއްވަ އެވެ. އެމަނިކުފާނު ވިދާޅުވީ މުޖުތަމަށް ނުރައްކާތެރި މީހުން ބަންދުގައި ބޭތިއްބުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. ގާނޫނު ތަންފީޒު ކުރުމުގައި މައްސަލައެއް އުޅޭނަމަ ގާނޫނުތައް އިސްލާހު ކޮށްގެން އެ މައްސަލައެއް ހައްލު ކުރެވިދާނެ ކަމަށާއި އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ހައްދުފަހަނައެޅި އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ބުނާ މުހައްމަދު އަމީން ބަންދުގައި ހުއްޓާ މިދިޔަ ހަފްތާ ތެރޭގައި ވަނީ ކޯޓުން ދޫކޮށްލާފަ އެވެ. ނަމަވެސް ރޭގެ ވަގުތެއްގައި އޭނާ ހައްޔަރުކުރަން މޮނިކޮން އަމުރެއް ނެރެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ބަންޑާރަނައިބް ވިދާޅުވީ މުޖުތަމައަށް ނުރައްކާތެރި މީހުންގެ މައްސަލަ ހައްލުކުރުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހުރަހެއް ނެތް ކަން އެކަމުން ވެސް އެނގޭ ކަމަށެވެ.

ބަންޑާރަ ނައިބު ވިދާޅުވީ މުޖުތަމައަށް ނުރައްކާތެރި މީހުންގެ މައްސަލަ ހައްލުކުރުމުގައި ދަތިތައް އެބަހުރި ކަމަށެވެ. އެހެންނަމަވެސް ދަތިތަކާ އެކު ވެސް ޝަރީއަތްތައް ހިނގާ މައްސަލަ ބެލުން ކުރިއަށް ގެންދަން ވާނެ ކަމުގައިވެސް ބަންޑާރަނައިބް ވަނީ ވިދާޅުވެފަ އެވެ.