ގައުމީ ފުޓްބޯޅް ޓީމް

ރާއްޖޭގެ ފުރަތަމަ ޕްރެކްޓިސް މެޗު މާދަމާ

އަންނަ މަހު ރާއްޖޭގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމަށް ރާއްޖެ ޓީމުގެ ފުރަތަމަ ޕްރެކްޓިސް މެޗު މާދަމާ ކުޅެން ހަމަޖެހިއްޖެ އެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ ޓީމު މިވަގުތު އަންނަނީ ގަތަރުގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދަމުންނެވެ. ޓީމު ގަތަރަށް ފުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ. މާދަމާ ގައުމީ ޓީމު ވާދަ ކުރާނީ ގަތަރުގެ ދެވަނަ ޑިވިޝަނަށް ކުޅޭ ލުސެއިލް ސްޕޯޓްސް ކްލަބާ އެވެ. އަދި އޭގެ ފަހުން މި މަހުގެ 25 ވަނަ ދުވަހު ގަތަރުގެ އާމީ ޓީމާއެކު ވެސް މެޗެއް ކުޅެން ނިންމާފައިވާ ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވި އެވެ.

މާދަމާ އޮންނަ މެޗަށް ވާއިރަށް ގައުމީ ޓީމުގެ ހެޑް ކޯޗު އަލީ ސުޒޭން ގަތަރަށް ދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޖަވާ ވިދާޅުވި އެވެ. ޓްރެއިނިން ކޭމްޕަށް ޓީމު ފުރިއިރު ސުޒޭން ޓީމާއި އެކު ދަތުރު ނުކުރީ އޭނަ ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. މާދަމާގެ މެޗަށް ސުޒޭންއަށް ގަތަރަށް ނުދެވިއްޖެ ނަމަ އެ މެޗުގައި ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ ޓީމުގެ އެސިސްޓެންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) އެވެ.

ރާއްޖެ ޓީމުން ވަނީ ސްރީލަންކާ އާއި އެކު ޕްރެކްޓިސް މެޗެއް ކުޅުމަށް މަސައްކަތް ކޮށްފަ އެވެ. އެއީ ލަންކާ ޓީމު ވެސް ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރަމުން ދިޔައީ ގަތަރުގައި ކަމަށް ވުމުން ލަންކާ އާއި އެކު މެޗު އިންތިޒާމު ކުރަން ފަސޭހަވާނެތީ އެވެ. އެކަމަކު ލަންކާގައި ކޮވިޑްގެ ހާލަތާއި އެކު އެކުލަވާލާފައިވާ ޕްރޮޓޮކޯލް ތަކުގެ ސަބަބުން ޓީމުގެ ވިސާ އާ ނުކުރެވުމުން އެޓީމު މިހާރު ވަނީ ސައުދީ އަރަބިއްޔާގައި ކޭމްޕް ކޮށްފަ އެވެ.

ނޭޕާލުން ރާއްޖެއާ އެކު ޕްރެކްޓިސް މެޗެއް ކުޅެން އެދުނު ނަމަވެސް ރާއްޖެއިން އެކަމަށް އެއްބަސް ނުވީ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއާއި ނޭޕާލު ވާދަކުރަން ޖެހޭތީ އެވެ. އަނެއް ކޮޅުން ބަންގްލަދޭޝާއި އެކު ދެ މެޗު ކުޅުމަށް މަޝްވަރާ ކުރެވުނު ނަމަވެސް ބަންގްލަދޭޝްގައި ކޮވިޑްގެ ހާލަތު ގޯސްވުމުން އެ މެޗުތައް ނުކުޅުމަށް ރާއްޖެއިން ވަނީ ނިންމާފަ އެވެ. އަދި ރާއްޖޭގައި މެޗު ކުޅެން އެދުމުން ބަންގްލަދޭޝުން ވަނީ އެކަމާއި ދެކޮޅު ހަދާފަ އެވެ.

ރާއްޖެ އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި 2018 ވަނަ އަހަރު ވެސް ގައުމީ ޓީމު ވަނީ މުބާރާތް ފެށުމުގެ ކުރިން ގަތަރުގައި ކޭމްޕު ކޮށްފަ އެވެ. އެފަހަރު ރާއްޖެ ޓީމުން ކުޅުނީ އެންމެ ޕްރެކްޓިސް މެޗެކެވެ. މި މެޗުގައި އަލް-މަރްއިޔާ ސްޕޯޓްސް ކްލަބް އާއި ވާދަކޮށް ގައުމީ ޓީމު ކުރިހޯދީ 4-3 ގެ ނަތީޖާ އަކުންނެވެ.

މިފަހަރުގެ މުބާރާތް އޮންނާނީ ލީގު އުސޫލުންނެވެ. އަދި ފައިނަލުގައި ވާދަ ކުރާނީ ހުރިހާ ޓީމެއް ބައްދަލުކުރުމަށްފަހު އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެކެވެ. މިގޮތަށް މުބާރާތުގެ އޮނިގަނޑު ބަދަލުކުރީ މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމު ތަކުގެ އަދަދު މަދުވީމަ އެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވާނި އެންމެ ފަސް ގައުމެކެވެ. އެއީ ދިވެހިރާއްޖެ، ނޭޕާލް، އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާ އެވެ. ބޫޓާނުގައި ކޮވިޑްގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުން ތަކަށް ފިޔަވާ އެގައުމުން ބޭރަށް ދިއުން މަނާ ކޮށްފައި ވާތީ އެގައުމު މިފަހަރުގެ މުބާރާތުގައި ބައިވެރި ނުާނެ އެވެ. ޕާކިސްތާނަށް މުބާރާތުގައި ބައިވެރި ނުވެވެނީ ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުންނެވެ.