ކުޅިވަރު

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ރާއްޖެ ބަލިކޮށް އިންޑިއާ ސެމީއަށް

ނޭޕާލުގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އަތުން އުނދަގު މޮޅެއް ހޯދައި އިންޑިއާ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

އިންޑިއާ އަކީ ވޭތުވެދިޔަ ތިން މުބާރާތުގައިވެސް ޗެމްޕިއަނުންނެވެ. އެ ޓީމުން ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން ބޫޓާން ބަލިކޮށްފައިވާއިރު، ރާއްޖެ ވަނީ ބޫޓާން އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. ބޫޓާނުން ރާއްޖެ ބަލިކުރީ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާ އެކު އެވެ.

ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ބަލިވުމާއެކު ރާއްޖެއަށް ވަނީ އިންޑިއާ ކައިރިން މޮޅުވުން މަޖުބޫރު ވެފަ އެވެ.

ދިފާއީ ޗެމްޕިއަނުން ކައިރިން ރާއްޖޭގެ ޒުވާން ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ފަހުވަގުތާ ހަމައަށް ހިތްވަރުކޮށްފަ އެވެ. އިންޑިއާ އިން ރާއްޖޭގެ މައްޗަށް 1-0ގެ ނަތީޖާއަކުން ކުރިހޯދިއިރު އެ ޓީމުން ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓު ގައެވެ.

މިއަދު ކުޅުނު މެޗު ފެށިގެން އިންޑިއާ އިން ގިނަ އެޓޭކުތަކެއް ކުރި ނަމަވެސް ރާއްޖެއިން ވަނީ ރަނގަޅު ދިފާއީ ކުޅުމެއް ކުޅެފަ އެވެ. އެގޮތުން ގައުމީ ޓީމުގެ ޑިފެންޑަރުންނާއި ކީޕަރު މުހައްމަދު ޔާމީން ވަނީ އިންޑިއާ ޓީމުގެ ގިނަ ހަމަލާތަކެއް ހުއްޓުވާފަ އެވެ.

މެޗުގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް ކުޅުންތެރިޔަކީވެސް ގައުމީ ޓީމުގެ ކީޕަރު ޔާމީން އެވެ. އޭނާ ވަނީ އިންޑިއާ ޓީމަށް ހުސްކޮށް ލިބުނު ފުރުސަތުތަކާއި، އެ ޓީމުގެ ބާރު ހަމަލާތައް ދިފާއުކޮށްފަ އެވެ.

އިތުރު ވަގުތުގައި އިންޑިއާ މޮޅުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މަންގްލެންތަން ކިޕްގެން އެވެ. މިއާއެކު އިންޑިއާއަށް ވަނީ ގުރޫޕުގެ އެއްވަނަ ލިބިފަ އެވެ.

ސެމީ ފައިނަލުގައި އިންޑިއާ ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި ދެވަނަ ސެމީގައި ބޫޓާން ބައްދަލުކުރާނީ ނޭޕާލްއާ އެވެ.