ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ސާފް ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް ނޭޕާލަށް ހިނގައްޖެ އެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގަ އެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެން ހަމަޖެހިފައިވަނީ ކަތަމަންޑޫގެ ދަޝްރަތު ރަންގްސަލާ ސްޓޭޑިއަމުގަ އެވެ.
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ދެކުނު އޭޝިއާގެ ހަތް ގައުމު ވާދަކުރާއިރު، މުބާރާތް ކުރިއަށްދާނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތުގެ ގުރުއަތުލުން ބޭއްވީ މި އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އިންޓަކޮންޓިނެންޓަލް ހޮޓަލު ގައެވެ.
ބައިވެރިވާ ޓީމުތައް ދެ ގުރޫޕަކަށް ބަހާލާފައިވާއިރު ގުރޫޕް އޭގައި ހިމެނެނީ ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނެވެ. ގުރޫޕް ބީގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ނޭޕާލާއި، ސްރީލަންކާ، ބޫޓާން އަދި ދިވެހިރާއްޖެ އެވެ.
ރާއްޖޭގެ ފުރަތަމަ މެޗު ކުޅޭނީ މި މަހުގެ 18 ވަނަ ދުވަހު ރާއްޖެ ގަޑިން މެންދުރު 12:45 ގައި ސްރީލަންކާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ރާއްޖެއިން ނޭޕާލާ ދެކޮޅަށް ކުޅޭއިރު، ފަހު މެޗުގައި މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 12:45 ގައި ރާއްޖެ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.
ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ.
ނޭޕާލަށް ގައުމީ ޓީމު ފުރުމުގެ ކުރިން، އިއްޔެ ވަނީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްފަ އެވެ. ޓީމަށް ޖާޒީ ހަވާލުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމު ކޮލިފައިވާނެ އެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ގުރޫޕް އޭގެ އެއްވަނަ ޓީމާއި ގުރޫޕް ބީގެ ދެވަނަ ޓީމެވެ. ދެވަނަ ސެމީ ފައިނަލްގައި ވާދަކުރާނީ ގުރޫޕް ބީގެ އެއްވަނަ ޓީމާއި ގުރޫޕް އޭގެ ދެވަނަ ޓީމެވެ.
މި މުބާރާތުގައި ރާއްޖޭގެ ޓީމަށް، ރަނގަޅު ނަތީޖާއެއް ހޯދޭނެ ކަމަށް އުއްމީދު ކުރެވެ އެވެ. އަދި މި މުބާރާތަކީ ރާއްޖޭގެ އަންހެނުންގެ ފުޓްބޯޅައަށް އިތުރު ކުރިއެރުމެއް ލިބި، ބައިނަލްއަގްވާމީ ފެންވަރުގައި ތަޖުރިބާ ހޯދުމުގެ ރަނގަޅު ފުރުސަތެއް ކަމުގައި ބެލެވެ އެވެ.