ސިވިލް ސާވިސްގައި ހިމެނޭ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރަމުން ގެންދަނީ ވަޒީފާގެ ބިރުވެރިކަމާއި ސަރުކާރުގެ ވެރިންގެ ޖިންސީ ފުރައްސާރައިގެ ބިރުވެރިކަމުގައި ތިބެގެން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ސިވިލް ސާވިސްގެ މުވައްޒަފުންނަކީ ސިވިލް ސާވިސް ގާނޫނުގައި ބުނާ ފަދައިން ސަރުކާރު ހިންގުމުގެ މައިގަނޑު މަސައްކަތްތައް ކުރާ މުވައްޒަފުންނެވެ. ނަމަވެސް އެ މުވައްޒަފުންނާ މެދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފެށުނީއްސުރެ މިއަދާ ހަމައަށް ވެސް އަމަލުކުރަމުން ދަނީ ދެވަނަ ދަރަޖައިގެ މުވައްޒަފުންގެ ގޮތުގައި ކަމަށެވެ.
"އެމްޑީޕީގެ ސަރުކާރެއް އަންނަ ކޮންމެ ފަހަރަކު އެ މުވައްޒަފުންނަށް ލިބިދޭ އިނާޔަތްތައް ކަނޑާލުން ނުވަތަ އުނިކޮށްލުން ފަދަ ކަންކަން ހިންގާފައިވެ އެވެ. 2008 ވަނަ އަހަރު އިންތިޚާބުވި އެމްޑީޕީގެ ސަރުކާރާ އެކު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަތައް އުނިކޮށްލި އެވެ. އެމުސާރަތައް އިއާދަކޮށްދިނުމަށް ކޯޓުތަކުން ހުކުމް ކުރުމުންވެސް ރައީސް ނަޝީދުގެ އޭރުގެ އެމްޑީޕީ ސަރުކާރުން އެކަން ކޮށްފައެއް ނުވެ އެވެ،" އެމްޑީޕީގެ ފުރަތަމަ ސަރުކާރަށް ފާޑުކިޔަމުން ބުނެފައިވެ އެވެ.
ކޯލިޝަނުން ބުނީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ރަނގަޅު ކޮށްދޭނެ ކަމަށް މަތިމައްޗަށް ވައުދުވެގެން ކަމަށެވެ. އެކަމަކު ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެނިގެންދަނީ މަތިމައްޗަށް ސިޔާސީ މަގާމުތައް އުފައްދައި ދައުލަތުގެ ޚަޒާނާ އިން އެމަނިކުފާނުގެ އަމިއްލަ ޖާހު ބޮޑުކުރުމަށް ހޭދަކުރާ މަންޒަރު ކަމަށެވެ.
"އެއްވެސް މަސްއޫލިއްޔަތެއް އަދި މަސައްކަތެއް ނެތި ސިޔާސީ އެތައް މަގާމެއް ވެސް އުފައްދާފައިވެ އެވެ. މީގެއިތުރުން، ރައީސް ޔާމީންގެ ސަރުކާރުން ބިނާކުރި ހިޔާ މަޝްރޫއުގައި ސިވިލް ސާވިސްގައި ހިމެނޭ ޓީޗަރުން، ނަރުހުން، ޑޮކްޓަރުން، އަދި ސިވިލް ސާވިސްގެ އާންމު މުވައްޒަފުންނަށް އިތުރު އިނާޔަތެއް ދިނުމުގެ ގޮތުން ކަނޑައެޅި ފުލެޓްތަކުގެ ތެރެއިން ބައެއްވެސް އުނިކޮށް ރައީސް ސޯލިހްގެ ސިޔާސީ މަންފާއަށް އެމަނިކުފާނުގެ ގާތް މީހުންނަށް ބަހާލާފައިވެ އެވެ،" ބަޔާނުގައިވެ އެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މި ސަރުކާރަށް ކުރަން ފެނުނީ ސިވިލް ސާވިސް ކޮށާލުން އެކަނި ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ. ސިޔާސީ މަގާމުތަކަށް ޖާގަ އިތުރުކުރުމުގެ ގޮތުން ތާކުންތާކު ނުޖެހޭ ބަހަނާތަކުގައި މުވައްޒަފުންނަށް އިންޒާރު ދިނުމާއި، ސަސްޕެންޑް ކުރުމާއި، ވަކިކުރުމުގެ އެތައް ހަރަކާތެއް ހިންގަމުން ގެންދާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ އެންމެ ކުޑަ އުޖޫރަ ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި ސިވިލް ސާވިސް އާއި އެހެނިހެން ދާއިރާތަކުގެ މުވައްޒަފުން އެ ވަގުތަކު ފާޅުކުރާ ކަންބޮޑުވުންތައް މައިތިރިކުރުމަށް ސަރުކާރުން ތަޅާ ބޯޅައެއްގެ ގޮތުގައި އެކަން ބޭނުންކުރަމުންދާ ކަމަށެވެ. ސިވިލް ސާވިސްގެ ގާނޫނާއި ވަޒީފާއާއި ބެހޭ ގާނޫނާއި ހިލާފަށް ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތަކަށް އަރައިގަތުން މިހާރު އިންތިހާއަށް އިތުރުވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
"ވީމާ ސިވިލް ސާވިސް މުވައްޒަފުންނާ މެދު ސަރުކާރުން ހިންގަމުން މިގެންދާ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށާއި އެ މުވައްޒަފުންގެ ހައްގުތައް ވަގުތުން އިއާދަ ކޮށްދިނުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި މި ކޯލިޝަންގެ ފަރާތުން ސިވިލް ސާވިސް މުވައްޒަފުންނާއެކު ތިބިކަން ޔަގީންކޮށްދެމެވެ."