އދ. ގެ ޖެނެރަލް އެސެމްބްލީ

އދ. ގައި ރާއްޖެ ޝަރަފުވެރި، ޝުކުރު ރައީސް ސޯލިހަށް

Sep 21, 2021

އިނގިރޭސީންގެ ކިބައިން ދިވެހިރާއްޖެ ޖުލައި 26، 1965 ގައި މިނިވަން ވުމަށް ފަހު ސެޕްޓެމްބަރު 21، 1965 ގައި އެ ޖަމާއަތުގެ މެންބަރަކަށްވި އެވެ. އެންމެ ފުރަތަމަ އދ. ގެ މެންބަރަކަށް ވުމަށް ފަހު ރާއްޖެއިން އދ. އަށް ފުރަތަމަ ކަނޑައެޅި ސަފީރަކީ ކުރީގެ ނައިބު ރައީސް އަހުމަދު ހިލްމީ ދީދީ އެވެ. އެ މަގާމު ލިބި ވަޑައިގަތުމާއެކު އދ. ގައި ރާއްޖެ ބައިވެރި ވެގެން ފުރަތަމަ އާއްމު ޖަލްސާގައި ރާއްޖެއިން ދިން ތަގުރީރު ދެއްވީ ހިލްމީ އެވެ.

ރާއްޖެ އދ. ބައިވެރިވިތާ 56 އަހަރު، އަދި ހިލްމީ ރާއްޖޭގެ ފަރާތުން ދުނިޔެއަށް ތަގުރީރު ކުރެއްވިތާ 56 އަހަރު ވީއިރު މިއަދު އދ. ގައި ރާއްޖެ އޮތީ ޝަރަފުވެރި މާޒީއަކާއެކު ފަހުރުވެރި ކަމާއެކު އެވެ. މިއަދު އދ. އާންމު މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަގުރީރު ކުރައްވާނެ އިރު އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތާއެކު ރިޔާސަތު ބަލަހައްޓަވާނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މީގެ 56 އަހަރު ކުރީން އދ. ގެ މައި މަރުކަޒުގައި ހިލްމީ ދެއްވެވި ތަގުރީރު ފެއްޓެވީ ވެސް ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުން ތަމްސީލް ކުރެއްވުމަށް އެ ޖަލްސާގައި ހުންނެވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ، ޝަރަފެއް ކަމަށް ވިދާޅުވަމުންނެވެ. އޭރު އެއީ އދ. ގައި އޮތް އެންމެ ކުޑަ ގައުމެެވެ. އެދުވަހުގެ ތަގުރީރުގައި ހިލްމީ ވިދާޅުވި އެވެ:

"... ގައުމެއްގެ ސައިޒާއި އާބާދީއަކީ ކޮންމެ ވަރެއް ކަމުގައިވިޔަސް، އެންމެން އެކުވެ އުޅޭ ދުނިޔެއެއް ހޯދަން ކުރާ މަސައްކަތުގައި، މިނިވަން ދައުލަތަކަށް ހިއްސާއެއްވެވިދާނެކަން. އަހަރެމެންނަކީ މަދު އަދަކަށް ވިޔަސް، އަހަރެމެން މި ހުސްވަނީ، މި ޖަމާއަތުގެ އުސޫލުތަކަށް ތަބާވުމުގެ މަސައްކަތަށް،"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިި ކަމާއެކު ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ ހޯދަމުންދާ މަގާމާއި ރައީސް ސޯލިހުގެ ހާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައި ވެއެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ސެޝަންގެ ރިޔާސަތާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު އަބްުދުﷲ ޝާހިދު ވިދާޅުވި ގޮތުގައި އޭނާ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ ހުވާ ކުރުމަށްފަހު މަޖިލީހުގެ ކުރިމަތީގައި ހުއްޓި ވަޑައިގެންނެވީ ދުނިޔެ ދެއްވި އިތުބާރާއި ހަވާލު ކުރެއްވި ޒިންމާ އާއި މަސްއޫލިއްޔަތުގެ މަތިވެރިކަން އިހުސާސް ކުރައްވަމުންނެވެ. ދިވެހިރާއްޖޭގެ ފެއްސާއި ރަތާއި ހުދުގެ ފަހުރުވެރި ދިދަ ވިހުރުވެމުން ދަނީ ބައިނަލްއަގްވާމީ އެންމެ އުސް ކުރިބޯށީގަ އެވެ.

‎"މިއަދު މި ފެންނަމުން މިދަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ޒައަމަތުގެ ދަށުން ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖެ ހޯދަމުންދާ މަތިވެރި މަގާމް. ރައީސް ސޯލިހްގެ ހާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައިވާ ކަމުގެ ހެކި،"

އދ. ގައި ރާއްޖެއިން ވަކާލާތުކުރާ މުހިންމު ދާއިރާތައް

  • ކުދި ގައުމުތަކުގެ ހައްގުތަކާއި ދެމެހެއްޓެނިވި ތަރައްގީ
  • މޫސުމީ ބަދަލުތަކާއި ކްލައިމެޓް އެމަޖެންސީ
  • ހަރުކަށި ފިކުރާއި ޓެރަރިޒަމް އަދި ޖިންސުގެ ހަމަހަމަކަން
  • އިންސާނީ ހައްގާއި ސުލްޙަ

އދ. ގައި މިއަދު ރައީސް ސޯލިހު ތަގުރީ ކުރައްވާއިރު އަދި އާންމު މަޖިލީހުގެ ރައީސް ކަމުގައި ރައީސް ސޯލިހުގެ ހާރިޖީ ވަޒީރު ޝާހިދު ހުންނެވި އިރު އަދި ޝަރަފުވެރި މާޒީއެއް އޮތް އިރު ރައީސް ސޯލިހުގެ ސަރުކާރާއެކު އދ. ރައީސް ސޯލިހުގެ ދައުރު ފުޅަލެވެ. އެ މަނިކުފާނުގެ އިސް ނެންގެވުމަށް ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ގައުމުތައް ތަމްޞީލު ކުރުމާއި ދިވެހި ރައްޔިތުންނަށް އަސަރުކުރާ އެންމެހައި ކަންކަމާ ގުޅޭ ގޮތުން ވަކާލާތުކުރެއްވުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ކުރިއެރުން ހޯދުމާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭރުގެ ގައުމުތަކާ އެކު މަސައްކަތް ކުރުން ހިމެނެ އެވެ.

އަދި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގައި ދިވެހިންނަށް އަސަރު ކުރާ މިންވަރު ކުޑަ ކުރުމަށް ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުން ހިމެނެ އެވެ. ތިމާވެއްޓަށް ލިބޭ ގެންލުންތައް ކުޑަ ކުރުމަށް ގައުމުތަކާ އެކު މަސައްކަތް ކުރުމާއި ރާއްޖެ ފަދަ ކުޑަ ގައުމަކަށް ވެސް ބައިނަލް އަގުވާމީ މައިދާނުގައި މުހިންމު އަދި ފައިދާ ކުރަނިވި މަސައްކަތްތަކެއް ކުރެވޭނެކަން ހާމަކޮށްދިނުން ހިމެނެ އެވެ.