އދ. އާންމު މަޖިލީހުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދިވެހި ބަހުން ތަގުރީރު ކުރެއްވުމަކީ ރާއްޖެއަށާއި ހުރިހާ ދިވެހީންނަށް ލިބުނު ފަހުރެއް ކަަމަށް ހެރިޖޭޓް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
މިއީ ރާއްޖޭގެ ރައީސަކު އާންމު މަޖިލީހުގައި ދިވެހި ބަހުން ތަގުރީރު ކުރެއްވި ދެވަނަ ފަހަރެވެ. އާންމު މަޖިލީހުގައި ދިވެހި ބަހުން ފުރަތަމަ ތަގުރީރު ކުރެއްވީ ޔުމްނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.
ޔުމްނާ ކުރެއްވި ޓްވީޓެއްގައި މިރޭ ވިދާޅުވީ މިއަދަކީ ދިވެހި ތާރީހުގައި ރަން އަކުރުން ފަވާލެވޭނެ ދުވަހެއް ކަމަށެވެ. އދގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ރިޔާސަތުގައި ދިވެއްސަކު އިންނަވައި ރާއްޖޭގެ ރައީސް އެ މަޖިލީހުގައި ދިވެހި ބަހުން ތަގުރީރުކުރެއްވުމަކީ ރާއްޖެއަށާއި ހުރިހާ ދިވެހީންނަށް ލިބުނު ފަހުރެއް ކަމަށް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަގުރީރު ފައްޓަވަމުން އެމަނިކުފާނު ވަނީ ދިވެހި ބަހުން ތަގުރީރު ކުރެއްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ވިދާޅުވީ ދިވެހީންނަށް މިނިވަންކަން ލިބުނުތާ 56 އަހަރު ފަހުން އެމަނިކުފާނު މިއަދު އާންމު މަޖިލީހުގައި ވާހަަކަ ދައްކަވަނީ ދިވެހިންގެ މާދަރީ ބަހުން ކަމަށާ ދިވެހި ބަހަކީ ދިވެހިންނަށް އަސަރުގަދަ އަދި އެންމެ ފޮނި ބަސް ކަަމަށެވެ. އަދި ދިވެހި ބަހުން އެ މަޖިލީހުގައި ވާހަކަ ދެއްކެވުމަކީ ހުރިހށާ ދިވެހިންނަށް ލިބިގެންދާ މަތިވެރި ޝަރަފެއް ކަމަށް ވިދާޅުވިއެވެ.
"...މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މި މަޖިލީހުގެ ރިޔާސަތާއި މުހާތަބުކޮށް އަޅުގަނޑު ވާހަކަ މި ދައްކަނީ ދިވެހީންގެ މާދަރީ ބަހުން. ދިވެހީންނަށް އަސަރުގަދަ އަދި އެންމެ ފޮނި ބަހަކަށްވި ދިވެހި ބަހުން. މި މަޖިލީހުގެ ރިޔާސަތަށް އެންމެ ފަހި ފަސޭހަ އަދި ފަރިތަ ބަހުން. މިއީ ގައުމު ކުޑަޔަސް ދިވެހިން ކުޑަ ނޫން ކަމަށް މުޅި ދުނިޔެ ހެކިވާ ވަގުތު. މިއީ ހުރިހާ ދިވެހިންނަށް ލިބުނު ނުހަނު ބޮޑު އުފަލަކާއި މަތިވެރި ޝަރަފެއް،" ރައީސް ސޯލިހްގެ ތަގުރީރު ފައްޓަވަމުން ވިދާޅުވިއެވެ.
ރައީސް ސޯލިހް ވަނީ މިނިވަން ދައުލަތަކަށް ދިވެހީން ކުރި ބުރަ މަސައްކަތާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. މީގެ 56 އަހަރު ކުރީން ދިވެހީންނަށް މިނިވަންކަން ލިބުމާއެކު އެންމެ އަވަސްވެ ގަތީ އދ ގެ މެންބަރަކަސް ރާއްޖެ ހެދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެކަން ހާސިލުވާނެ ކަމުގެ ޔަގީން ކަމެއް އެ ދުވަހު ނެތް ކަމަށް ވިދާޅުވިއެވެ.
"އެއީ އިސްތިއުމާރީ ބާރުތައް ލޫދެމުންދިޔަ ދަނޑިވަޅު. ގައުމުތައް ވީއްި މިނިވަންވަމުން ދިޔަ ފަހުގެ ތާރީހު ދެއްކި އާ ޒަމާން. އެއީ އަމިއްލަ ހިތްވަރާއި މިންނަތުން ބައްރުތައް ހިންދެމިލާ އެތަކެއް ގައުމު އަލަށް އުފަން ކުރުވި ރަން ޒަމާން. އެއީ ތަހުޒީބާ ތަމައްދުންގެ އެދުމުގާ އިންސާނިއްޔަތު ހަށިފޮޅާލި ޒަމާން. އޭރުގެ ހައްސާސް އިހުސާސަކީ ކުދި ގައުމުތަކުން އދ ގެ ސަފަށް އެރުމަށް ބޮޑެތި ގައުމުތަކުގެ ރުހުން ލިބުމާ ނުލިބުމުގެ މައްޗަށް އޮތް އިހުސާސް،"
ރައީސްގެ ތަގުރީރުގައި ވިދާޅުވީ ރާއްޖެއަށް އދގެ މެންބަރުކަން ދިނުމާމެދު ބާރުގަދަ ބޮޑެތި ގައުމުތަކުގެ ރައުޔަކީ އެ ދުވަހު ދިވެހިންނަށް ކުރިމަތިވި އެންމެ ބޮޑު އެއް ސުވާލު ކަމަށެވެ. ބައިނަލްއަަގްވާމީ މަސްރަހުގައި ބަސްބުނުުމުގެ ގާބިލިއްޔަތު އަދި އެކަމުގެ ކުފޫ ދިވެހިންގެ ކިބާގައި ހަމަވޭތޯ ނުވަތަ ނޫންތޯ އޮތް ސުވާލު ކަމަށެވެ.
މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މި މަޖިލީހުގެ ރިޔާސަތާއި މުހާތަބުކޮށް އަޅުގަނޑު ވާހަކަ މި ދައްކަނީ ދިވެހީންގެ މާދަރީ ބަހުން. ދިވެހީންނަށް އަސަރުގަދަ އަދި އެންމެ ފޮނި ބަހަކަށްވި ދިވެހި ބަހުން. މި މަޖިލީހުގެ ރިޔާސަތަށް އެންމެ ފަހި ފަސޭހަ އަދި ފަރިތަ ބަހުން. މިއީ ގައުމު ކުޑަޔަސް ދިވެހިން ކުޑަ ނޫން ކަމަށް މުޅި ދުނިޔެ ހެކިވާ ވަގުތު. މިއީ ހުރިހާ ދިވެހިންނަށް ލިބުނު ނުހަނު ބޮޑު އުފަލަކާއި މަތިވެރި ޝަރަފެއްރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް | އާންމު މަޖިލީސް 2021
ރައީސް ސޯލިހް ވަނީ އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވުމަކީ ދިވެހި ގައުމަށް ލިބުނު ނުހަނު ބޮޑު އުފަލެއް ކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ރިޔާސަތަށް "ޕްރެޒިޑެންސީ އޮފް ހޯޕް" ނުވަތަ އުންމީދީ ރިޔާސަތުގެ ނަމުން ނަން ދެއްވީތީ އުފާ ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންސާނުން ތަހަންމަލު ކުރަމުންދާ ތަކުލީފާ ކުރިމަތިވެފައިވާ ގޮންޖެހުންތަކުން މިންޖުވުމަށް އޮތް އެންމެ ފުރަތަމަ ފަރުވާއަކީ އެކަމަށް އުންމީދު ކުރުން ކަމަށެވެ. އަދި އެކަމަކީ އދ އުފެދުމާއިވެސް ގުޅިފައިވާ އުންމީދު ކަމަށް ވިދާޅުވިއެވެ.
"ހަނގުރާމައާ ހައިހޫނުކަން ނެތް ދުނިޔެއަކަށް އޭރު ކުރި އުންމީދު. ހަމަހަމަކަން ދުނިޔެއަށް ފަތުރާލުމަށް ކުރި އުންމީދު. އިންސާފާ އިންސާނީ ގަދަރާ ކަރާމާތާ ޑިމޮކްރަސީއަށް ކުރި އުންމީދު. އިސްތިއުމާރީ އަޅުވެތިކަމުން ވީއްލި އެބައެއްގެ ގޮތް އެބަޔަކު ނިންމާ މިނިވަންކަމާއެކު އިހުތިޔާރު ކުުރުމުގެ ހައްގު ލިބިގަތުމުގެ އުންމީދު. ދިރިއުޅޭ މާހައުލާއި ގުދުރަތީ ވެއްޓާއި ޖީލުތަކުން ވާރުތަވެފައިވާ އޮތް އަމިއްލަވަންތަ ތާރީހީ ސަގާފަތާ އާދަކާދައާ އާސާރުތައް މުސްތަގުބަލަށް ރައްދު ކޮށްދިނުމުގެ އުންމީދު،" ރައީސްގެ ތަގުރީރުގައި ވިދާޅުވިއެވެ.