ރައީސް އޮފީސް

މެސެޖަކުން ކަންކަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އާންމު ރައްޔިތުންނާއި ސަރުކާރާ ދެމެދު މިހާރަށް ވުރެ ލުއިފަސޭހަ ގޮތެއްގައި މުއާސަލާތު ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށްޓަކައި ހަދާފައިވާ އޮންލައިން ޕްލެޓްފޯމް "GOV.MV" މެސެޖުގެ ހިދުމަތް ބޭނުންކޮށްގެން ސަރުކާރުގެ އިދާރާތަކަށް ކަންކަން ހުށަހެޅުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް މިއަދު ހުޅުވާލައިފި އެވެ.

މި ޕްލެޓްފޯމަކީ ނޭޝަނަލް ސެންޓަރު ފޯ އިންފޮމޭޝަން ޓެކްނޯލޮޖީން ހަދާފައިވާ ޕްލެޓްފޯމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން މި ގޮތަށް ހަމަޖެއްސެވުމުން، އަމިއްލަ މީހުން ސަރުކާރުގެ އިދާރާތަކަށް "GOV.MV" މެސެޖުގެ ޒަރީއާއިންނާއި ސިޓީން ހުށަހަޅާ ކަންކަމަށް ޖަވާބު ދެއްވުމުގައި ސަރުކާރުގެ އިދާރާތަކުން އަމަލުކުރަން ވާނެ ގޮތް ތަފްސީލްކޮށް ދީފައިވާ ކަަމަށެވެ. އަދި މި ހިދުމަތް ފެށުމާއެކު ހިދުމަތް ބޭނުންކޮށްގެން ސަރުކާރުގެ އިދާރާތަކަށް ކަންކަން ހުށަހެޅުމަށް އަމިއްލަ މީހުންނަށް ބާރުއެޅުމަށް ރައީސް ސޯލިހް އެދިވަޑައިގަންނަވާ ކަމަށެވެ.