ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި ދައުވާ އުފުލާފައިވަނިކޮށް ރާއްޖެއިން ފުރާ ވަޑައިގެންނެވީ ވީއައިޕީ ލޯންޖުން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ. މިހެން ވިދާޅުވީ ޔޫކޭގެ ޖަލުން މިނިވަންވުމާއެކު މިރޭ އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައެވެ.
އަލީ ވަހީދު ވަނީ އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ފުރުސަތު ލިބިވަޑައިގެންނެވި ގޮތާއި ޔޫކޭގެ ފުލުހުން ހައްޔަރު ކުރުމަށްފަހު ކަންކަން ހިނގާދިޔަ ގޮތް ވަރަށް ތަފްސީލުކޮށް ވިދާޅުވެ ދެއްވާފައެވެ. އަލީ ވަހީދު ވިދާޅުވީ އޭނާ ފުރަން ބޭނުންވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކަމަށެވެ. އަދި ބޭރަށް ވަޑައިގެންނެވީ ނުފޫޒެއްގެ ބޭނުން ކުރައްވައިގެން ނޫން ކަމަށެވެ. ފަނޑިޔާރަކަށް ނުވަތަ ކޯޓަށް ލިޔުން ދެއްވި ޑޮކްޓަރަށްވެސް ފޯރުވި ނުފޫޒެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ އޭނާ ބޭރަށް ވަޑައިގެންނެވީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އިއުތިރާޒެއް ނެތުމުން ކަމަށެވެ. ޕީޖީ ފުރަތަމަ އެދިވަޑައިގެންނެވީ ޓްރެވަލް ޑޮކިއުމަންޓެއްގައި ބޭރަށް ވަޑައިގަތުމަށް ކަމަށާ ނަމަވެސް އެކަމަށް އިއުތިރާޒު ކުރެއްވި ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ކޯޓް އަމުރު ނެރުމުގެ ކުރީން ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށާ އެކަން ކޯޓްގެ އަޑުއެހުންތަކުގެ ރެކޯޑިންއަށް ސާފުކޮށް ފެންނަން އޮންނާނެ ކަމަށެވެ.
އަދި އޭނާ ބޭރަށް ވަޑައިގެންނެވި ރޭ ފޯން ކޯލެއް ލިބިވަޑައިގެންނެވި ކަމަށާ އެންގެވީ އެ ރެއިން އެރެއަށް ބޭރަށް ވަޑައިގަތުމަށް ކަމަށެވެ. އަދި ބޭރަށް ވަޑައިނުގެންފިނަމަ އަނެއް ދުވަހު ބަންދު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ރޭ ފުރަން ވަޑައިގެންނެވި ވަގުތު ލަސްވުމާއި ގުޅިގެން ވަޑައިގެންނެވީ ވީއައިޕީއަށް ކަމަށެވެ.
""ވީއައިޕީން އަޅުގަނޑު ފުރައިގެން އައީ. ވީއައިޕީގެ ސީސީޓީވީ ކެމެރާތަކުން މި ފެންނަން ހުންނާނެ،"
އަލީ ވަހީދު ވިދާޅުވީ ޔޫކޭގެ ފުލުހުން އޭނާ ހައްޔަރު ކުރީ ނޫސްވެރިންގެ ބައްދަލްވުން ބާއްވަވާނެ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރެއްވިތާ ގަޑިއިރެއްގެ ފަހުން ކަމަށެވެ. އަދި ޖަލުގައި 16 ދުވަސް ހޭދަ ކުރެއްވި ކަމަށާ އެއީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އަދި ޖަލުން މިނިވަންވެވަޑައިގެންނެވީ މި މަހުގެ ނުވަވަނަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.
"އެ ބޭފުޅުން ބޭނުންވެއްޖެ ހިނދެއްގައި މިހާރުވެސް އަޅުގަނޑު ހައްޔަރު ކުރެވިދާނެ. ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ދެން ހަނުހުރުމުގެ ބޭނުމެއް ނެތް ކަަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" މިރޭ ނޫސްވެރިންގެ ބައްދަލްވުން ބޭއްވެވި ސަބަބު ތަފްސީލު ކޮށްދެއްވާ އަލީ ވަހީދު ވިދާޅުވިއެވެ.