އަލީ ވަހީދު

އޯޑިއޯ ސައްހަ، ނަހުލާއާ ގުޅުމެއް ނޯންނާނެ: އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި، ޓްރާންސްޕޯޓް މިނިސްޓަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވާހަކަ ދައްކަވާ އޯޑިއޯތަކެއް އާންމުވި މައްސަލާގައި ފުރަތަމަ ފަހަރަށް އަލީ ވަހީދު ވާހަކަ ދައްކަވައިފި އެވެ. ޔޫކޭގެ ފުލުހުންގެ ބަންދުގައި ޖަލެއްގައި 16 ދުވަހު ހުންނެވުމަށް ފަހު މިނިވަންވެވަޑައިގެންނެވި ފަހުން ރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ އޯޑިއޯތަކާއި ގުޅިގެން އަވަސް އިން ސުވާލު ކުރުމުން އަލީ ވަހީދު ވިދާޅުވީ އެ އޯޑިއޯތަކުގައި އިވެނީ އޭނާގެ އަޑު ކަމަށާ ނަމަވެސް އޯޑިއޯ އާންމުކޮށްފައިވަނީ އެޑިޓްކޮށްގެން ވާހަކަތައް އޮޅޭ ގޮތަށް ކަމަށެވެ.

މިދިޔަ އަހަރުގެ ފެބްރިއަރީ ފަހު ހަފްތާގައި އާންމުވި އޯޑިއޯތަކަކީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، ސްޓޭޓް މިނިސްޓަރު އަހުމަދު އައްސަދަށް ގުޅުއްވި ރެއަކު އައްސަދުގެ ޖީބުގައި ފޯނު އޮއްވާ ނޭންގި ނެގިގެން އޭނާ ރެކޯޑްކޮށްފައިވާ އޯޑިއޯތަކެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އޭނާ 40 މިނެޓް އޯޑިއޯ ރެކޯޑް ކުރައްވާފައިވާ ކަމަށާ އެ އޯޑިއޯތައް އާންމުކޮށްފައިވަނީ އެޑިޓް ކޮށްގެން ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ އޭނާ ދެއްކެވި ވާހަކަތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދިޔަ ތަހުގީގަށް ޖަވާބުދާރީވެވަޑައިގެންނެވި ކަމަށާ އެ ދުވަހު އެ ވާހަކަތައް މީޑިއާތަކަށް ތަފްސީލުކޮށް ނުދިނީ އެ މައްސަލަ ނިމުނީ ކަމަށް ބަލައިގެން ކަމަށެވެ. އަދި އެ ދުވަހު އެ ގޮތަށް އަމަލު ކުރެއްވުމަކީ ހެއްދެވުނު ގޯހެއް ކަަމަށެވެ.

މިނިސްޓަރު ނަހުލާއާ ގުޅޭގޮތުން ދެކެވުނު ވާހަކަތައް ތަފްސީލުކޮށް ދެއްވާ އަލީ ވަހީދު ވިދާޅުވީ ނަހުލާ ގުޅުއްވި ދުވަހަކު "މިސްވީ" ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެއީ ގުޅުމެއް އޮވެގެން އަދި ލޯބި ވެގެން ވިދާޅުވި ވާހަކައެއް ނޫން ކަަމަށެވެ.

"އަޅުގަނޑު ހަނދާންވޭ ތިޔަ ވިދާޅުވާ ދުވަހަކު ޓްރާސްޕޯޓް މިނިސްޓަރު ފުރަތަމަ އެ ބޭފުޅާ ގުޅުއްވި ކޯލް، އަޅުގަނޑު މިއީ ރެކޯޑް ކުރާ މީހެއް ނޫން. އެ ބޭފުޅާ ގުޅުއްވާފައި ވިދާޅުވީ ކޮބާ އައްޔަ މިސްވެގެންނޭ މި ގުޅާލީ. އެއީ ކޮންމެހެން އަޅުގަނޑު ދެކެ ލޯބިވެގެނެއް ނޫން. އަޅުގަނޑާ ގުޅުމެއް އޮވެގެނެއް ނޫން އެނގޭތޯ،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު މިހެން ވިދާޅުވިނަމަވެސް އާންމުވި އެއް އޯޑިއޯއެއްގައި އަލީ ވަހީދު، މިނިސްޓަރު ނަހުލާއަށް ކުރާ ފޯނު ކޯލެއްގެ އަޑު އިވޭ އޯޑިއޯއެކެވެ. އަލީ ވަހީދު ވަނީ މިނިސްޓަރު ނަހުލާ ފޯނު ނެއްގެވުމުން "މިސް ވެގެން ހަމަ ގުޅީއޭ" ކަމަށް ވިދާޅުވެފައެވެ. ޖަވާބުގައި ނަހުލާ ބުނަނީ، "އެހެންތޯ، މިއަދު ކޮން ކޮޅަކުންތޯ އިރު އެރީ؟" ކަމަށެވެ. އެއަށްފަހު ނަހުލާ ހުންނެވީ އޮފީހުގައިތޯ އަހަ އެވެ. އަދި ޓޫރިޒަމްގެ އޮފީހަށް ވަދެލިއްޔާ ކީއްތޯހޭ ވާނީ އަހަ އެވެ. އޭގެ ފަހުން ވެސް ނަހުލާއާ "ފްލާޓް" ކޮށްފައި ވާހަކަ ދައްކަ އެވެ. ނަހުލާ ފޯނު ކުރުކޮށްލައި ބޭއްވުމުން ކައިރީގައި ތިބި ރައްޓެހިންނާއެކު، ހަޑި ލަފުޒުތައް މިނިސްޓަރު ނަހުލާއާ ގުޅޭ ގޮތުން ވެސް ބޭނުން ކުރާ އަޑުއިވެއެވެ. އަލީ ވަހީދު ވިދާޅުވަނީ އެއީ އެޑިޓްކޮށްފައި ކަމަށެވެ.

ރަސްދޫ "އެންޓަނާ" އޭ ކިޔައިގެން ދެއްކެވި ވާހަކަތައްވެސް އަލީ ވަހީދު ތަފްސީލު ކޮށްދެއްވި އެވެ. އަދި ވިދާޅުވީ ބައެއް ބަސްތައް ބޭނުން ކުރެވިފައިވަނީ ނުރަނގަޅު މާނާގައި ނޫން ނަމަވެސް އެ ބަސްތައް ބޭނުން ކުރެވިފައިވާތީ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ތި ބޭފުޅުން ހަނދާން ހުންނާނެ އަޅުގަނޑުމެން މަޖީދިއްޔާ ސީއެޗްއެސްއީގައި އުޅުނުއިރުވެސް ރަސްމާދޫ-އިންނަމާދޫ އެންޓާނާ ވާހަކަ ދައްކަން. އެއީ ދިރާގު ބޫތު ހުރި ދެ ޒަމާނުގައި އެއް ރަށާއި އަނެއް ރަށަށް ގުޅާފަ ބުނާނެ، ކޮބާ ރަސްމާދޫ އެންޓަނާ ފެނޭތަ. އެހެންވީމަ މިއީ އަޅުގަނޑުމެން މަޖާޒީ ގޮތުން އެ މަޖާޒުގައި ދައްކަވާ ވާހަކަތަކެއް ނޫން. އެހެން ނަމަވެސް އަޅުގަނޑު ދަންނަވަން އެ އޯޑިއޯގައި އެބަހުރި އަޅުގަނޑުމެން ކޮފީ މޭޒުގައި ސަމާސާ މިޖާޒުގައި ދައްކާ ކަހަލަ ބައެއް އިބާރާތްތައް. އެކަމަށްޓަކައި އަޅުގަނޑު ދިވެހި ރައްޔިތުންގެ އަރިހުން މައާފަށް އެދެން،"

މިނިސްޓަރު އަމީންއަކީ އަބަދުވެސް ހެދިކާ ކައިގެން ދެ ފޮޓޯގްރާފަރުން ފަހަތު ލައިގެން މުޅިން ވެސް ޓްވިޓާއަށް ކަންކަން ކުރާ މިނިސްޓަރެއް ވިދާޅުވި ވިދާޅުވުމާއި ގުޅޭގޮތުން އަމީންއާ ފަހުން ވާހަކަ ދެއްކެވި ކަމަށާ އެހެން ވިދާޅުވާން ޖެހިވަޑައިގަތީ ދަރުބާރުގޭގައި ކޮއްތުބިލު އާދަޔާ ހިލާފަށް ބޮޑުވުމުން ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއަށް ފާޑުވިދާޅުވީ ކުޑަކުދިންގެ ކުޅިވަރާ ގުޅޭ އުސޫލު ގޯސްވުމުން ކަމަށެވެ.

"ނޯންނާނެ އިނގޭތޯ ޓްރާސްޕޯޓް މިނިސްޓަރަކާވެސް އަދި އެހެން ވަޒީރަކާވެސް އެކަހަލަ ގުޅުމެއް ނޯންނާނެ،" ތަކުރާރުކޮށް ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒިފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށް "ފްރޭމް" ކޮށްފައިވާ ކަމަށާ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަަމަށެވެ.

އަދި އަސާސެއް ނެތް ތުހުމަތުތައް ކުރެއްވުމުގައި މިއަދު އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ކުރީގެ ވަޒީރު އަނީސާ އަހުމަދު ކަމަށް ވިދާޅުވި އެވެ. އަނީސާ ބޭރަށް ނެރުއްވައިގެން އުޅުއްވަނީ ރައީސް މައުމޫން ކަމަށް ސިފަކޮށް އަލީ ވަހީދު ވަނީ އޭނާ ޑީއާރުޕީގައި ހުންނެވި ދުވަސްވަރު ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫނާއި ގުޅުމެއް ބޭއްވެވި ކަމަށް މައުމޫން ހީފުޅު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަލީ ވަހީދު ވަނީ އެފަދަ ކަމެއް ހިނގާފައިވޭތޯ ބެއްލެވުމަށް އެދިވަޑައިގެންފައެވެ. އަދި ވިދާޅުވީ އެފަދަ ގުޅުމެއް ދުވަހަކުވެސް ނުބާއްވަވާ ކަމަށެވެ. ދުންޔާ އަރިހު އެ ވާހަކަތައް އެއްސެވުމާއި ދުންޔާ އިސްވެ އެ ތުހުމަތުގެ ހަގީގަތް ހާމަކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

އޭގެ ފަހުން ވިދާޅުވީ ރައީސް މައުމޫނާއި ސިޔާސީ ގޮތުން ކިތަންމެ ހިޔާލުތަފާތުވީ ނަމަވެސް ރައީސް މައުމޫނާއި އެމަނިކުފާނުގެ ބޭފުޅުންނަށް އިހުތިރާމު ކުރައްވާ ކަމަށެވެ. އަދި އަނީސާއަށް ވިދާޅުވީ "ތަންދޮރު ނުބައްލަވާ" ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގަންނަވާ ކަަމަށެވެ.

"ރައީސް މައުމޫނަށް ވަރަށް ބޮޑަށް ހީފުޅުވޭ އަޅުގަނޑާއި ދުންޔާ މައުމޫނާވެސް ފާޑެއްގެ ގުޅުމެއް އޮތް ކަމަށް. ދެން އެކަންވެސް ތަހުގީގު ކުރަން ފެނޭ. އެހެން މި ދަންނަވަނީ އަނީސާ އަހުމަދު ނެރުއްވައިގެން މި މައްސަލާގައި އަޅުގަނޑާ ވަަރަށް ޒާތީ ގޮތުން ވާހަކަ ދައްކާކަން އަޅުގަނޑަށް އެނގޭ. އެހެންވީމަ އަޅުގަނޑު އެދެން ދުންޔާ މައުމޫންވެސް ވިދާޅުވާން. މީޑިއާއަށް ނިކުމެވަޑައިގެން 2008 ގައި ކަމެއް ހިނގާފައި އޮތްތޯ ނުވަތަ ނެތްތޯ. އަޅުގަނޑަށް ހީވަނީ ތަހުގީގު ކުރަން ރަނގަޅު ކަންނޭންގެ 2008 ވަނަ އަހަރު މުލިއާގެއިން އަޅުގަނޑު ގެންގުޅުނު ފޯނުތަކަށް އައިސްފައި ހުރީ އަޅުގަނޑަށްތޯ އައީ އެކޮޅުންތޯ އަޅުގަނޑަށް އައީ،"

އަލީ ވަހީދާއި ނަހުލާގެ އޯޑިއޯތަކެއް ލީކުވި ފަހުން އެ މައްސަލާގައި އެ ދެ ބޭފުޅުން ވާހަކަ ދައްކަވާ އިތުރު އޯޑިއޯއެއްވެސް ލީކުކޮށްލިއެވެ.

އެ އޯޑިއޯގައި އައިޝާ ވަނީ އަލީ ވަހީދު އަމަލު ކުރައްވާފައި ވަނީ ވަރަށް ހަޑިކޮށް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އަލީ ވަހީދު ވަނީ އޭނާ އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން މިރޭ ލީކް ކޮށްލާފައިވާ އޯޑިއޯގައި އައިޝާ ވަރަށް ބޮޑަށް ހިތްޕުޅު ހަަމަޖެހިވަޑައި ނުގެން އަލީ ވަހީދާ ވާހަކަފުުޅު ދައްކަވާ އަދި ފަހުން ޒުވާބު ކުރާ އަޑު އިވެ އެވެ.

"... އަލީ ވަހީދު އިންވޯލްވާ ކަމެއްގައި އަލީ ވަހީދަށް ގުޅާފަ ދޯ އަޅުގަނޑު ދަންނަވާނީ.. ކަމޯން!" އަލީ ވަހީދަށް ގުޅުއްވާ އައީޝާ ވިދާޅުވާ އަޑު އިވެއެވެ. ނަމަވެސް ކުރިއެކޭ އެއްގޮތަށް އަލީ ވަހީދު ވަނީ އެއީ އޭނާ ކުރެއްވި ކަމެއް ނޫން ކަމަށާ އެއީ ސިޔާސީ ބަޔަކު ކުރާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު މިއީ މީހުންނަށް ފޯންކޮށްގެން އަޑު ރެކޯޑް ކުރާ މީހެއް ނޫން!" އަލީ ވަހީދު ވިދާޅުވެ އެވެ.

އެހާ ހިސާބުން ދެ ވަޒީރުންގެ ވާހަކަ ޒުވާބަކަށް ބަދަލުވެ ވަރަށް ބޮޑަށް ވާހަކަ ހޫނުވެ އެވެ. އަދި ފޯން ކޯލްތައް ރެކޯޑްކޮށްގެން ލީކް ކުރަނީ އެ ކަމަނާ ނޫން ކަމަށް މިނިސްޓަރު އައިޝާ ވެސް ވިދާޅުވެ އެވެ.

"... އަޅުގަނޑަކަށް ދެން ނޭނގެ، ބަޔަކު މި ލޯކް ވެސް ރެކޯޑް ނުކުރާނެ ކަމެއް! އަޅުގަނޑަށް އެނގޭ ކަމަކީ އަޅުގަނޑުމެން ދެ މީހުން މިކަމާ ވާހަކަ ދައްކަން ޖެހޭ ކަން،" އައިޝާ ވިދާޅުވެ އެވެ. އެހާ ހިސާބުން އަލީ ވަހީދު ވަނީ "އަޅުގަނޑަކީ އަޅުގަނޑާ އެއްކޮށް އުޅޭ މީހުންގެ ފޯންކޯލްތައް ރެކޯޑް ކޮށްގެން އެހާ ދަށު ދަރަޖާގައި އުޅޭ މީހެއް ނޫނޭ،" ވިދާޅުވެފަ އެވެ.

އޯޑިއޯ ޒުވާބުގައި އެހާ ހިސާބުން އައިޝާ މުޅިން އާ އެހެން ވާހަކައެއް ވެސް ވިދާޅުވެފައި ވެއެވެ. އެކަމަނާ ވިދާޅުވަނީ "ވީޑިއޯއެއް ވެސް އުޅޭ" ކަމަށެވެ.

"އަނެއްކާ ރައްޓެއްސެއްގެ ފަރާތުން އަޅުގަނޑަށް އެބަ އަޑުއިވޭ ވީޑިއޯއެއްގެ ވާހަކަ ވެސް. ލެޓްސް ސީ [ބަލަމާ ހިނގާ] އަނެއްކާ އިތުރަށް އަންނަނީ ކޮން އެއްޗެއްތޯ؟ އައި ހޯޕް [އަޅުގަނޑު އުންމީދު ކުރަން] ބޭކާރު އެއްޗެއް ނޯންނާނެ ކަމަށް!" ނަހުލާ ވިދާޅުވާ އަޑު އިވެ އެވެ.

ނަމަވެސް އަލީ ވަހީދު ތަކުރާރުކޮށް ގެންދެވީ "އަޅުގަނޑަކީ ތިޔަ ފާޑަށް އުޅޭ މީހެއް" ނޫން ކަމަށް ވިދާޅުވަމުންނެވެ.

އެހިސާބުން އައިޝާ ވިދާޅުވެ އެވެ: "އަޅުގަނޑު ދެން ބާއްވާނަން... އެކަމަކު އަޅުގަނޑު ބުނަން ބޭނުންވާ ވާހަކަ އަދިވެސް އެބަހުރި، އެކަމަކު އަޅުގަނޑަކަށް ނޭނގޭ މި ފޯން ރެކޯޑް ކުރާނެ ކަމެއް [ވެސް] ނުކުރާނެ ކަމެއް. އެހެންވީމަ އިތުރަކަށް ވާހަކައެއް ނުދައްކާނަން!"