ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުންދިޔަ ޑޮމެއިންއާ ގުޅުންހުރި މުއާމަލާތްތައް ހުއްޓާލުމަށް ރައީސް އޮފީހުން އެ މިނިސްޓްރީއަށް އެންގި ކަމަށް ބުނާ ސިޓީއެއް ދައުރުވާން ފަށައިފި އެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފޮނުވި ކަމަށް ބުނާ ސިޓީގައި ވަނީ އެ މިނިސްޓްރީން ޑޮމެއިން ވިއްކަނީ ގަވާއިދާ ހިލާފަށް ކަމަށެވެ.
ޑޮމެއިން ދޫކުރުމާއި ވިއްކުމުގެ ހަމަތައް އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދުގައި ބަޔާންކުރާއިރު ޑޮމެއިން ވިއްކުމުގައި ދިމާވާ މައްސަލަތައް ހައްލުކުރަން ކޮމިޓީއެއް އެކުލަވައިލަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
އެކަން ފާހަގަކޮށް ސިޓީގައި ބުނެފައިވަނީ ކޮމިޓީ އެކުލަވާލަން މިނިސްޓްރީން މަސައްކަތްކުރާކަން ނުފެންނަ ކަމަށާއި ޑޮމެއިން ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭ ކަމަށެވެ.
މީގެ އިތުރުން ރައީސް އޮފީހުން ފޮނުވި ކަމަށް ބުނާ ސިޓީގައި ވަނީ މި ދައުރުގައި ހިދުމަތްދިން ޑޮމެއިންތަކުގެ ތަފުސީލު ހިއްސާކުރުމަށް އަންގާފަ އެވެ. އަދި ޑޮމެއިން ވިއްކުމާ ގުޅޭ ކަންކަން ގަވާއިދާ އެއްގޮތަށް ނުހިންގާ ސަބަބު ސާފުކޮށްދިނުމަށްވެސް ވަނީ އަންގާފަ އެވެ.
މި ސިޓީއާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.