އަލީ ޒާހިރު

"ސިމްޕަތީ ކާޑު" ކުޅުމަކީ ފެއިލްވެފައިވާ އުކުޅެއް: އަލީ ޒާހިރު

ސިޔާސީގޮތުން ބަލިވާ ކޮންމެ ފަހަރަކު "ސިމްޕަތީ ކާޑު" ކުޅުމަކީ ފެއިލްވެފައިވާ އުކުޅެއް ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ހޫނު ހަމަލާއެއް ދެއްވައިފި އެވެ.

އަލީ ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި މިފަދަ ވާހަކަފުޅެއް ވިދާޅުވީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް ނޭނގެ އެވެ.

އެކަމަކު އިއްޔެއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންނާއި ސަޕޯޓަރުން މުޅި ޓްވިޓާގައި ބޮޑުކޮށްލާފައި އޮތީ މެއި 6، 2021 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނު ޖަރުމަންގައި ފަރުވާ ހޯއްދަވަން ހުންނެވިއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެއް ފަހަރުވެސް ނުގުޅުއްވާ ކަމަށް ކުރާ ތުހުމަތެވެ.

މި ތުހުމަތު ފެންމަތިކުރައްވާ އެ ވާހަކަ ފެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ރައީސް ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ އީވާ އަބްދުﷲ އެވެ. އީވާ ވަރަށް އަސަރާއެކު އެ ވާހަކަދެއްކެވުމާ ގުޅިގެން ރައީސް ނަޝީދުގެ ސަޕޯޓަރުން ވަނީ ޖަޒުބާތުގައި ޖެހި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އީވާގެ ވާހަކަތައް ސަރުކާރުގެ ބައެއް އިސްވެރިންނާއި ރައީސް ސޯލިހްގެ ބައެއް އަރިސް މަޖިލިސް މެންބަރުންވެސް ދޮގުކުރެއްވި އެވެ. އަދި އީވާ ދައްކަވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް ރައީސް ސޯލިހަށް ތާއީދުކުރާ މީހުން ބުނެފައިވެ އެވެ.

މިކަމެއް ޓްވިޓާގައި "ހިލުވާލާފައި" ވަނިކޮށް އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ގޮތުން ބަލިވެ ބާކީވާ ކޮންމެ ފަހަރަކު ސަޕޯޓަރުންނަށް އޮޅުވާލަން "ސިމްޕަތީ ކާޑު" ކުޅެ ސަރުކާރުގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުމަކީ ސިޔާސީ ބޭފުޅުންގެ ސަގާފަތަކަށް ވެއްޖެ ކަމެއް ކަމަށެވެ.

"އެހެންކަމުން އެކަމަކީ ރައްޔިތުންނަށް ފަރިތަ ފެއިލްވެފައިވާ އުކުޅަކަށް ނޫނީ ދެން ނުވާނެ،" އަލީ ޒާހިރު ވިދާޅުވި އެވެ.

އަލީ ޒާހިރަކީ ރައީސް ނަޝީދުގެ ސަޕޯޓަރުންގެ ފާޑުކިޔުމާ ދޭތެރެދޭތެރެއިން ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ބޭފުޅެކެވެ.