ޓްރާންސްޕޯޓް މިނިސްޓްރީގައި ރަޖިސްޓްރީ ކުރާ ހުރިހާ އެއްގަމު އުޅަނދެއްގެ ރަޖިސްޓްރީ ނަންބަރުތައް އާންމުކުރަން ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު މިއަދު އަވަސްއަށް ވިދާޅުވީ އެގޮތަށް ނިންމީ ވީހާވެސް ހާމަކަން ބޮޑުކޮށް މަސައްކަތް ކުރުމަށާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ކުރަން ފުރުސަތު ދޭން ބޭނުން ނުވާތީ ކަމަށެވެ.
ރަޖިސްޓްރީ ކުރާ އުޅަނދުތަކުގެ ނަންބަރުތައް އާންމުކުރަން ނިންމާފައިވަނީ މިއަދުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓްގަ އެވެ.
ހުރިހާ އެއްގަމު އުޅަނދެއްގެ ރަޖިސްޓްރީ ނަންބަރުތައް އާންމުކުރަން ނިންމާފައި މިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ގާނޫނާއި ގަވައިދާ ހިލާފަށް ރަޖިސްޓްރީކޮށްދީފައިވާ އެތައް އެއްގަމު އުޅަނދެއްގެ މައްސަަލަ ބޮޑުވެފައި ވަނިކޮށެވެ. އެފަދަ 100 އަށް ވުރެ ގިނަ އުޅަނދުގެ ރަޖިސްޓްރީ ވެސް މިނިސްޓްރީން ވަނީ ބާތިލްކޮށްފަ އެވެ.
ގާނޫނާއި ގަވައިދާ ޚިލާފަށް ކުރިއަށް އޮތް ދުވަސްތަކުގައި އެއްގަމު އުޅަނދުތައް ރަޖިސްޓްރީ ކުރަން ފުރުސަތު ނުދެއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ ވަނީ ވިދާޅުވެފަ އެވެ. އަދި ގާނޫނާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެެއްވާފަ އެވެ.