ރައްޔިތުންގެ މަޖިލިސް

ހެއްކާ ބެހޭ ބިލްގެ ބަހުސް ފަށައިފި

Sep 21, 2021
1

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލްގެ ބަހުސް މަޖިލީހުގައި މިއަދު ފަށައިފި އެވެ.

ސަރުކާރުން ސްޕޮންސާ ކޮށްފައިވާ މި ބިލް މަޖިލީހަށް ހުށަހެޅުއްވީ މިމަހުގެ ހަވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެވެ. ބިލްގެ ފުރަތަމަ ކިޔުން އިއްވާ އެ ދުވަހު ވަނީ ބިލް މަޖިލީހަށް ތައާރަފްކޮށްފަ އެވެ.

މި ބިލް ހުށަހެޅީ މިހާރު އަމަލު ކުރާ ހެއްކާބެހޭ ގާނޫނަކީ މި ޒަމާނަށް ކަމުދާ ގާނޫނަކަށް ނުވާތީވެ ޒަމާނީ ގާނޫނެއް ގެނައުމަށެވެ. މަޖިލީހަށް ހުށަހެޅި ބިލްގައި ހެކީގެ ބާވަތްތަކާއި ހެކި ދަރަޖަ ކުރެވިގެންވާ ގޮތާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ބަސް ނެގުމާއި ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައަޅައި ދީފައިވެ އެވެ.

މަދަނީ އަދި ޖިނާއީ މައްސަލަތަކުގަ އާއި އިސްލާމް ދީނުގައި ހައްދު އަދި ގިސޯސް ކަނޑައެޅިފައިވާ ކުށްތައް ސާބިތު ކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތު ކުރުމުގެ ޒިންމާއާ ގުޅޭ އުސޫލުތައް ކަނޑައެޅުން ވެސް ބިލްގައި ހިމެނެ އެވެ.

އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ ހެކިބަސް ގަބޫލް ކުރެވޭނެ އުސޫލުތަކާއި އަންހެނުންގެ ހެކިބަސް ނެގޭނެ ހާލަތްތަކާއި ނެގޭނެ ގޮތްތައްވެސް ބިލުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ހެކި ހުށަހެޅުމަކާ ނުލައި ސާބިތު ވެގެންވާ ކަންކަމުގެ ގޮތުގައި ކޯޓުން ބަލައިގަންނާނެ ކަންކަން ވެސް ބިލްގައި ބަޔާން ކޮށްފައިވެ އެވެ. އަދި ހެކީގެ ގޮތުގައި ހުށަނޭޅޭނެ އިމްތިޔާޒު ލިބިގެންވާ ކަންކަމާއި އެ ނޫން ވެސް ހެއްކާ ބެހޭ އާންމު އުސޫލުތައް ވެސް ބިލްގައި ކަނޑައަޅާ ދީފައިވެ އެވެ. ހެކި ބަސް ދޭ މީހާއަށް ރައްކާތެރިކަން ދޭން ޖެހޭ ނަމަ އެކަން ކުރާނެ ގޮތްތައް ވެސް ބުނެދީފައިވެ އެވެ.

ހެއްކާ ބެހޭ ބިލަކީ 19 ބާބު ހިމެނޭ 150 މާއްދާގެ މައްޗަށް އެކުލެވޭ ބިލެކެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ހެއްކާބެހޭ ގާނޫނަކީ 1976 ވަނަ އަހަރު ފާސްކޮށްފައިވާ ހަތް މާއްދާގެ މައްޗަށް އެކުލެވޭ ގާނޫނެކެވެ. މަޖިލީހުގައި މިހާރު ބަހުސްކުރަމުންދާ ބިލް ފާސްވެ ގާނޫނަކަށް ވުމުން މިހާރު އަމަލުކުރަމުންދާ ބިލް އުވިގެންދާނެ އެވެ.