ބެލްޖިއަމް

ބެލްޖިއަމް، ފީފާ ރޭންކިންގެ އެއްވަނައިގައި ތިން އަހަރު

ފީފާ ރޭންކިންގެ އެއްވަނައިގައި ބެލްޖިއަމް އޮންނަތާ ތިން އަހަރު ވެއްޖެ އެވެ.

ބެލްޖިއަމް ފީފާ ރޭންކިންގެ އެއްވަނައަށް އަރާފައިވަނީ 2019 ވަނަ އަހަރު އެވެ. އަދި އެގައުމު އެއްވަނައިގައި އޮންނަތާ މިދިޔަ ހޯމަ ދުވަހަށް ވަނީ ތިން އަހަރު ވެފަ އެވެ.

ފީފާ ރޭންކިންގެ އެއްވަނައިގައި 1780 ޕޮއިންޓާއި އެކު ބެލްޖިއަމް އިޮތް އިރު، ދެވަނައިގައި އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އޮތީ 1755 ލިބިގެންނެވެ. އަދި ދުނިޔޭގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދާފައިވާ ބްރެޒިލް ތިންވަނައިގައި އޮތީ 1743 ޕޮއިންޓާއި އެކުގަ އެވެ.

އެންމެ ފަހުން ކުޅުނު ތިން އިންޓަނޭޝަނަލް މެޗުގައި ޗެކް ރިޕަބްލިކް، އެސްޓޯނިޔާ އަދި ބެލާރުސްގެ މައްޗަށް ވެސް ބެލްޖިއަމް ވަނީ ކުރިހޯދާފަ އެވެ. އެހެން ކަމުން ވަރުގަދަ ބްރެޒިލް، އިންގްލެންޑް، ފްރާންސް، އިޓަލީ، އާޖެންޓީނާ، ޕޯޗުގަލް، ސްޕެއިން، މެކްސިކޯ އަދި ޑެންމާކް ފަދަ ޓީމު ތަކަށް ވެސް ބެލްޖިއަމް ފަހައި ރޭންކިންގެ އެއްވަނައަށް އެރޭ ގޮތް ވަނީ ނުވެފަ އެވެ.

ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ އޭނާގެ ކޯޗު ކަމުގެ ދަށުގައި ބެލްޖިއަމް ކުޅުނު 64 މެޗުގެ ތެރެއިން 50 މެޗުން އެޓީމު މޮޅުކޮށްދީފަ އެވެ. ބެލްޖިއަމުން ފީފާގެ އެއްވަނައިގައި ހޭދަކުރި ތިން އަހަރު ތެރޭގައި އެޓީމުން ކުޅުނީ އެންމެ ބޮޑު މުބާރާތެކެވެ. އެއީ މިއަހަރު ކުރިއަށް ދިޔަ ޔުއެފާ ޔޫރޯ 2020 އެވެ. އެ މުބާރާތުން ބެލްޖިއަމް ކެޓީ ކުއާޓާ ފައިނަލުގައި ޗެމްޕިއަން އިޓަލީ އަތުން ބަލިވެގެންނެވެ.

މިއަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑްކަޕް 2022 އިން މިހާރު ބެލްޖިއަމަށް ވަނީ ގާތްގަނޑަކަށް ޖާގަ ކަށަވަރު ވެފަ އެވެ. އަދި މިއަންނަ އޮކްޓޫބަރު މަހު އޮންނަ ނޭޝަންސް ލީގު ޕްލޭއޮފް މެޗު ތަކުގައި ވެސް ބެލްޖިއަމް ކުޅޭނެ އެވެ.