ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިހާރު ހުންނެވީ ދިވެހި ރައްޔިތުން ތަމްސީލު ކުރައްވަން ތަގުރީރު ކުރެއްވޭ ހާލަތެއްގައި ނޫން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ސޯލިހަށް މިހާރު ކުރެވެމުންދާ ތުހުމަތުތަކާއި އެކު އެމަނިކުފާނު ހުންނެވީ ދިވެހި ރައްޔިތުން ތަމްސީލު ކުރައްވަން އދ މަޖިލީހުގައި ތަގުރީރު ކުރެއްވޭ ހާލަތެއްގައި ނޫން ކަމަށެވެ. ދިވެހި ބަހުން ތަގުރީރު ކުރައްވާ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަ ހުއްޓަވާލައްވައި އެނބުރި ރާއްޖެ ވަޑައިގަތުމަށް ވެސް އަދުރޭ ވަނީ ގޮވާލައްވާފަ އެވެ.
ރައީސް ސޯލިހް އެނބުރި ގައުމަށް ވަޑައިގަތުމަށް އަބްދުއްރަހީމް ގޮވާލެއްވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރައީސް ސޯލިހް ނެންގެވި ކަމަށް އެމަނިކުފާނުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް ސޯލިހު މިހާރުން މިހާރަށް އިސްތިއުފާ ދެއްވަން ޖެހޭކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ސޯލިހު މަގާމުގައި ހުންނެވިހައި ހިނދަކު އެމަނިކުފާނުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތު އިންސާފުވެރިކޮށް ނުބެއްލެވޭނެ ކަމަށެވެ. ރައީސް ސޯލިހުގެ ނުފޫޒު ތަހުގީގުތަކާއި ޝަރީއަތްތަކަށް ހިނގާ ކަން އެނގޭ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހަށް އަޅުގަނޑުމެން ދަންނަވާލަން ބޭނުން މި މައްސަލަ އިންސާފުވެރިކަމާއި އެކު ތަހުގީގު ކުރުމަށް ފުރުސަތު ދެއްވުމަށްޓަކައި މަނިކުފާނު މިހާރުން މިހާރަށް އިސްތިއުފާ ދެއްވާށޭ. އެއްގޮތަކަށް ވެސް މަނިކުފާނު އދ ގައި ތަގުރީރު ކުރައްވަން ދެން ނަހައްދަވާށޭ. އދ އަށް ދެން ވަޑައިންނަވާނީ މި މައްސަލަ ނިމުނީމަ ކަންދިމާވާ ގޮތަކުން ތަގުރީރު ކުރެވޭ ފަދަ ހާލަތެއްގައި ހުރިއްޔާ. މިހާރު މަނިކުފާނު ތިހުންނެވީ ދިވެހި ރައްޔިތުން ތަމްސީލު ކުރައްވަން ތަންތަނަށް އަރާވަޑައިގެން ތަގުރީރު ކުރެއްވޭ ފަދަ ހާލަތެއްގައެއް ނޫން.އަބްދުއްރަހީމް އަބްދުﷲ \ ޕީއެންސީގެ ރައީސް
އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅެއްގެ މައްޗަށް އެމަނިކުފާނުގެ ކެބިނެޓުގައި އިންނެވި ބޭފުޅަކު ބޮޑު ތުހުއްމަތެއް ކުރެއްވުމަކީ ދިވެހި ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އިދިކޮޅުން ވާހަކަދައްކަނީ އަލީ ވަހީދުގެ ދިފާއުގައި ނޫން ކަމަށާއި ރައީސް ސޯލިހަށް ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް ބެލުމަށް ކަމަށްވެސް ވިދާޅުވި އެވެ. މިހާރުގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އެ މަގާމުތަކުގައި ތިއްބެވިހާ ހިނދަކު ރައީސް ސޯލިހުގެ މައްސަލަ ނުބެލޭނެ ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން އެ ދެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް އަބްދުއްރަހީމް ވަނީ ގޮވާލައްވާފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ އޯޑިއޯ ތަކެއް ބުނާ އޯޑިއޯ ތަކުގެ ހަގީގަތް ހޯދައި މައްސަލަ ބެލުން ލަސްކުރަނީ ރައީސް ޔާމީނަށް އަނިޔާ ދިނުމަށްވެސް އަބްދުއްރަހީމް ވަނީ ތުހުމަތުކުރައްވާފަ އެވެ. އޯޑިއޯ ތަކުގެ ސައްހަކަން ކަށަވަރު ނުކޮށް ރައީސް ޔާމީނުގެ ޝަރީއަތް ދެން ކުރިއަށް ގެންދިއުމަކީ ރައީސް ޔާމީނަށް އަނިޔާކުރުން ކަމަށް އިދިކޮޅު ދެކޭ ކަމަށްވެސް ވިދާޅުވި އެވެ.
"ރައީސް ޔާމީނާއި ދެކޮޅަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފިނަމަ، އޭގެ ފަހުން އޯޑިއޯ ތަކުގެ ތަހުލީލުތައް ނިމި އޯޑިއޯތައް އެއީ ސައްހަ އެއްޗެއްކަން ސާބިތުވެއްޖެ ނަމަ ރައީސް ޔާމީނުގެ ހައްގުތައް ގެއްލޭނެ. އެއީ އަނިޔާ ނޫންތޯ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުރެވޭ ހިޔާނާތުގެ ތުހުމަތު ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މަޖިލީހުގެ އިދާރާ އަށް މިއަދު ފޮނުވި މައްސަލަ އެޖެންޑާ ނުކުރި ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ.