ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމުގެ ގޮތުން ދިރާގުގެ ހައިސްޕީޑް ފައިބާގެ ހިދުމަތް ގދ. ރަތަފަންދޫގައި ރަސްމީކޮށް އިފްތިތާހްކޮށް ފިއެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ޕޯޓްފޯލިއޯ ގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކުގައި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ލިބިގެންދާނެއެވެ. މިއީ ގިނަ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި ވީހާވެސް ގިނަ ޕެކޭޖްތަކުން އިހްތިޔާރު ކުރުމުގެ ފުރުސަތު ހުޅުވާލުމަށެވެ. އެގޮތުން ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖްވެސް ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތުން ލިބިގެންދާނެއެވެ.
ދިރާގު ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގުން އެންމެ ބޮޑު އިސްކަމެއްދެނީ ހައިސްޕީޑް އަދި ފެންވަރު ރަނގަޅު ކަނެކްޓިވިޓީ ރާއްޖޭގެ ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޑިޖިޓަލް ކޮމިއުނިޓީތައް ބިނާކޮށް ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 65 ރަށެއް ހިމެނެއެވެ.