މެންޗެސްޓާ ޔުނައިޓެޑް

ކަރަބާއޯ ކަޕުން ޔުނައިޓެޑް ކަޓައިފި

އިނގިރޭސި ލީގު ކަޕް (ކަރަބާއޯ ކަޕް) އިން މެންޗެސްޓާ ޔުނައިޓެޑް ކަޓައިފި އެވެ.

މި މުބާރާތުން ޔުނައިޓެޑް ކެޓީ ވެސްޓްހޭމް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ބަލިވުމުންނެވެ. ޔުނައިޓެޑްގެ ދަނޑުގައި ވެސްޓްހޭމް އާއި ޔުނައިޓެޑް ރޭ ބައްދަލުކުރި މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުން ވެސްޓްހޭމް މޮޅު ވެގެންނެވެ.

ވެސްޓްހޭމްއިން މި މެޗު ކާމިޔާބު ކުރި އިރު، އެޓީމުން ޖެހި ހަމައެކަނި ގޯލު ފެނިފައިވަނީ މެޗުގެ ވަރަށް ކުރީކޮޅުގަ އެވެ. ފުރަތަމަ ހާފުގެ ނުވަވަނަ މިނެޓުގައި މެނުއެލް ލަންޒިނީ ވެސްޓްހޭމައަށް ލީޑު ނަގައިދިނީ ފްރެޑްރިކްސް ދިން ކަޓް ޕާހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ވެސްޓްހޭމްގެ މި ގޯލަށް ފަހު ޔުނައިޓެޑުން ވަނީ ގޯލެއް ޖެހުމަށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. ނަމަވެސް މި ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ވެސްޓްހޭމްގެ ކީޕަރު އަލްފޯންސޭ އަރެއޯލާ އެވެ.

މި މެޗުން ޔުނައިޓެޑް ބަލިވި ނަމަވެސް ޕްރިމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހު ޔުނައިޓެޑާއި ވެސްޓްހޭމް ބައްދަލުކުރި މެޗުން ޔުނައިޓެޑް ވަނީ ފަހަތުން އަރައި މޮޅުވެފަ އެވެ. ރޭގެ މެޗުގައި ދެ ޓީމުން ވެސް ނިކުތީ ފުރަތަމަ 11 އަށް ގިނަ ބަދަލު ތަކެއް ގެނެސްގެންނެވެ.

އިނގިރޭސި ލީގު ކަޕުގައި ރޭ ކުޅުނު މެޗުން ބަލިވެ ޔުނައިޓެޑް ކެޓިއިރު ޗެލްސީ އާއި އާސެނަލް ވަނީ މުބާރާތުގެ ހަތަރު ވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. އެސްޓަން ވިލާ އާއި ޗެލްސީ ރޭ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 1-1 އިން އެއްވަރު ވެގެންވެ. ޗެލްސީ ކުރިހޯދީ ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީޖާ އަކުންނެވެ.

އާސެނަލް ހަތަރުވަނަ ބުރަށް ދަތުރު ކުރީ އޭއެފްސީ ވިމްބްލެންޑަން އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.