ހަބަރު

މާސިއާލް ސެވިއްޔާއަށް ބަދަލު ވެއްޖެ

މެންޗެސްޓާ ޔުނައިޓެޑްގެ އެންތަނީ މާސިއާލް ލޯން އެއްބަސް ވުމެއްގެ ދަށުން ސްޕެއިންފެ ސެވިއްޔާ އަށް ބަދަލު ވެއްޖެ އެވެ.

ފްރާންސްގެ މި ކުޅުންތެރިޔާ ސެވިއްޔާއަށް ލޯނު އެއްބަސް ވުމުގެ ދަށުން ބަދަލުވިކަން އިއުލާން ކޮށްފައި ވަނީ އިއްޔެ އެވެ.

އުމުރުން 26 އަހަރުގެ މި ކުޅުންތެރިޔާ ޕްރިމިއާ ލީގުގެ މި ސީޒަންގައި މިހާތަނަށް ކުޅެފައި ވަނީ އެންމެ ދެ މެޗެވެ. އޭގެ ތެރެއިން ވެސްޓް ހޭމް އާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާވަނީ ބެންޗުން އަރައި ޔުނައިޓެޑް 1-0 އަކުން މޮޅު ކޮށްދީފަ އެވެ.

މާސިއާލް ޔުނައިޓެޑާއި ގުޅުނީ 2015 ވަނަ އަހަރު އެވެ. އޭނާ ޓީމު ދޫކޮށްލުމާއި ގުޅިގެން ޔުނައިޓެޑްގެ މިހާރުގެ ކޯޗު ރާލްފް ރަންގްނިކް ބުނީ މާސިއާލް އަކީ ޕްރިމިއާލީގުގެ ޓޮޕް ޕްލޭއަރަކަށް ވިޔަސް ޔުނައިޓެޑްގައި އޭނާގެ މަގާމަށް ކުޅޭ އޭނާއަށްވުރެ ޓޮޕް ކުޅުންތެރިން އެބަތިބި ކަމަށެވެ. މިވަގުތަށް އޭނާ އެ ނިންމީ ކުރިމަގަށްޓަކައި ނިންމި ރަނގަޅު ނިންމުމެއް ކަމަށެވެ.

ލަލީގާގައި ސެވިއްޔާ މިވަގުތު އޮތީ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށްވުރެ ހަތަރު ޕޮއިންޓް ދަށުން ދެ ވަނައިގަ އެވެ. މިއަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ފްރާންސް ޓީމުގައި ހިމެނުމަށްޓަކާ މިއީ މާސިއާލް އަށް ލިބޭނެ ފުރުސަތެކެ.