ފަހި ދިރިއުޅުން ކޯޕަރޭޝަން

ފްލެޓު އަަޅަން އިންޑިއާ އިން 227 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

Sep 23, 2021
1

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި 4،000 ފްލެޓު އަޅަން އިންޑިއަން އެގްޒިމް ބޭންކް އިން 227 މިލިއަން ޑޮލަރު (3.4 ބިލިއަން ރުފިޔާ) ގެ ލޯނެއް ދީފި އެވެ.

އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަން މި ސަރުކާރުން އުފެއްދި، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ 4000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ހިންގާ މަޝްރޫއަށް ލޯން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

ވާޗުއަލްކޮށް ބޭއްވި މި ރަސްމިއްޔާތުގައި އެފްޑީސީ އާއި އެގްޒިމް ބޭންކުގެ އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅާފައިހުންނަ ސަފީރު ސަންޖޭ ސުދީރު ވެސް ބައިވެރިވި އެވެ. މީގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ރައީސް އޮފީހުގެ އިސް އޮފިޝަލުން އަދި އިންޑިޔާ އެގްޒިމް ބޭންކްގެ އޮފިޝަލުންގެ އިތުރުން މިމަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންކަމަށްވާ އިންޑިއާގެ އެންބީސީސީ (އިންޑިޔާ) ލިމިޓެޑް އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިޔާ) ލިމިޓެޑްގެ އިސްވެރިންގެ ވެސް ބައިވެރިވެފައިވާ ކަމަށެވެ.

ލޯނު ތަކަށް ސަރުކާރުން ގެރެންޓީ ދީފަ

މި މަަޝްރޫއުގެ ދަށުން ދެ ލޯނެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ. ދެ ލޯނު އެއްބަސްވުމަކީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ އެންބީސީސީ (އިންޑިއާ) ލިމިޓެޑްއާއި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް އާއި އާއިއެކު އެފްޑީސީގެ ފަރާތުން ސޮއި ކުރެވިފައިވާ އީޕީސީ ކޮންޓްރެކްގެ ދަށުން ފްލެޓު އަޅަން ސޮއިކުރި ލޯނުތަކެވެ. ފްލެޓު އަޅަން ހަވާލުކޮށްފައިވަނީ ކޮންމެ ކުންފުންޏަކުން 2،000 ފްލެޓު އަޅާ ގޮތަށެވެ.

ފްލެޓު އަޅާނީ އިންޑިއާ ދެ ކުންފުނި

  • އެއް ލޯނަކީ 110.5 މިލިއަން ޑޮލަރު
  • އަނެއް ލޯނު 116.45 މިލިއަން ޑޮލަރު
  • އެންބީސީސީ (އިންޑިއާ) ލިމިޓެޑް- 2،000 ފްލެޓް
  • ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ)- 2،000 ފްލެޓް

ފަހި ދިރިއުޅުން ކޯޕަރޭޝަންއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެންބީސީސީ (އިންޑިއާ) ލިމިޓެޑް އާއި އެފްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ މި އަހަރުގެ ފެބްރުއަރީ ދެ ވަނަ ދުވަހު އެވެ. އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ކުންފުންޏާއެކު އެއްބަސްވުމަކަށް އައިސްފައިވަނީ މާޗް އަށެއްގަ އެވެ. އަދި މި ދެ މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ހައުސިން ޔުނިޓްތަކެވެ. އޭގެތެރޭގައި ދެ ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 650 އަކަފޫޓް ހުންނާ އެވެ. އަދި ތިން ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 900 އަކަފޫޓޫ ހުންނާނެ އެވެ.