ޕާކިސްތާނަށާއި ތުރުކީއަށް މަޝްވަރާ މޭޒުދޮށަށް ގެންނަން މިހާރު އޮތް އެންމެ މުހިންމު މައުލޫއަކީ އަފްޣާނިސްތާނެވެ. އދ. ގެ އާންމު މަޖިލީހުގެ ސެޝަންތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ދެގައުމުގެ ފޮރިން މިނިސްޓަރުން އެމެރިކާގެ ނިއުޔޯކަށް ވަޑައިގެން ހަވާސާގައި ބައްދަލުކުރައްވައި ދައްކަވަނީ ވެސް އަފްޣާންއާ ބެހޭ ވާހަކަތަކެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޫތު ޗަވްސޯލޫ ޕާކިސްތާންގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގުރޭޝީއާ ބައްދަލުކުރައްވައި ހާލުއަހުވާލު ބައްލަވާލެއްވީ ވެސް އަފްޣާނަށް ފަހު އެވެ.
ދެބޭފުޅުންގެ ބައްދަލުކުރެއްވުމަށް ފަހު ޗަވްސޯލޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބްރަދަރު ގްރޭޝިއާ ބައްދަލުކުރެއްވި ކަމަށާއި ދެގައުމުގެ ހާލަތާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށެެވެ.
ޕާކިސްތާން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ތުރުކީއާ ޕާކިސްތާނުން ދުނިޔޭގައި ސިޔާސަތު ކަނޑައަޅާނީ ގުޅިގެންނެވެ. އަދި އަފްޣާނާއި ކޮވިޑް ފަދަ ދުނިޔެއަށް ކަންބޮޑުވެފައި ހުރި ހާލަތްތަކުގައި ތިބޭނީ އެއްގަލެއްގަ އެވެ.
ޕާކިސްތާނަށް ދިމާވާ ކަންބޮޑުވުންތަކުގައި ތުރުކީން ވަރަށް ބޮޑަށް އަޅާލާކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ބުނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަކީ ކަޝްމީރު މައްސަލާގައި ވެސް ޕާކިސްތާނަށް ލިބިފައި ހުރި ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ.
ދެވަޒީރު ދެއްކެވި ފާހަކަތަކުގައި ބަދަލުވަމުންދާ ބައިނަލްއަގްވާމީ ސިޔާސަތުތަކުގައި ބަދަހި ގުޅުމެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ސިޔާސީ ފުށުއެރުންތަކާއެކު ދެމިތިބުމަށް މަޝްވަރާކުރެވެން ވާނެ ކަމަށް ވިދާޅުވި އެވެ.
ޕާކިސްތާން އާއި ތުރުކީ އަދި ޗައިނާއާ އޮންނަ ގުޅުމާ މެދު ދުނިޔެ އަބަދު ވެސް ފާރަވެރިވެ އެވެ. ތުރުކީއާ ޕާކިސްތާންގެ ފޮރިން މިނިސްޓަރުން ނިއުޔޯކްގައި ބައްދަލުކުރެއްވައްވައި ދެއްކެވި ވާހަކަތަކަށް ވެސް ގައުމުތަކުން ފާަރަލަ އެވެ.