ޕާކިސްތާން މެދުވެރިކޮށް އެއްގަމުން އަފްޣާނަށް އިންސާނީ އެހީ ފޮނުވާނެ ކަމަށް ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޫތު ޗަވްސޯލޫ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާނާއި އިމާޖެންސީ އާލާތްތައް ވައިގެ ޒަރީއާއިން ފޮނުވި ނަމަވެސް އަފްޣާނަށް މުދާ ފޮނުވާނީ އެއްގަމުން ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުން ޕާކިސްތާން މެދުވެރިކޮށް އެ ގައުމުގެ ތެރެއިން އެއްގަމުން އަފްޣާނަށް މުދާ ފޮނުވަނީ އަގު ހެޔޮކުރަން ކަމަށާއި ތުރުކީން ފޮނުވާ އެހީ އަކީ އެއްފަހަރު ފޮނުވާފައި ހުއްޓާލަން ގަސްދުކުރާ ކަމެއް ނޫން ކަމަށެވެ.
ތުރުކީ އިސްނަގައިގެން ތާލިބާނުންނާ މަޝްވަރާ ކުރައްވަންތޯ ސުވާލު ދެންނެވުމުން ޗަވްސޯލު ވިދާޅުވީ ސަފީރުންގެ ފެންވަރުގަައި ކުރިއަށް ދާ ކަމަށާއި ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ އައި ތާލިބާނުންނާ ބައްދަލުނުކުރައްވާ ކަމަށެވެ.
ޗަވްސޯލޫ ވިދާޅުވީ ތާލިބާނުން ވެސް ތުރުކީއަށް އަދި ނާންނަ ކަމަށާއި ބައްދަލުވުންތަކަށް ވުރެ އަފްޣާނަށް މިވަގުތު މުހިންމީ އިންސާނީ އެހީތެރިކަން ކަމަށެވެ.
![](https://images-01.avas.mv/post/big_oFKZAwG2kS1Nic3MyvBg0a3PK.jpg)
ކާބުލް އެއާޕޯޓް ތުރުކީން ހިންގުމާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ވަޒީރު ވިދާޅުވި މަޝްވަރާތައް ކުރިއަށް ދާ ކަމަށާއި ތާލިބާނުން ދޭން ބުނާ ސެކިޔުރިޓީއާ މެދު އެމީހުންނަށް ވެސް ޔަގީންކަން އަދި ނެތް ކަމަށެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ރަޝިއާގެ ރައީސްގެ ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ސުވާ ދެންނެވުމުން ވަޒީރު ވިދާޅުވީ ދެބޭފުޅުންގެ ފޯކަސް އޮތީ ސީރިއާއަށް ކަމަށާއި އިދުލީބުގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ސީރިއާއަށާއި ލީބިއާއާށް އަދި ކާބުލް އަށް ވެސް ތުރުކީން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.