ޅ. ކުރެންދޫއަށް އުދަ އަރާ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ކުރެންދޫއަށް އުދަ އަރަން ފަަށާފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައެވެ. ރަށުގެ ވަރަށް ބޮޑު ސަރަހައްދަކަށް އުދަ އަރާ ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. އެކަމާއި ގުޅިގެން އާންމު ދިރިއުޅުމަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ.
އުދައިގެ އަސަރު ކުރުމާއި ގުޅިގެން ގޭގައި ހިފާ ގެންގުޅޭ ސާމާނުތަކަށް ބޮޑެތި ގެއްލުންތައް ވެފައިވެއެވެ. ކަރަންޓް ސާމާނުތައް ވަނީ ހަލާކުވެފައެވެ. ބައެއް ގޭގޭގެ މީހުން ރޭ މެންދަމުން ފެށިގެން މަސައްކަތް ކުރަން ޖެހިފައި ވަނީ ގެއަށް ވަތް ލޮނުން ތަކެެތި ސަލާމަތް ކުރުމާއި ގޭތެރެ ސާފުކޮށް ލޮނުގަނޑު ހިންދުމުގައެވެ.
އަދި ގޭގޭގައި ހައްދާފައިވާ ގަސްގަހާ ގެއްސާއި ބައެއް ވެހިކަލްތަކަށްވެސް ވަނީ ގެއްލުންވެފައެވެ. ސިފައިންވެސް ވަނީ ފެން ހިންދުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ.
އުދައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކުރެންދޫގެ ފަހުރެއް ކަމަށްވާ އެ ރަށުގެ ޓާފް ދަނޑަށެވެ. އެ ދަނޑަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ޖުމްލަ 1.6 މިލިއަން ރުފިޔާ ހަރަދުކުރި ދަނޑުގެ ބޮޑު ބަޔަކަށް ވަނީ އުދައަރާ ގެއްލުންވެފައެވެ. ދަނޑުގެ ދެބައިކުޅަ އެއްބައި ފޮރުވިފައި ވަނީ ވެއްޔާއި ގަލުންނެވެ. އަދި ދަނޑުގެ ވަށައިގެން ރާނާފައިވާ ފާރުން ބޮޑު ބައެއްވެސް ވަނީ ވެއްޓިފައެވެ.
ކުރެންދޫ ދަނޑު ހެދުމުގައި އިސްކޮށް އުޅުނު ޒުވާނަކު ބުނީ ދަނޑު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެ ކަމަށެވެ. އަދި ބޮޑު އުންމީދަކާއެކު ރައްޔިތުން ތަރައްގީ ކުރި ދަނޑު މިފަދަ ގޮތަކަށް ހަލާކުވެ ދިއުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.