ހަބަރު

ކުރެންދޫގައި ފެންބޮޑުވެ 20 ގެއަކަށް ގެއްލުން

ރާއްޖޭގެ ރަށްތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ޅ. އަތޮޅު ކުރެންދޫގައި ފެންބޮޑުވެ 20 ގެއަކަށް ގެއްލުން ވެއްޖެ އެވެ.

އެމްއެންޑިއެފް އިން މިއަދު ބުނީ ރޭ ފަތިހުން ފަށައިގެން ކުރެންދޫ އަށް ކުރި ވިއްސާރައިގައި އެ ރަށު ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެފައިވާ ކަމަށެވެ. އަދި 20 ގެޔަކަށް ފެންވަނުމާ ގުޅިގެން އެމްއެންޑީއެފް އިން ދަނީ ފެން ހިންދުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ކުރެންދޫ ކައުންސިލުން އަވަސް އަށް ބުނީ ވިއްސާރާގައި 26 އެެއްހާ ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި ބައެއް ގެތަކުގައި ހުރި މުދަލަަށްވެސް ފެނުގެ އަސަރު ކޮށްފައިވާ ކަމަށެވެ. އެގޮތުން، އަލަމާރި ކަބަޑު ފަދަ އެއްޗެއްސަށް ގެއްލުން ލިބިފައިވާކަން ފާހަގަ ކުރި އެވެ. ފެނުގެ އަސަރު ކުރި ގެތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިރު ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ކައުންސިލުން ބުންޏެވެ.

މެޓް އޮފީހުން ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިއަދު 13:00 އިން 17:00 އަށް ވައިޓް އެލާޓް ނެރެފަ އެވެ. ބޯކޮށް ވާރޭވެހި ވައި ގަދަވާނެ ކަމަށް ލަފާ ކޮށްފައިވަނީ ހއ. ނ އަތޮޅުގެ ރަށްތަކަށެވެ.

އިއްޔެ އާއި ރޭ އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގެއްލުންތައް ލިބި ރިޕޯޓްކޮށްފައި ވެ އެވެ.