ވާހަކަ

ނިވެމުންދާ ބައްތި

(ބުރާސްފަތި ދުވަހުގެ ބަޔާގުޅޭ)

އެ ގޮތަށް ކުރެވުނު އެއް ދަތުރަކީ ސާކުގެ ހަތް ގައުމުގެ އަމިއްލަ ކުންފުނިތަކުގެ ވެރިންނަށް ހުޅުވާ ލެވިގެން ބޭއްވުނު ވިޔަފާރި ވެރިންގެ ކޮންފަރެންސެވެ. މި ކޮންފަރެންސަށް ދިއުމަށް ސަރުކާރުން ފުރުޞަތު ދިން ދެ ކުންފުނީގެ ތެރޭގައި ސައުންގެ "ވެށިމާ" ކުންފުނި ހިމެނުނެވެ.

އެ ބައްދަލުވުމަށް އިންޑިޔާގެ ދިއްލީ އަށްކުރި ދަތުރުގައި މިޝްކާއާއި ދެ ކުދިން ވެސް ގެންދިޔައެވެ. ބައްދަލު ވުމުގެ ބޯޑު ބައްދަލު ވުންތައް ނިމި، ނިންމުމުގެ ރަސްމިއްޔާތުގައި ބޭއްވުނު ހަފްލާގައި މިޝްކާ ވެސް ބައިވެރިވިއެވެ. އެކި ގައުމުތަކުގެ މީހުންނާ ބައްދަލުވެ ކާޑުތައް ބަދަލު ކުރެވި ގާތްގުޅުމެއް އާލާ ވަމުން ދިޔައެވެ. ރާއްޖެއިން ދެން ބައިވެރިވި އަނެއް ކުންފުންޏަކީ ކޮރަލްއިންވެސްޓް މެންޓް ކުންފުއްޏެވެ.

މިކުންފުންޏަކީ އަބަދުވެސް ސައުންނާ ވިޔަފާރީގެ މުޢާމަލާތް ތަކުގައި ވާދަވެރި ކުންފުންޏެކެވެ.

ކޮރަލްއިންވެސްޓް މެންޓުގެ މެނޭޖަރ ޒާލިފު ޚަލީލަށް މިޝްކާ ވަރަށް ކަމުދިޔައެވެ. ވިޔަފާރީގެ ވާދަވެރިކަމުގެ ފައިދާ ނާޖާއިޒު ގޮތުގައި ނެގުމުގެ ވިސްނުމުގައި މިޝްކާގެ ރީތިކަމަށް ތަޢުރީފް ކުރިއެވެ. ޒާލިފުގެ ފަށުވި ތަޢުރީފް ތަކުގެ ސަބަބުން މިޝްކާގެ މަގާމާއި ހައިޞިއްޔަތު އޮޅެމުން ދިޔައެވެ. މީހެއްގެ އަނތްބެއް ކަމުގެ ކުޑަވެސް ފިކުރެއް ނެތެވެ. ތަރައްޤީ ވެދާ ގުޅުމުގެ ތެރެއިން އިތުރު ގުޅުމެއް ނިރުލައި އާރޯވަމުން ދާނެ ކަމަކަށް މިޝްކާ ނުދެކުނެވެ. ޒާލިފުގެ އަވައިގައި ޖެހި އޭނަގެ ހިތާ ނަފުސު ކޮންޓްރޯލެއް ނުކުރެވުނެވެ. އެ ދަތުރަށް ފަހު ދެމީހުންގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރަމުން ދިޔައީ ފޯނާއި، ފޭސްބުކާއި، ވައިބަރ މެދުވެރި ކޮށެވެ. ފަރުދާގެ ފުރަގަހުގައި ކުޅެވެމުންދާ ތަމްސިލުގެ ކުޑަވެސް އިޝާރާތެއް ސައުން ނަކަށް ނުވެއެވެ. ރޭތަކާ ހަވީރުތައް ހޫނުކުރަމުން ދިޔައީ ފޯނުންނެވެ. އެހާމެ ސިއްރުންނެވެ. ދުވަސް އިތުރު ވީ ވަރަކަށް މަޢުޟޫގެ ރާގުވެސް ދިޔައީ ބަދަލުވެ، ތަފާތު ވަމުންނެވެ. އެކަކު އަނެކަކަށް ޖަޒުބާތީ ވެވެމުން ގޮސް ހިތާ ނަފުސު ގުރުބާން ކުރާ ހިސާބަށް ދަތުރު ކުރިއެވެ. އެގުޅުމަށް އެންމެ ފަހުން ލޯބީގެ ނަން ދެވި ޑައިރީގެ ސަފްހާތައް ލޯބީގެ ގަލަމުން ލިޔެވެމުން ދިޔައެވެ. ހުވަޔާ ވަޢުދު ތަކުން އަހުދު ހިފަމުންނެވެ. ކޮފީ މޭޒުތަކުން ގޮސް އެކަހެރި މަންޒިލު ތަކުގައި ދެމީހުން އެކަނިވެލަން ބޭނުންވާ ހިސާބަށް ދިޔައެވެ. އުފަން ދުވަހާއި އެނޫން ވެސް ދުވަސްތަކާއި ދިމާކޮށް ހަދިޔާ ބަދިޔާ ދެފަރާތަށް ބަދަލު ވުން އާއްމު ވިއެވެ. ޒާލިފު ހިންގާ ރިސޯޓު ތަކުން ހިލޭ ޕެކޭޖުތައް ލިބެމުން ދިޔައެވެ. މީގެ އިތުރުން އެކުވެރިންނާއި އެކު ޗުއްޓީ ހޭދަ ކުރަން މަދުން ނަމަވެސް ދާން ބޭނުންވާ މަންޒިލުތަކުގެ ލިސްޓްގައި ޒާލިފުގެ ރިސޯޓުތައް ހިމެނެމުން ދިޔައެވެ. މިހުރިހާ ކަމެއްގެ ނިވަލުގައި ވަނީ ދެމީހުން އެއްތަންވެ، ސައުންނާއި ސިއްރުން ބައްދަލުވެ، ލޯބީގެ މެންދަން ތަކާއި، ހަވީރުތަކުގައި ދެމީހުން މިނިވަން ކަމާއެކު އުދުހި އުފާހޯދުމެވެ.

ތަފާތު މީހުންގެ ފުށުން އެކި ކަހަލަ އަޑުތައް މިޝްކާ އޭ ކިޔައިގެން އެރުން އިތުރުވި ވަރަކަށް ސައުންގެ ހިތް ނުތަނަވަސް ވަމުން ދިޔައީ އިންތިހާ އަށެވެ. އަދި ވިޔަފާރީގެ މުއާމަލާތް ތަކާއި އޮފިސް މާހައުލުން މިޝްކާ ދުރުވެ، ކުދިންނަށް ޓަކައި ގޭގައި މަޑު ކުރުމަށް ސައުން ލަފާދިނީ މި ސަބަބަށް ޓަކައެވެ. ދަރިންގެ ތަރުބިއްޔަތަށް ނުރަގަޅު އަސަރެއް ކޮށްފާނެތީއެވެ. ގޭގައި ގެންގުޅޭ މީހެއް ގެން ގުޅުމާ މެދު ސައުން ފާޅުގައި އިންކާރު ކުރަމުން ދިޔައެވެ. ކައްކާ، ގޭތެރެ ސާފުކޮށް ހެދުމަށް މީހުން ގެން ގުޅުނު ނަމަވެސް ކުދިންގެ ކަންތައް ތަކަށް އިތުރު މީހަކު ހޯދުމާ މެދު އިންކާރު ކޮށް މިޝްކާ ގޭގައި މަޑު ކުރުވިއެވެ. މިއީ މިދަނޑިވަޅުގައި މިޝްކާ އެންމެ ބޭނުންވާ ގޮތެއް ނޫނެވެ.

ކުދިން ބަލަން ގޭގައި އިނުމަކީ ކަޓުކަމެއްގެ ގޮތުގައި ދެކުނެވެ. ތަކުރާރު ކޮށް ސައުން ގާތު ޝަކުވާ ކުރަމުން ދިޔައެއެވެ. މިއީ މިހާތަނަށް ސައުން މިޝްކާގެ ވިސްނުމާ ދެކޮޅަށް ނިންމި ފުރަތަމަ ނިންމުމެވެ. ލޯބިން ހުރިހާ ކަމެއް، ކޮށްދިން ނަމަވެސް ދެކުދިންގެ ހައްޤުގައި މިފަހަރު ސައުން ދެކޮޅު ހެދީއެވެ. އަދި އޮފީހަށް ނު ނިކުތުމަށް އެދުނެވެ. އެއްމެ ފަހުން މިޝްކާ ހަތިޔާރު ބަހަށްޓައި ގޭގައި މަޑުކުރަން ނިންމިއެވެ.

އެހެން ނަމަވެސް ނަމެއްގައެވެ. ކުދިންނަށް ކާންދިނުމާއި ކުދިންގެ އެހެނިހެން ކަންތައްތައް ގިނަފަހަރަށް ކުރަނީ ޝައުން އޮފީހުން އެނބުރި ގެއަށް އައިހެވެ. ފިލާވަޅު ހައްދުވައި ކުދިންގެ ހަލަބޮލި ކަމުން އިންތިޒާމު ގެއްލިފައިވާ ކޮޓަރިތެރެއާއި ގޭތެރެ ހަމައަކަށް އަޅުވަނީ ޚުދު ސައުންގެ ދެ އަތުންނެވެ. ގޭ ގެ ދޮރުން ފުރަތަމަ އަޅާފިޔަވަޅާ އެކު ގޭތެރޭގެ ޒިންމާއާއި ޝައުން ހަވާލު ވާން މަޖުބޫރު ވެއެވެ.

މިޝްކާގެ ބޮލުގައި ރިހޭނެއެވެ. ނޫނީ ފައިގައި ރިހޭނެއެވެ. ތަދުނުވާ، ނުރިއްސާ އެންމެ ކަށި ކޮޅެއް ވެސް އިންނަ ކަމަކަށް ނުވެއެވެ. ކުދިންގެ ޝަކުވާތައް ޝައުންނަށް އޮހެމުންދެއެވެ. އެ ފަދަ ވަގުތު ތަކުގައި ބޯފަޅައިގެން ދާވަރު ވެއެވެ. ވުމާ އެކު މަދު މަދުން ދެ ބަސްވުންތައް އައީ އުފެދެމުންނެވެ. އެ ގޮތުން ކޮންމެ ދުވަހެއްގެ ވެސް އިރު ދުނިޔެއަށް ފަޅާ ލަނީ އާ ކޮޅިގަޑަކާއި އެކުގައެވެ.

ޝަކުވާ ކުރުމާއި މައްސަލަ ޖެއްސުން އެއީ ދިރިއުޅުމުގެ ބަޔަކަށް ވުމުން އެކަމަށް ހޭނެމުން ދިޔައެވެ. އެހެން ނަމަވެސް މިޝްކާގެ މި ބަދަލާ މެދު ސައުން ކަންބޮޑުވިއެވެ. އެންމެފަހުން ސައުން ނިންމީ މިޝްކާ އެދޭ ގޮތަށް އޮފީހަށް ދިއުމަށް ފުރުޞަތު ދިނުމަށެވެ. އެހެން ކަމުން މިޝްކާ ބޭނުންވާ ގޮތް ކަމަށްވާ ނަމަ އޮފީހަށް ނިކުތުމަށް އެދުނެވެ. އެއީ އަބަދު ކުދިންގެ ކުރިމަތީގައި ދެ ބަސްވާ މަންޒަރު ތަކުރާރު ވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވާތީއެވެ. ނަމަވެސް މިޝްކާ އަކީ ގޮތް ދޫނުކުރާ ބޯހަރު ގޮތެއް ހުންނަ މީހެއް ކަމުން މިފަހަރު ޝައުންގެ ބަހަށް ހެއްލި އޮފީހަށް ދާކަށް ބޭނުމެއް ނުވިއެވެ. މިފަހަރު މިޝްކާގެ އަމިއްލަ ފައިދާއަށް ވިސްނިއެވެ. އޭނަގެ ވަގުތު ތަކަށް ބުރޫ އަރާނެ ތީއެވެ. އޮފީހުގެ މަސައްކަތް ތަކުގެ ސަބަބުން ބިޒީ ވެއްޖެ ނަމަ އޭނަގެ ރައްޓެހިންނަށް ސޯސަލު މީޑިޔާގައި ދޭންޖެހޭ ވަގުތު ނުދެވި ދާނެތީއެވެ. ޚައްޞަކޮށް ޒާލިފާ ދެމެދުގައި އޮތް ގުޅުން ސައުންނަށް ފަޅާއަރާ ފާނެތިޢެވެ. ގޭގަ އެލިބޭ ކަހަލަ މިނިވަން މާހައުލެއް އޮފީހުން ނުލިބޭނެތީއެވެ.

ޝައުނަށް ނޭގުނު ނަމަވެސް މިޝްކާގެ ހިތުގައި މިހާރު ރަސްކަން ކުރަނީ ސައުންގެ ލޯތްބެއް ނޫނެވެ. އަދި ތިލަވެ، ވޮޑެމުންދާ ތުޑިއެއް ފަދައިން މިސްކާގެ ހިތުގައި ޒާލިފުގެ ލޯބީ ދިޔައީ ދިރެމުންނެވެ. ޒާލިފުގެ ލޯބީގެ ނާނާނަތައް މިސްކާގެ ހިތަށް ބީއްސާލާ ކޮންމެ ސިކުންތަކާ އެކު ސައުންގެ ލޯބީގެ ބިނާ ދިޔައީ ގިރެމުންނެވެ. ނަތީޖާ އަކަށްވީ ސައުންނަށް އޮތް ލޯބީގެ ޖާގަ ޒާލިފަށް ޓަކައި ވަގުފު ކޮށް ނިމުމެވެ.

މިކަމުގެ ޢާޚިރު ނަތީޖާ އަކަށްވީ ސައުންއަށް މިޝްކާ ހިތްއެދޭ ގޮތަށް ނުވަތަ ރުހޭ ގޮތަށް އެއްވެސް ކަމެއް ކޮށް ނުދެވުމެވެ. ރީތި އަދި ކަމުދާ އެއްޗެއް ވެސް ނުދެވެއެވެ. ސައުންނާ އެކު ބޭރަށް ދިއުމަކީ ފޫހި ކަމެއްގެ ގޮތުގައި ދެކެމުން ދިޔައެވެ. ދުވަހުން ދުވަހަށް ދެ ފަރާތުގެ ޝަކުވާތައް ދިޔައި ހޫނު ވަމުންނެވެ. ހައްލުވުމުގެ ބަދަލުގައި ހުރިހާ މައްސަލައެއް ވެސް ނިމެނީ ނިޔާ ނެތް މައްސަލައެއްގެ ގޮތުގައެވެ.

ދުވަސްތައް މިގޮތަށް ތަކުރާރު ވުން އާއްމު ވުމުން ދެމީހުންގެ ދެމެދުގައި އޮތް ކައިވެނީގެ ގުޅުން ދިޔައީ ހުރިހާ މާނައެއްގައި ވެސް ހީނަރު ވަމުންނެވެ. ދެމީހުން އެއްތަންވެ، ނިދާ ގަޑިޔަކީ ވެސް ޝަކުވާ ކުރާ ވަގުތަކަށް ވެއްޖެއެވެ. ދެމީހުން ދެ ފުށަށް ތިބެން ނިދުން އެއީ އާއްމު ކަމަކަށް ވިއެވެ. އެއްތާ ނިދިޔަސް ދެ މީހުން ޙިއްޞާ ކުރާ އުފަލެއް މިހާރަކު ނެތެވެ. ކައިވެނީގެ ފޮނި މީރު ކަމުން ދެމީހުން ވެސް ވަނީ ދެކުށް ވެރިން ފަދައިން މަޙުރޫމު ވެފައެވެ. ކުދިންގެ ކުރިމަތީގައި ބައެއް ފަހަރަށް ހިނިތުންވެ އުޅޭ މަންޒަރު ދެއްކި ނަމަވެސް ދެ މީހުން އެކުގައި އެކަހެރިވެލާ ކޮންމެ ވަގުތުތަކީ ވެސް ނުދަންނަ ދެ ބީރައްޓެހިންނަށް ވެފައި ވެއެވެ. ސައުން މި ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރާ ކޮންމެ ވަގުތަކު ވެސް މިސްކާގެ ފުށުން ފެންނަނީ އިންތިހާ ނަފުރަތެވެ. ތަކުރާރުކޮށް އެކުގައި އުޅެން ބޭނުން ނުވާކަމަށް ފާޅުގައި ބުނަމުން ދިޔައެވެ. އެ އަޑަށް ސައުން ބީރުކަންފަތެއް ދެމުން ދިޔައީ ދެ ކުދިންގެ ޙައްޤުގައެވެ. ރޫޅިފައިވާ ކައިވެއްޏެއްގެ ޝިކާރަ އަކަށް އެ ދެ ކުދިން ވެދާނެ ތީއެވެ. ރޫޅިފައި އާއިލާ ތަކުން ނުކުންނަ ކުދިން މުޖުތަމައުގައި އުޅެމުންދާ ނިކަމެތި ހާލާ މެދު ކަންބޮޑުވާތީއެވެ.

މިރޭވެސް ސައުން މިސްކާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަން ފެށިއެވެ. މިޝްކާއާއި ވާހަކަ ދައްކަން ބޭނުންވާކަން ހާމަކުރިއެވެ. މިގޮތަށް ކިހާދުވަހެއް ވަންދެންތޯ ކެތްކުރަންވީ ހެއްޔޭ ސައުން ބުންޏެވެ. ސައުން ވާހަކަ ދައްކަމުން ގޮސް މިސްކާގެ އަތުގައި ހިފާ ގަޔާ ގާތަށް ގެނެސް ކައިރީގައި ބޭންދުމަށް ކުރި މަސައްކަތްވީ ނާކާމިޔާބެވެ. ނުރުހުމާ އެކު އަތް ފޮޅުވާލުމަށް ފަހު އެނދު މަތިން ބާލީހަކާއި އިތުރު ރަޖާ ގަނޑެއް ހިފައިގެން ގޮސް ކޮޓަރީގައި ހުރި ބޮޑު ސޯފާގައި އޮށޯތެވެ. ދައްކާ ވާހަކަ އަޑު އަހަން ބޭނުން ނުވާ ކަމަށް ބުނަމުން ދެކަންފަތަށް ހެޑު ސެޓް ގުޅާލުމަށް ފަހު ފޯނާ ކުޅެން ފެށިއެވެ. އިރުކޮޅަކުން ހެޑްސެޓް ކަންފަތުން ނެއްޓުވުމަށް ފަހު ސައުންނާއި ދިމައަށް ރުޅިވެރިކަމާއެކު ލޯވައްކޮށް ލިއެވެ. މިޝްކާގެ އަމަލުތައް ހުރި ގޮތާ މެދު ސައުން ކަންބޮޑު ވަމުން ދިޔައެވެ. ހިތްވަރު ކޮށްފައި އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.

"މިޝްކާއަށް ކަންތައް ތިޔަ ކުރެވޭ ގޮތާ މެދު ވިސްނާލަ ބަލަ! މީ މިޝްކާގެ ފިރިމީހާ. އެއްކޮޓަރީގައި އެއްތާ ނިދާ އިރުގައި ވެސް މިޝްކާގެ ގައި ހަމުގައި ބީހިލުން ވެސް މި އަދު މި ވަނީ މަނާވެފައި. ތިޔައި އަހަރެންގެ އަނބިމީހާ. ފިރިންނަށް އަބިން އަދާކުރަންޖެހޭ ޚައްޤާއި ވާޖިބުތައް އަދި އަޅާލުން މިޝްކާއަށް ދެވޭތޯ އަމިއްލަ ނަފުސާ ސުވާލު ކޮށްލަ ބަލަ! އަހަރެންގެ ކަމެއް ނުކޮށް ދޭ ތާނގައި ކުދިންގެ ކަމެއް ވެސް ކޮށްދެނީކީ ނޫން."

އަނގައިން ނު ބުނަން ކަމަށް އޮތް މިޝްކާ އަށް ހަނަކުން ނު އޮވެވުނެވެ. ފުންމައިގެން ތެދުވިއެވެ.

މިޝްކާ ބޭނުންވާ ގޮތް ފާޅުގައި ބުނަން ނުކެރި ގެން ހުންނަތާ ކިތަންމެ ދުވަހެކެވެ. އެހެން ކަމުން ފުރުސަތަކަށް ބަލަން އޮތް ވަގު ހިޔަޅެހެން މަކަރުވެރި ކަމާއެކު ސައުންގެ ވިސްނުމުގައި ހުޅު ރޯކުރަން ބޭނުންވިއެވެ. (ނުނިމޭ)

ފުރަތަމަ ބައި: