ދައްޕަރު

"ދައްފަރު މައްސަލާގައި ކޯޓަށް ދާން ތައްޔާރު"

ހއ. ފިއްލަދޫ އިހުތިސާސްގެ ތެރެއިން ދައްޕަރު ވަކިކުރި މައްސަލައިގައި ދައްޕަރު އަބުރާ ނުލިބިއްޖެނަމަ ކޯޓަށްދާން ވެސް ތައްޔާރަށް ތިބި ކަމަށް ސޭވް ދައްޕަރު ކޮމިޓީ އިން ބުނެފި އެވެ.

އަވަސް ގެ ފޭސް ޓު ފޭސް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ސޭވް ދައްޕަރު ކޮމިޓީގެ މެމްބަރު މުހައްމަދު އިރުޝާދު ވިދާޅުވީ ދައްޕަރު ހޯދަން ރައްޔިތުން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވެއްޖެ ނަމަ ކޯޓަށް ވެސް ދާނެ ކަމަށެވެ.

އިރުޝާދު ވިދާޅުވީ ރައްޔިތުން ތިބީ ގޮތް ދޫކުރާ ގޮތަކަށް ނޫން ކަމަށެވެ. " އެއީ ފިއްލަދޫ ރައްޔިތުންގެ ބިން. އަޅުގަނޑުމެންގެ ކާބަފައިން ދިރިއުޅުނު އެ ހުރިހާ ހަދާންތަކެއް ހުރިތަން އެއީ ދައްޕަރަކީ" އިރުޝާދު ވިދާޅުވި އެވެ.

އެހެންކަމުން ދައްޕަރުގައި "ކޮންމެ ކޮންމެ ގޮތަކަށް" މަޝްރޫތައް ކުރިއަށްދާކަށް ފިއްލަދޫ ރައްޔިތުން ނުރުހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އިރުޝާދު ވިދާޅުވީ ފިއްލަދޫ ރައްޔިތުން ދައްޕަރު އަބުރާ ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި ދާން ޖެހުނު ކޮންމެ ހިސާބަކަށް ދާނެ ކަމަށް ވިދާޅުވި އެވެ.

ފިއްލަދޫގެ އިހްތިސާސްގެ ތެރެއިން ދައްޕަރު ވަކިކުރި މައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހަށާއި ރައީސް ސޯލިހަށް 475 ފިއްލަދޫ ރައްޔިތުންގެ ސޮޔާއެކު ވަނީ ޕެޓިޝަނެއް ހުށަހަޅާފަ އެވެ. އިރުޝާދު ވިދާޅުވީ އަދި މި ޕެޓިޝަނާއި ގުޅޭގޮތުން އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

ޕެޓިޝާނާއި ގުޅިގެން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުއްﷲ ވަރަށް ތަރުހީބު ދެއްވާ ކަމަށް އިރުޝާދު ވިދާޅުވި އެވެ. މަޖިލީހުންގެ ވިސްނުން ވެސް ހުރީ ފިއްލަދޫ ރައްޔިތުންނާއި އެއްކޮޅަށް ކަމަށް ވިދާޅުވި އެވެ.