ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް ގެނައި 11 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ. މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާ އިން ފާސްކުރި ބިލެކެވެ.
މި އިސްލާހުން ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޖޮއިންޓް ވެންޗަ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ރަށްތައް ކުއްޔަށް ހިފާފައިވާ ކުންފުނިތަކުގެ ހިއްސާ ވިއްކާލުމުގައި މާކެޓް ވެލިއުއަށް ރިއާޔަތްކޮށް ހުރިހާ ފަރާތެއްގެ ވެސް ހައްގުތައް ހިމާޔަތް ކުރެވޭނެ އުސޫލެއްގެ ތެރެއިން އެ ތަންތަނުގެ ހިއްސާގެ އަގު ކަނޑައެޅޭނެ ގޮތަކަށް މަގުފަހިކޮށްދިނުމާއި ކައުންސިލުތަކަށް އެކަށީގެންވާ އާމްދަނީއެއް ލިބޭ ފަދަ ގޮތަކަށް މާކެޓް ވެލިއުއަށް ބިންތައް ކުއްޔަށް ދޫކުރުމަށް މަގުފަހިކޮށްދިނުމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ހައްގުތައް ބަދަލު ކުރުމުގައި ހުއްދަދޭ ފަރާތަކަކީ ކައުންސިލުތައް ކަމުގައި ކަނޑައެޅުން ހިމެނެއެވެ.
މި އިސްލާހުގެ ދަށުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތައް ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ހަދައި ގެޒެޓުގައި ޝާއިއު ކުރަން ޖެހެއެވެ.
އަދި މިނިސްޓްރީން ހުއްދަ ދީގެން ފަތުރުވެރިން ބެއިތިއްބުމަށް ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް މެރީނާތަކުގެ ހިންގުމުގެ ހުއްދަ މި މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތަށް ގާނޫނަކަށްވެ އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 12 މަސްދުވަސް ހަމަވާ ތާރީހުގެ ކުރިން ބަދަލު ކުރަންޖެހެ އެވެ. އަދި އެފަދަ ތަންތަން ހިންގުމަށް މި އިސްލާހަށް އަމަލު ކުރަން ފެށުމުގެ ކުރިން މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ އެ މުއްދަތު ހަމަވަން ދެން ދެމި އޮންނާނެ ކަމުގައި ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ޓޫރިޒަމާބެހޭ ގާނޫނަށް 11 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވުމާއި ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. މި ގާނޫނަށް އަމަލު ކުރަން ފަށާނީ ގާނޫނު ފާސްވެ ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.