ރަޝިޔާގެ ހަނގުރާމަމަތީ ޖެޓެއް ތުރުކީން ވައްޓާލުމުން ދެގައުމުގެ ގުޅުން ގޯސްވެފައި ވަނިކޮށް ރަޝިޔާއިން ތުރުކީއާ ދެކޮޅަށް އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
ރަޝިޔާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުގައި ހިމެނެނީ ތުރުކީން މުދާ އެތެރެކުރުން ހުއްޓާލުމާ، ތުރުކީގެ ކުންފުނިތައް ރަޝިޔާގައި މަސައްކަތްކުރުން ހުއްޓުވުމާ، ތުރުކީގެ މަސައްކަތްތެރިން ރަޝިޔާގައި މަސައްކަތްކުރުން ހުއްޓުވުމެވެ. މީގެ އިތުރުން ދެގައުމުގެ މެދުގައި ޗާޓަރު ފްލައިޓުތައް އޮޕަރޭޓު ކުރުން މެދުކަނޑާލުމާއި ތުރުކީގެ ފަތުރުވެރިންނަށް ޓުއާ ޕެކޭޖުތައް ވިއްކުން ހުއްޓާލުމަށްވެސް ރަޝިޔާ ސަރުކާރުން ވަނީ އަންގާފައެވެ.
ރަޝިޔާއިން ތުރުކީއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާއިރު، ތުރުކީގެ ރައީސް ތައްޔިބް އުރުދޮގާން ބޯޓު ވައްޓާލި ހާދިސާއާ ބެހޭގޮތުން ދައްކަވާ ވާހަކަތައް ކޮންމެވެސް ވަރަކަށް ފިނިވެފައި ވާކަން ފާހަގަ ކުރެވެއެވެ. ރަޝިޔާއިން މި ހާދިސާއާ ގުޅިގެން ދައްކަނީ ދޮގު ވަހަކަ ތަކެއް ކަމަށާ ރަޝިޔާއިން ކުޅެމުން އެދަނީ އަލިފާނާ ކަމަށް ވިދާޅުވި އުރުދޮގާން ފަހުން ވިދާޅުވީ މި ހާދިސާއާ މެދު ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެއީ ރަޝިޔާގެ ބޯޓެއްކަން އެނގުނު ނަމަ އިންޒާރު ކުރާނެ ގޮތް ތަފާތުވީސް ކަމަށް ވެސް އުރުދޮގާން ވިދާޅުވެފައި ވެއެވެ.
މި މައްސަލައިގާ ވާހަކަ ދައްކައިގެން ހައްލެއް ހޯދުމަށް އުރުދޮގާން ހުށަހެޅުއްވި ނަމަވެސް ޕުޓިން ވިދާޅުވީ މާފަށް ނޭދެނީސް މަޝްވަރާ ކުރުމެއް ނެތް ކަމަށެވެ. މާފަށް އެދުމަށް އުރުދޮގާން ދެކޮޅު ހައްދަވައެވެ.
ތުރުކީއާ ރަޝިޔާއަކީ އިގްތިސާދީ ގުޅުންތައް ގިނަ ދެގައުމެވެ. ރަޝިޔާއަކީ ދެވަނައަށް ތުކުރީގެ އެންމެ ބޮޑު އިގްތިސާދީ ބައިވެރިޔާއެވެ. މިދިޔަ އަހަރު އެކަނި ވެސް ރަޝިޔާގެ ތިން މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ތުރުކީއަށް ޒިޔާރަތް ކުރިއެވެ. އަދި ރަޝިޔާގައި ތުރުކީގެ 90 ހާހެއްހާ ރައްޔިތުން ވަޒީފާއަދާކުރާއިރު އެމީހުންގެ އާއިލާތަކާއެކު 2 ލައްކައެއްހާ ތުރުކީ ރައްޔިތުން ރަޝިޔާގައި ދިރިއުޅެއެވެ. - ބީބީސީ