އެމްޑީޕީގެ ގައުމީ މަޖިލިސް

މާލޭ ރައީސްކަން ޝިފާއަށް، އަކްރަމް ބަލި ގަބޫލުކުރައްވައިފި

އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ކަމަށް މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު އިންތިހާބު ކޮށްފި އެވެ.

މިއަދު މުޅި ރާއްޖޭގައި ކުރިއަށްދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެންމެ ވާދަވެރިކަން ބޮޑުވި އަދި އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓުނީ މާލެ ދާއިރާއަށެވެ. އެއީ އެ ދާއިރާއަށް ކުރިމަތިލެއްވި ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ވާދަވެރިކަން ބޮޑުވުމުންނެވެ. އަދި ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން އަކްރަމަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމާމެދު ސުވާލު އުފެދުމުންނެވެ. ނަމަވެސް ފަހުން ނިންމީ އިންތިހާބުން އަކުރަމަށް ފުރުސަތު ދޭށެވެ.

މިއަދުގެ އިންތިހާބުގައި މާލޭގެ ހުރިހާ ދާއިރާއަކުންހެން ޝިފާ ވަނީ ކުރި ހޯއްދަވާފައެވެ. ބައެއް ދާއިރާތަކުން ވަރަށް ބޮޑު ތަފާތަކުން ޝިފާ ކުރި ހޯއްދަވާފައިވެއެވެ. އެގޮތުން ޝިފާ ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާއިން 137 ވޯޓް އޭނާ ހޯއްދެވިއިރު އަކްރަމް އަށް ލިބިވަޑައިގަތީ 34 ވޯޓެވެ.

އިންތިހާބުގެ ނަތީޖާ ސާފުވުމާއި ގުޅިގެން އަކްރަމް ވަނީ ބަލި ގަބޫލުކުރައްވާފައެވެ. އޭނާ ވިދާޅުވީ އިންތިހާބުން ބަލިވެއްޖެ ކަމަށެވެ. ނަމަވެސް ވޯޓް ދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު އަދާ ކުރެއްވިއެވެ.

މިފަހަރުގެ އިންތިހާބުގައި ރައީސް ނަޝީދުގެ ތާއީދު ލިބިވަޑައިގަތީ ޝިފާއަށެވެ. ނަޝީދުގެ މުޅި އާއިލާއިންހެން ވަނީ ޝިފާގެ ކެންޕެއިންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.

އަކްރަމް ފާހަގަކުރެވުނީ ރައީސް ސޯލިހްގެ ތާއީދު އޮތް ކެންޑިޑޭޓެއްގެ ގޮތުގައެވެ. ނަމަވެސް އެކަން ރައީސް ރަސްމީ ކުރައްވާފައެއް ނުވެއެވެ.

މިއަދުގެ އިންތިހާބު ފެށުމާއެކު އަކްރަމް ވަނީ އިމްތިޒާމުތަކާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިދިޔަ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަކްރަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) ދޮގު ތުހުމަތުތަކެއް ކުރެއްވި ކަމަށް ވިދާޅުވެ އޭނާއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރެއްވުމަށް އަކްރަމް ވަނީ ނިންމަވާފައެވެ.