އެމްޑީޕީ

އެމްޑީޕީގެ ކޮންގްރެސް އަހަރު މެދަށް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސް އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ.

ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމަކީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ އިންތިހާބާއި ޗެެއާޕާސަންގެ އިންތިހާބު އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހަކާއި އަންހެނުންގެ ރޫހުގެ އިންތިހާބާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ބާއްވާނެ ތާރީހަކާމެދު ގޮތް ނިންމަން ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލްވުމަށް މާލެ ސިޓީގެ ރައީސް ޝިފާ މުހައްމަދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމުގެ ކުރީން ގާނޫނު އަސާސީއަށް ގެންނަން ފެންނަ ބަދަލުތައް ނިންމުމަށް އެމްޑީޕީގެ ކޮންގްރެސްއެއް ބޭއްވުމަށް ހުށައެޅުއްވާ ކޮންގްރެސް ބާއްވާނެ ތާރީހަކީ އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަސް ކަަމަށް ހުށައަޅުއްވާފަ އެވެ. މި ހުށައެޅުން މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސް ކޮށްފަ އެވެ.

މީގެ އިތުރުން އަންހެނުންގެ ރޫހުގެ އިންތިހާބާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބާއި ޗެއާޕާސަންގެ އިންތިހާބު އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ވެސް ޝިފާގެ ހުށައެޅުމުގައި ވެއެވެ. 

މި ހުށައެޅުންތައް ފާސްވީ ގައުމީ މަޖިލީހުގެ ބައްދަލްވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ނަމަވެސް އެއީ ކިހާ ވޯޓެއް ކަމެއް ސާފެއް ނުވެއެވެ. އެއީ ވޯޓްގެ އަދަދު ކަށަވަރު ކުރުމަށް ފެންނަ ކަަމަށް ވޯޓް ދިން މެންބަރުންގެ އަދަދު ގުނާފައިނުވާތީ އެވެ. އެ ގޮތަށް ނިންމި ނިންމުމާއި ގުޅޭގޮތުން ބައްދަލްވުމުގެ ރިޔާސަތު ބެލެހެއްޓެވި ހަސަން ލަތީފް ވަނީ ތަފްސީލް ހިއްސާ ކުރައްވާފަ އެވެ.

"މިހާރު މި ގައުމީ މަޖިލީސް ހިނގަމުންދަނީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ގައުމީ މަޖިލީސްތައް ހިނގާ ގޮތަށް ކަމަށްވާތީ ވޯޓް ގުނުންވެސް އަޅުގަނޑު މި ގެންދަނީ އެ ގޮތަށް. ފާސްވިކަން އަޅުގަނޑުމެންނަށް ޔަގީންވާ ހިސާބުން އެ ވޯޓް ނުގުނާ އެ ވޯޓް ފާސްވެއްޖެ ކަމަށް އިއުލާނު ކުރަމުން މި ގެންދަނީ،" ހަސަން ލަތީފް ވިދާޅުވިއެވެ.

އިންތިހާބުތަކަށް ކަނޑައެޅި ތާރީހުތައް

  • ޗެއާޕާސަންގެ އިންތިހާބު - 16 އޭޕްރީލް 2022
  • އަންހެނުންގެ ރޫހުގެ އިންތިހާބު - 16 އޭޕްރީލް 2022
  • ޒުވާނުންގެ ހިތްވަރުގެ އިންތިހާބު - 16 އޭޕްރީލް 2022
  • އެމްޑީޕީގެ ކޮންގްރެސް - 4 އޮގަސްޓް 2022
  • އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ އިންތިހާބު - 18 ފެބްރުއަރީ 2022

މީގެ އިތުރުންވެސް އިތުރު ދެ ހުށައެޅުން މިރޭ ވަނީ ފާސްކޮށްފައެވެ. އެއީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ މަގާމުތަކުގެ ތެރެއިން ޕާލިމަންޓަރީ ގުރޫޕްގެ މަގާމުތައް ފިޔަވާ އެހެން މަގާމުތަކުގެ މުއްދަތަކީ މީލާދީ ގޮތުން ފަސް އަހަރު ކަމަށް ކަނޑައެޅުމާއި އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ ހުރިހާ މަގާމެއްވެސް ހިނގަމުންދާ މުއްދަތު ހަމަވުމުގެ ކުރީން އައު އިންތިހާބެއް ބާއްވާ ދާއިމީ ނަތީޖާ އިއުލާނު ކުރަން ޖެހޭނެ ކަމަށް ބުނާ އިސްލާހެކެވެ. އަދި އެއްވެސް ސަބަބަކާއި ގުޅިގެން މަގާމެއް ހުސްވެއްޖެނަމަ އެ މަގާމެއް ހުސްވާތާ 30 ދުވަހުގެ ތެރޭގައި އިންތިހާބަށް އިއުލާނު ކުރަން ޖެހޭނެ ކަމަށް ބުނާ އިސްލާހެވެ

މަތިއުތުުރު ޕްރޮވިންސްގެ ރައީސް މުހައްމަދު ވަހީދު ހުށައެޅުއްވި މި ދެ އިސްލާހުވެސް ފާސްވެފައިވާ ކަމަށް ވަނީ އިއުލާނު ކޮށްފައެވެ.