އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުންނަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވާކަން ހާމަ ކުރެއްވުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ. އެމްޑީޕީގެ ބައެެއް އެކްޓިވިސްޓުންނާއި އާންމުން ވެސް ވަނީ ރައީސް ނަޝީދު އެ ގޮތަށް އަމަލު ކުރައްވާތީ ފާޑުކިޔާފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މާލެ ދާއިރާގެ ރައީސް ކަމަށް މާލެ ސިޓީގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދު ކުރިމަތިލައްވާނެ ކަމަށް ވަނީ އިއުލާނު ކުރައްވާފަ އެވެ. އެކަން ހާމަކުރައްވާ ޝިފާ ކުރެއްވި ޓްވީޓެއް ރައީސް ނަޝީދު ވަނީ ރި-ޓްވީޓް ކުރައްވާފަ އެވެ. އަދި އެމްޑީޕީ ކުރިއަށް ކަމަށް ވިދާޅުވެ "ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް" އެހެން ޖައްސަވާފައި ވެއެވެ.
އެ ޓްވީޓާއި ގުޅިގެން ފާޑުކީ ބައެއް މީހުން ވަނީ ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި އަދި ވާދަވެރި އިންތިހާބެއްގައި ޕާޓީގެ ރައީސް ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުން އެއީވެސް ޑިމޮކްރަސީތޯ ސުވާލު ކޮށްފަ އެވެ. އަދި ރައީސް ނަޝީދުގެ އެ އަމަލަކީ އިންތިހާބަށް ނުފޫޒު ފޯރުވުމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.
"އެތެރޭގެ އިންތިހާބަކަށް ޕާޓީގެ ރައީސް ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" މީހަކު ލިޔެފައި ވެއެވެ.
އެހެން މެންބަރަކު ބުނީ އެމްޑީޕީން ބާއްވާ ކޮންމެ ޕްރައިމަރީއަކާއި ގުޅިގެން ގިނަ މައްސަލަތައް ދިމާވާ ކަމަށެވެ. އަދި ގިނަ ފަހަރަށް މައްސަލަތައް ދިމާވަނީ މިނިވަން ކަމާއި ހަމަހަމަ ކަމާއެކު އިންތިހާބު ކުރިއަށް ގެންދަން ފުރުސަތު ނުދޭތީ ކަމަށެވެ. އެކަމަށް ލީޑަޝިޕުން އަބަދުވެސް ހުރަސްއަޅާ ކަމަށާ ވަކި ބަޔަކު ހޮވަން ލީޑަޝިޕުން މަސައްކަތް ކުރާ ކަމަށެވެ.
"މިހެން ވާތީ ޕްރައިމަރީތައް ބޮއްސުންްލަނީ،" އެމްޑީޕީގެ މެންބަރަކު ލިޔެފައި ވެއެވެ. "ނަމުން ޑިމޮކުރެޓިކު ކަމުން ޑިކްޓޭޓަރު. ތާރީހުގައި އެމްޑީޕީން ނުބާއްވާ ނަތީޖާއާ ނުކުޅޭ އިންތިހާބެއް،"
އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަލީ އާޒިމްވެސް ވަނީ ޝިފާއަށް ކާމިޔާބަށް އެދިވަޑައިގެން ޓްވީޓެއް ކުރައްވާފަ އެވެ. އެ ޓްވީޓްގެ ސްކްރީން ޝޮޓްތަކާއެކު ވެސް ބައެއް މެންބަރުން ވަނީ ރައީސް ނަޝީދަށް ރައްދު ދެއްވާފަ އެވެ. އެ މެންބަރުން ބުނީ ޕްރައިމަރީގެ އިންސާފުވެރިކަން ގެއްލުވާލަން ފުރަތަމަ ފެށި މަަސައްކަތަކީ ރައީސް ނަޝީދަށް ވަފާތެރި މަޖިލީސް މެންބަރުން ލައްވާ ވަކިވަކި ކެންޑިޑޭޓުންނަށް ތާއީދު ކުރާކަން ފާޅުގައި ހާމަކުރުން ކަމަށެވެ.
"ޕާޓީގެ ލީޑާޝިޕްގައި ތިއްބަވާ ބޭފުޅުން ހުރިހާ ކެންޑިޑޭޓުންނަށް ވެސް ތާއީދު ކުރާކަން ހާމަކުރަން ޖެހޭ. ވޯޓް ދެވޭނީ އެއް ކެންޑިޑޭޓަކަށް. ނަމަވެސް ފާޅުގައި އެ ކެންޑިޑޭޓެއްގެ ނަން ބުނެ ތާއީދު ކުރާކަން ހާމަކުރުމުން އެ ގެއްލެނީ ޕާޓީގެ މަސްލަހަތު. އެ އަރައިގަނެވެނީ އެހެން ކެންޑިޑޭޓުންގެ ހައްގަކަށް،" މެންބަރަކު ފޭސްބުކްގައި ލިޔެފައި އޮތެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު މެއި މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު އަންނަ ހޮނިހިރު ދުވަހު ދާއިރާތަކުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
އެމްޑީޕީން ވަނީ "ދާއިރާތަކުގެ އިންތިހާބު 2021" ގެ ޓައިމްލައިނެއް އާންމު ކޮށްފައެވެ.
އެޕާޓީން ބުނީ ދާއިރާތަކުގެ މަގާމްތަކަށް ކުރިމަތިލުމަށް ފުރުސަތު ހޮނިހިރު ދުވަހު ހުޅުވާލާއިރު އެ ދުވަހު ވޯޓާސް ލިސްޓް އާންމުކޮށް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ވެސް ހުޅުވާލާނެ ކަމަށެވެ. އަދި މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ލިސްޓަށް ހުށައަޅާ ޝަކުވާތައް ބަލައިގަންނާނެ ކަމަށެވެ.
ފައިނަލް ވޯޓާސް ލިސްޓް އާންމު ކުރާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ. އަދި ކެންޑިޑޭޓުން ވާދަ ކުރުމުގެ ފޯމް މެއި މަހުގެ އަށް ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖެހުމާއި ހަމައަށް ބަލައިގަންނާނެ އެވެ.
މެއި ނުވަވަނަ ދުވަބު ކެންޑިޑޭޓް މަންދޫބުންނަށް ފުރުސަތު ހުޅުވާލާއިރު އެ ފުރުސަތު 12 ވަނަ ދުވަހު ހަވީރު ހަތަރެއް ޖެހުމާއެކު ބަންދު ވާނެ އެވެ. އަދި ހަމަ އެ ދުވަހު ކެންޑިޑޭޓުންގެ ފައިނަލް ލިސްޓް، ކެންޑިޑޭޓުންގެ ނަންބަރާއެކު އިއުލާނު ކުރާނެ އެވެ. އެމްޑީޕީން ބުނީ އެތެރޭގެ އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ދާއިރާތަކުގައި ހިމެނޭ ޕާޓީގެ އާންމު މެންބަރުން ކަމަށެވެ. މި އިންތިޚާބުގައި ވޯޓުލެވޭނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ މެންބަރުންނަށެވެ.
އެތެރޭގެ އިންތިހާބަށް ހުޅުވާލުމާއެކު މިއަދުން ފެށިގެން މެއި މަހުގެ 29 ގެ ނިޔަލަށް ޕާޓީން މެމްބާޝިޕް ފޯމު ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށްވެސް އެމްޑީޕީން ބުންޏެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ޝައުގުވެރިކަން ފާޅުކޮށް އެކި ދާއިރާތަކަށް އެ ޕާޓީގެ މެންބަރުން ވަނީ ކެންޕެއިން ފައްޓަވާފައެވެ.