އެމްޑީޕީގެ އެތެރޭގެ އިންތިހާބުން ކާމިޔާބު ހޯއްދަވާ މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި މިނިސްޓަރު އިބްރާހިމް އަމީރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެމްޑީޕީގެ ގައުމީ މަޖިލީހުގެ އައު ދައުރުންވެސް ފުރުސަތު ހޯއްދަވައިފި އެވެ.
މިއަދުގެ އިންތިހާބުގައި މި ތިން ބޭފުޅުންގެ ކާމިޔާބަކީވެސް ސަރުކާރަށް ހާއްސަަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މުހިންމު ކާމިޔާބީ އެކެވެ.
މިނިސްޓަރު ފައްޔާޒު ވާދަކުރެއްވީ ގަމު ދާއިރާއަށެވެ. އަމީރު ވާދަކުރެއްވީ މެދު ދެކުނު ޕްރޮވިސްގެ ރައީސްގެ މަގާމަށެވެ. އަދި ބިގޭ ވާދަކުރެއްވީ އަލިފުށީ ދާއިރާއަށެވެ. އެންމެ ވާދަވެރިކަން އޮތީ އަލިފުށީ ދާއިރާއަށެވެ. އެއީ މަޖިލީހުގެ އެމްޑީޕީގެ ދެ މެންބަރުން އެ ދާއިރާއަށް ވާދަކުރެއްވުމުންނެވެ. އެއީ ބިގޭގެ އިތުރުން އިނގުރައިދޫ ދާއިރާގެ މެންބަރު އަހުމަދު ހަސަން (ހަސަންޓޭ) އެވެ. ހަސަންޓޭއަކީ އަލިފުށީ ބޭފުޅެކެވެ.
އަލިފުއްޓަކީ ސަަރުކާރުގެ ނަޒަރު ވަރަށް ބޮޑަށް ހުއްޓިފައި އޮތް ރަށެކެވެ. ކެންޕެއިންގެ ފޯރި ގަދަކަމުން ރަސްމީ ދަތުރުފުޅެއްގެ ސިފަ ޖައްސަވާ ރައީސް ސޯލިހް ވަނީ މެންބަރު ބިގޭއާއެކު އެ ރަށަށް ވަޑައިގެންފައެވެ. އަދި އެއާޕޯޓް މަޝްރޫއު ހިމެނޭހެން އެތައް މަސައްކަތެއް އިއުލާނު ކުރެއްވިއެވެ.
ހަސަންޓޭ ފާހަގަ ކުރެވިފައިވަނީ ރައީސް ނަޝީދުގެ ވަފާތެރި މެންބަރެއްގެ ގޮތުގައެވެ.
އަދި މިނިސްޓަރު އަމީރު އާއި މިނިސްޓަރު ފައްޔާޒަކީ މި ސަރުކާރުގައި ރައީސްގެ އެންމެ އަރިސް ބޭފުޅުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕްގައި ރައީސް ނަޝީދު އެންމެ ބޮޑަށް ފާޑުވިދާޅުވާ ދެ މިނިސްޓަރުންނަކީ ފައްޔާޒު އާއި އަމީރެވެ. އެ ދެ ބޭފުޅުންނަށް އަމާޒުކޮށް އެކި ފަހަރު މަތިން ނަޝީދު ވަނީ ކޮރަޕްޝަންގެ ތުހުމަތު ކުރައްވާފައެވެ. ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށްވެސް ނަޝީދު މަސައްކަތް ކުރެއްވިއެވެ. އަދި ފައްޔާޒު "އެކަހެރި" ކުރެއްވުމަށް އެމްޑީޕީގެ ޗެެއާޕާސަން މެދުވެރިކޮށް ރައީސް ނަޝީދު ވަނީ ސިޓީއަކުން ރައީސް ސޯލިހަށް އަންގަވާފައެވެ.
ނަމަވެސް އެއިން ކޮންމެ ކަމަކާ ދެކޮޅު ހައްދަވާ ރައީސް ސޯލިހް ވަނީ ވަރަށް ފާޅުގައި ފައްޔާޒު ދިފާއު ކުރައްވާފައެވެ. މި ސަރުކާރުގެ ވަޒީރުންނަށް އެކި ގޮތްގޮތުން ޕްރެޝަރުތަކާއި ފާޑުކިޔުން އަމާޒުވި ނަމަވެސް ފައްޔާޒުގެ ދިފާއުގައި ނޫނީ ރައީސް މިހާތަނަށް އެއްވެސް ކަމެއް ކުރައްވާފައެއް ނުވެއެވެ. ފައްޔާޒު ދުރުކޮށްފާނެތީ މަޖިލީސް މެންބަރުން ރައީސް އޮފީހަށް ހާޒިރުކޮށް އެ މެންބަރުންގެ އިތުބާރު ކަށަވަރު ކުރެއްވިއެވެ. އިތުބާރު ނެތް ކަމުގެ ވޯޓް ހުއްޓުވާ ގައުމީ މަޖިލީހުން ފައްޔާޒާ ދެކޮޅަށް ކަމެއް ނިންމުމަށްވެސް ހުރަސް އެޅުއްވިއެވެ.